މީގެ 40 އަހަރު ކުރިން ރާއްޖޭގެ ރަށްރަށުގައި ފާހިޝް އަމަލުތައް ހިންގީ އެންމެންނަށް އެނގޭ ވަރަށް ބައަކު ކަމަށާއި އެއީ ރަށެއްގައި 1، 2 މީހަކު ކަމަށާއި ނަމަވެސް މިއަދު އެކަން ކުރާމީހުންގެ އަދަދު އެއްވެސް ރަށެއްގައި ގުނިދާނެ ކަމާއިމެދު ޝައިޚް ޖައުފަރު ފާއިޒް ސުވާލު އުފައްދައިފިއެވެ.
މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް ޖައުފަރު ފާއިޒް ވިދާޅުވީ ފާހިޝް އަމަލުތައް ހިންގުމަކީ ފަހު ޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން އެންމެ ފައުޅުކަން ބޮޑުގޮތެއްގައި ޢާންމުވެގެންދާނެ އެއް ޢަލާމާތް ކަމަށެވެ. އަދި އެނގިގެން މިދަނީ މިރާއްޖޭގައިވެސް މިކަންކަން ޢާންމުވެފައިވާ މިންވަރު ކަމަށެވެ.
ޝައިޚް ޖައުފަރު ފާއިޒް ވިދާޅުވީ ހެދުންލައިގެން ބަރަހަނާކަންމަތީގައި އުޅޭ އަންހެނުންނާއި ފިރިހެނުންގެ އަދަދު ވެސް މިދަނީ އިތުރުވަމުން ކަމަށާއި މިއިން ކޮންމެ ކަމެއް ގުޅިފައިވަނީ ފަހުޒަމާނުގެ ޢަލާމާތްތަކާއި ކަމަށެވެ.
"ޔޫރަޕުގައި މިހާރުވެސް ބައްޕައަކީ ކާކުކަން ކަސަވަރު ނުވާ ދަރިންގެ އަދަދު 40 އިންސައްތަ. މިދާ ގޮތަށް އިތުރުވަމުން ދާނަމަ މީގެ ފަހުން 40 އަހަރު ވާއިރު 100 އިންސައްތައަށް އިތުރުވާނެ. އެމީހުންނަށް މިހާރަކު ކައިވެނި ކުރުން މުހިންމެއް ނޫން. ދަރީގެ ބައްޕަ އެނގުންވެސް މުހިންމެއް ނޫނެ. ޖިންސީ އެދުންތައް ފުއްދަން ވަކި ޖިންސަކަށް ބެލުންވެސް މުހިންމެއް ނޫން."
ޝައިޚް ޖައުފަރު ފާއިޒް ވިދާޅުވީ ބައަކު ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާއިރު މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަންކަން ކަމަށެވެ. އާޚިރަތް ލިބިގަތުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރާ ބައަކަށްވެސް ވާން ޖެހޭނެ ކަމަށެވެ.