މިއަދުގެ ހުކުރު ޚުޠޫބާގައި ވެރިންނަށް ނަޞްރު ދެއްވެވުން އެދި ޝައިޚް އިލްޔާސް ކުރެއްވި ދުޢާ ޢާއި ޚުޠުބާގައި ޢާންމުކޮށް ކުރާ ދުއާ ގައި ބޮޑު ތަފާތެއް ހުރިކަން ފާހަގަކުރެވިއްޖެއެވެ.
މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި އިމާމްވެ ހުކުރު ކުރައްވަވަމުން ޝައިޚް އިލްޔާސް ޙުސައިން މިއަދު ދުޢާ ކުރެއްވީ މިފަދައިންނެވެ.
"އިޞްލާހްގެ މަގުން އަޅަމެންގެ އެންމެހައި ކަންތައްތައް ކުރިއަށް ގެންދިއުމަށް އިނބަ ﷲ އިރާދަ ކުރައްވަވާފައިވާ އެންމެހައިވެރިންނަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަން މިންވަރުކޮށްދެއްވަވާނދޭވެ! މިލޮބުވެތި އިސްލާމީ ޤައުމުގެ ވަހްދަތާ ސިޔާދަތާ އިސްތިޤްލާލް ދަމަހައްޓައި އަދި އަޅަމެންގެ އެންމެހައި ކަންތައްތައް ދީނުގެ ތަރަހައިގެ ތެރޭގައި ކުރިއަށް ގެންދާ ބައަކު ކަމުގައި އެބައިމީހުން ލައްވަވާނދޭވެ!
އަޅަމެން ހައްދަވައި ގެންގުޅުއްވަވާ އިލާހް! އެގޮތުގެ މަތީން އެމީހުން ކުރިއަށް ވަޑައިގަންނަވާހައި ހިނދަކު އެމީހުންނަށް ނަޞްރާއި މަދަދު މިންވަރު ކުރައްވަވާނދޭވެ!"
ޝައިޚް އިލްޔާސް ދުޢާ ކުރައްވާފައިވަނީ މިލޮބުވެތި އިސްލާމީ ޤައުމުގެ ވަހްދަތާ ސިޔާދަތާ އިސްތިޤްލާލް ދަމަހައްޓައި އަދި އަޅަމެންގެ އެންމެހައި ކަންތައްތައް ދީނުގެ ތަރަހައިގެ ތެރޭގައި ކުރިއަށް ގެންދާ ބައަކު ކަމުގައި ވެރިން ލެއްވެވުމަށާއި އެގޮތުގެ މަތީން ވެރިން ކުރިއަށް ވަޑައިގަންނަވާހައި ހިނދަކު ވެރިންނަށް ނަޞްރާއި މަދަދު މިންވަރު ކުރެއްވެވުން އެދިއެވެ.
ޢާންމުކޮށް ކިޔާ ޚުޠުބާތަކުގައި ދުޢާ ކުރަނީ ކޮންމެ ގޮތަކުން ނަމަވެސް ވެރިކަމަށް އާދެވުމަށް ﷲ މިންވަރުކުރައްވައިފިނަމަ އެމީހަކު ކޮންމެ ގޮތަކަށް ވެރިކަން ކުރިނަމަވެސް ނަޞްރު ދެއްވެވުން އެދިއެވެ.
"އިޞްލާޙްގެ މަގުން ކަންކަން ހިންގެވުމަށް އިނބަރަސްކަލާނގެ އިރާދަ ކުރައްވާފައިވާ ވެރިންނަށް ނަޞްރު ދެއްވެވުން" އެދި ދުޢާ ކުރުމުން އެ ދުޢާ ކުރެވެނީ ވެރިކަން ލިބުމުން އެމީހަކު ކޮންމެ ގޮތަކަށް ވެރިކަން ކުރި ނަމަވެސް ނަޞްރު ދެއްވެވުން އެދިއެވެ. ވެރިކަން ﷲ ތަޢާލާ ދެއްވަވަނީ އިޞްލާޙްގެ މަގުން ކަންތައްތައް ކުރުމަށާއި އަދުލުވެރިވުމަށް އެމީހަކު އެތައް ހާސް ވައުދުވާފަހުންނެވެ. ނަމަވެސް ރާއްޖޭގައި ފެންނަމުން މިދަނީ ވެރިކަން ލިބުމުން އެ ވައުދުތައް މުގުރާލައި ރައްޔިތުންނަށް އަނިޔާވެރިވެ ވައްކަން ކުރަމުން ގެންދާ ތަނެވެ.
އެހެންކަމުން ވެރިކަން ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުން ހިތަށް އެރިހައި ގޮތަކަށް ވެރިކަންކުރާ ވެރިންނަށް ނަޞްރު ދެއްވެވުން އެދި ދުޢާ ކުރުމަކީ ކުރަން ހެޔޮ ނުވާނެ ކަމެއްކަމަށް ބައެއް ދީނީ ޢިލްމުވެރިން ގެންދަވަނީ ފަތުވާ ދެއްވަވަމުންނެވެ. އެފަދަ ބޭކަލުން ވިދާޅުވަނީ އިޞްލާޙްގެ މަގުން ވެރިކަން ކުރުމަށް ﷲ ތަޢާލާ ފުރުޞަތު ދެއްވެވުމުން ﷲ ތަޢާލާ އަށް އުރެދި ރައްޔިތުންނަށް "ހަރާންކޯރުވާ" ވެރިންނަށް ނަޞްރު ދެއްވެވުން އެދި ޚުޠުބާގައި ދުޢާކުރަން ހެޔޮ ނުވާނެ ކަމަށެވެ.