ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި މީރާ ގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކޮށްފިއެވެ.
މީރާއިން ބުނެފައިވަނީ މިއީ މީރާގެ މުވައްޒަފުންކޮންމެ އަހަރަކުވެސް ހިންގަމުންދާ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށާއި މި ގޮތުން، މި އަހަރުގެ ހަރަކާތުގައި މީރާގެ މުވައްޒަފުންގެ ފަރާތުން 50،000 އަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަނީ ފިޔަވައްޗަށް ހަދިޔާކޮށްފައި ކަމަށެވެ.
މިއަދު ހަވީރު ފިޔަވަތީގައި ބޭއްވިމި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު،އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް،އުފާވެރި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ. މި ހަވީރުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ މުވައްޒަފުންބައިވެރިވެފައި ވެއެވެ. އަދިފިޔަވަތީގެ ޑިރެކްޓަރ އަހުމަދު އިމާދު އަދި ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު ޝަފީގުއާއި ފިޔަވަތީގެ މުވައްޒަފުން ބައިވެރިވިއެވެ.
މި ހަރަކާތާގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން މުވައްޒަފުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއީ މިފަދަ ގިނަ ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ރާވައި ހިންގަމުން ގެންދާކަމަށެވެ. ކޮމިޝަނަރގެ ވާހަކަފުޅުގައި ފިޔަވަތީގެ މުވައްޒަފުން ކުރައްވާ މުހިއްމު އަދި ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައިވެއެވެ.
ފިޔަވަތީގެ ޑެޕިއުޓީ ޑިރެކްޓަރގެ ވާހަކަފުޅުގައި، މީރާއަކީ މުޖުތަމައަށް އެހީތެރިވުމުގައި ނަމޫނާ މުއައްސަސާއެއްކަން ފާހަގަކުރައްވާ ފައިވެއެވެ.އަދި މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކުވެސް ލިބިގެންދާ އެހީތަކަކީ މިފަދަ ތަންތަން ހިންގުމަށް ލިބިގެންދާ ވަރަށް ބޮޑު އެހީތެރިކަމެއްކަން ފާހަގަކުރައްވައި މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން މުޢައްސަސާތަކުން ވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވިދާޅުވި އެވެ.