ދުނިޔަވީ ނާކާމިޔާބާއި އުޚުރަވީ އަބާޖަވެރިކަމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ މަރުހަނދާން ނުކުރުމެވެ. އިސްލާމް ދީނުގައި ވަނީ މަރުހަނދާންކޮށް، މަރަށް ތައްޔާރުވެ އަބަދުވެސް ތިބުމަށް އިރުޝާދު ދެއްވަވާފައެވެ.
އަދި މަރު ހަނދާން ކުރެވޭ ފަދަ ބައެއް އަމަލުތައް ކުރުމަކީ ނުހަނު ސަވާބާއި ދަރުމަހުރި ކަންތައްތައް ކަމުގައި ވަނީ ލައްވަވައިފައެވެ. މިގޮތުން ބަލި މީހުންނަށް ޒިޔާރަތް ކުރުމާއި، ޖަނާޒާގައި ބައިވެރިވުމާއި ޤަބުރުސްތާނަށް ޒިޔާރަތްކުރުން ހިމެނެއެވެ.
މަރުހަނދާން ކުރާމީހެއް ނަމަ އަބަދުވެސް ހުންނާނީ މަރަށް ތައްޔާރުވެގެންނެވެ. އަދި އަންނަން އޮތް ހަޔާތް ބާއްޖަވެރިވާ ފަދަ އަމަލުތައް ގިނަކުރާނެއެވެ. އެނޫން ކަންތައްތަކަށް ވަގުތު ނުދޭނެއެވެ. އެންމެ ބޮޑު ކާމިޔާބަކީ ތިމާ ހެއްދެވިފަރަތާއި ބައްދަލުވާ ދުވަހު، އެ އިލާހު ރުއްސަވާ ފަދަ އަމަލުތަކާއިގެން ގޮސް ސުވަރުގެ ވަދެވުމެވެ.
__ޝައިޚް އަޙްމްދު ނާޒިޙް