އިޒްރޭލުގެ ބާރު މިދަނީ ގަދަވަމުންނެވެ. މަދީނާގެ ބާރު މިދަނީ ކުޑަވަމުންނެވެ. މިއީ ޤިޔާމަތް ކައިރިވަމުން އަންނަ ކަމުގެ އެންމެ ބޮޑު އެއް ޢަލާމާތެވެ. މިއީ އާދައިގެ މައްސަލައެއް ނޫނެވެ. މިއީ ޤިޔާމަތްވުމާއި ގުޅިފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މައްކާ ފަތަޙަ ކުރެއްވެވުމަށްފަހު ވެސް އިސްލާމީ އުންމަތުގެ ވެރިކަން ކުރައްވަމުން ގެންދެވީ މަދީނާގައި ހުންނަވައިގެންނެވެ. އެމާތް ބިމުގައި ހުންނަވައިގެން ވެރިކަން ކުރެއްވީ މުހިންމު ސަބަބުތަކެއް ހުރުމުންނެވެ. ނަމަވެސް މިއަދު މުސްލިމުން މިވަނީ ވެރިކަން މަދީނާއިން ރިޔާޛަށް ބަދަލުކޮށްފައެވެ.
ސަބަބު އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ. މަދީނާގައި މުސްލިމުން ވެރިކަން ކުރަމުން އައީ އާރާއިބާރު ލިބިގެންތިބެއެވެ. ކުރަމުން އައީ ހަމައެކަނި އިސްލާމީ އުންމަތުގެ ވެރިކަމެއް ނޫނެވެ. މުޅި ދުނިޔޭގެ ވެރިކަމެވެ. މިއަދު އެވެރިކަމުގައި އެއްވެސް ޢާރެއް ބާރެއް ނެތެވެ. މީސްތަކުންގެ އިތުބާރެއްވެސް ނެތެވެ. އެހައިވެސް ވަރަށް ވަނީ ނިކަމެތިވެފައެވެ. މިހާލަތަށް ކަންކަން ދިއުމަކީ ޤިޔާމަތް ކައިރިވާކަމުގެ ބޮޑު ޢަލާމާތެކެވެ.
ދެން އެންމެ އަވަހަށް މީސްތަކުން ސިއްސުވައިލާނީ ބޮޑު ނިޔުކްލިއަރު ހަނގުރާމައަކުންނެވެ. ނޭނގެނީ އެ ހަނގުރާމަ ފެށޭނެ ދުވަހެކެވެ. ނަމަވެސް އެ ހަނގުރާމަ ފެށުން ދެން މާލަހެއް ނުވާނެ ކަމުގެ ޢަލާމާތްތައް މިދަނީ ފެންނަމުންނެވެ.
މީސްތަކުންނޭވެ! ރޭވިފައިވާ ގޮތަށް ދުނިޔޭގެ ކަންތައްތައް ދާނީ ހިނގަމުންނެވެ. އެއިން އެއްވެސް ކަމެއް ނުހުއްޓުވޭނެއެވެ. އެއިން ކަމެއް ލަހެއްވެސް ނުކުރެވޭނެއެވެ. ނަމަވެސް ކޮންމެ މީޙަކަށްވެސް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.
އެއީ ތިމާއަށް އުޅެން ޖެހިފައި މިވަނީ މިފަދަ ޒަމާނެއްކަމަށް ވިސްނައި އީމާންކަމުގައި ސާބިތުވެހުރުމެވެ. ދުނިޔެއަށް މިއަދު ޤިޔާމަތް ނުވި ނަމަވެސް ތިމާއަށް މިއަދުވެސް ޤިޔާމަތްވެދާނެކަމަށް ބަލައި މަރަށް ތައްޔާރުވެގެން ހުރުމެވެ.
ޤިޔާމަތް ކައިރިވާ ކަމުގެ ވާހަކަ ގިނަގިނައިން ދައްކަން މިޖެހެނީ ޤިޔާމަތްވުން ހުއްޓުވޭނެތީއެއް ނޫނެވެ. އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް ޤިޔާމަތް ކައިރިވަމުން އަންނަވަރަކަށް މީސްތަކުންގެ ޖާހިލުކަން ދާނީ އިތުރުވަމުންކަމަށް ވިސްނައި ތިމާއަކީ ޖާހިލަކު ކަމުގައި ނުވުމަށް ނަޞޭޙަތްތެރިވުމެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރުކުރުމަށް ހިތްވަރު ދިނުމެވެ.