ބައެއް މީހުން ﷲ ގެ މަގުގައި ހޭދަކުރާއިރުވެސް ތިބެނީ އެކަމުގެ ސަބަބުން ފަޤީރުވެދާނެ ކަމުގެ ބިރުވެރިކަމުގައެވެ. އެއީ ތިމާގެ އަތުން ބީވެގެންދާ މުދައު ނުވަތަ ފައިސާ ކަމަށް ހީކޮށް އެކަމުގެ ބިރުގައެވެ. އެގޮތަށް އެކަންކަމަށް ބިރުވެތިވާ މީހުންނަށް ގާތީ ހަމަ އެގޮތް މެދުވެރިވުމެވެ.
އެހެން ނުހަދާށެވެ! ޞަދަޤާތެއް ކުރާއިރު އެއީ ތިމާގެ އަތުން ބީވެގެންދާ އެއްޗެއް ކަމަށް އެއްގޮގަތަކަށްވެސް ޤަބޫލު ނުކުރާށެވެ. އެއީ ތިބާއަށް ގެއްލިގެންދާ އެއްޗެއް ނޫނެވެ. އަބަދުވެސް ޔަޤީންކުރަންވީ ﷲ ގެ މަގުގައި ހޭދަކޮށްފި ނަމަ ހޭދަކުރި ޖީބަށް އެނބުރި ވަންނާނީ އެތައް ގުނައެއް އިތުރުވެގެން ކަމެވެ.
ތިމާ ކުރާ ހެޔޮ އަމަލުތައް އިޝްތިހާރުކޮށް އިސްރާފު ނުކުރާށެވެ! އެކަން ބާއްވަންވާނީ ތިމާ އާއި ﷲ ތަޢަލާ ޢާއި ދެމެދުގައެވެ. އެހެނީ ތިބާ ހެޔޮ އަމަލުތައް ކުރަނީ ﷲ ތަޢަލާގެ ރަހްމަތްފުޅަށް އެދިގެން ނޫން ހެއްޔެވެ؟ ތިބާ ކުރާ ކޮންމެ އަމަލެއް ﷲ ތަޢާލާ ހަމަ ވަގުތުން އެންމެ މޮޅަށް ދެކެ ދެނެވޮޑިގެންވެއެވެ. ވީއިރު ބައަކަށް އިޝްތިހާރުކޮށް އެކަމުގެ ބަރަކާތް ނަގާލަންވީ ކީއްކުރަން ހެއްޔެވެ؟
ޞަދަޤާތް ކުރެވޭނީ ހަމަ އެކަނި މުއްސަނދިންނަކަށް ނޫނެވެ. މުއްސަންޖަކު ހޭދަކުރާ މިލިއަނަކާއި ފަޤީރަކު ހޭދަ ކުރާ އެންމެ ފައިސާ ފޮތްޗެއްގެ އަގު ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ނުބައްދަލުވެދާނެކަން އަބަދުވެސް ހިތުގައި ބާއްވާށެވެ.
--މުފްތީ މެންކުގެ ދަރުސަކުން