ރާއްޖެއަށް އިންޑިއާއިން ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް މުއްދަތަށް ނުދެއްކިގެން ދިވެހި ދައުލަތުގެ ސިޔާދަތަށް ގެއްލުންވާ ހާލަތަށް ދިއަ: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ރާއްޖެއަށް އިންޑިއާއިން ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް މުއްދަތަށް ނުދެއްކިގެން ދިވެހި ދައުލަތުގެ ސިޔާދަތަށް ގެއްލުންވާ ހާލަތަށް ދިއަ: ޑރ. ޝަހީމް

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް އިންޑިއާއިން ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް މުއްދަތަށް ނުދެއްކިގެން ދިވެހި ދައުލަތުގެ ސިޔާދަތަށް ގެއްލުންވާ ހާލަތަށް ދިއަ ކަމަށާއި އެހާލަތުން ޤައުމު ސަލާމަތްކޮށް ދެއްވީ ޤައުމު ދެކެ ލޯބިވާ ދިވެހި ވިޔަފާރިވެރިއެއް ކަމަށް އެއިރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

"މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ހަމަ އެ ޤައުމުން (އިންޑިއާއިން) ނަގާފައި އިތް 50 މިލިއަން ޑޮލަރުގެ ލޯނު އެންމެފަހުން ދައްކަންޖެހޭ މުއްދަތު އިތުރުކޮށް ނުދީގެން އެންމެފަހުން ދިވެހިދައުލަތުގެ ސިޔާދަތަށް ގެއްލުންވާ ހިސާބަށް ގޮސްގެން ލާރި ވަގުތުން ދެއްކޭނެ ގޮތެއް އެވަގުތު ދައުލަތަށް ނެތިގެން ދިވެހި ވިޔަފާރިވެރިއެއް ވަގުތުން 50 މިލިއަން ޑޮލަރު ކޭޝްކޮށްފަ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ސަލާމަތްކޮށްދިނީ. އެއީ ޑރ. ވަޙިދުގެ ވެރިކަމުގައެވެ.

އެ ވިޔަފާރިވެރިޔާ ރާއްޖެ ސަލާމަތްކުރުމަށްޓަކައި އެހައި ބޮޑު ޤްރްބާނީއެއްވިކަން އެނގެނީ ކިތައް ކިތައް ދިވެހި ރައްޔިތުންނަށްބާ! އެއީ ސިޔާސީ ކަންކަމުން ފެންނަ ވިޔަފާރިވެރިއެއް ނޫން!." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ. ލޯނު ނުދެއްކިގެން ދިއަ ދުވަސްވަރު އިންޑިއާއިން ދިވެހި ދައުލަތުގެ ބައެއް ކަންކަމަށް ނުފޫޒު ފޯރުއްވަން މަސައްކަތްޕުޅުކރި ކަމުގެ މައުލޫމާތުވެސް އެދުވަސްވަރު ފެތުރުނެވެ. އެޙާލަތަށް ދިއުމުން ޤައުމު ސަލާމަތްކޮށްދެއްވީ ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށް މިއަދުނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޑރ. ޝަހީމް ވިދާޅުވެފައިއެވާފަދައިން އެ ވިޔަފާރިވެރިޔާއަކީ ސިޔާސީ އެއްވެސް ކަމެއްގައި އުޅުއްވާ ބޭފުޅެއް ނޫނެވެ. ޑރ.ޝަހީމް މިހެން ވިދާޅުވެފައި މިވަނީ އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑީޓް ފެސިލިޓީތަކެއް ހަމަޖައްސައިދީފައި ވަނިކޮށް އެކަމާއި ކަންބޮޑުވުން ފާލު ކުރެއްވުމުގެ ގޮތުން ނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތާއީދު ކުރެއްވި ޑރ.ޝަހީމް އޭރު ސަރުކާރުން ޗައިނާއިން ނެގި ލޯނު ތަކާ ގުޅޭގޮތުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރު މޯދީއާއި އެކު ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ހައިދަރުއާބާދު ހައުސްގައި ބޭއްވި މަޝްވަރާތަކަށް ފަހު، ދެ ގައުމުގެ ވެރިން ދެއްވި ޖޮއިންޓް ސްޓޭޓްމަންޓުގައި މޯދީ ވިދާޅުވީ، އެ ފައިސާ ދެއްވަނީ ތިން އުސޫލަކުން ކަމަށެވެ.

އެއީ މިހާރު ރާއްޖެ އަށް ދިމާވެފައިވާ ބަޖެޓުގެ ތާށިކަން ފިލުވުމަށް ދޭ ބަޖެޓް ސަޕޯޓާއި، ކަރަންސީ ސްވޮޕްގެ ގޮތުގައި ދޭން ހަމަޖެހިފައިވާ ފައިސާގެ އިތުރުން އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ އަށް ބޭނުން ކުރުމަށް ރާއްޖެ އަށް ދޭ ލައިން ކްރެޑިޓް އެވެ. ބެލެވޭގޮތުގައި 1.4 ބިލިޔަން ޑޮލަރުގެ ތެރެއިން 200 މިލިޔަން ޑޮލަރަކީ އިންޑިއާ އިން ރާއްޖެ އަށް، ބަޖެޓް ސަޕޯޓުގެ ގޮތުގައި ދޭ ހިލޭ އެހީ އެވެ.

އޭގެ އިތުރުން ބާކީ 1.2 ބިލިޔަން ރުފިޔާ އަކީ، ރާއްޖޭން ޗައިނާ އަށް ދަރާފައިވާ މިންވަރު ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ އަދަދެވެ. ލޯނުގެ އިތުރުން އިންޑިއާ އިން ވަނީ ދިވެހިންނަށް އިންޑިއާގެ ޔުނިވާސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން 1،000 ސްކޯލާޝިޕް ދޭން ނިންމާފަ އެވެ. އަދި ތަފާތު ހަތަރު ދާއިރާ ތަކުން އެއްބަސްވުންތަކުގައި ދެ ގައުމުން ވަނީ ސޮއި ވެސް ކޮށްފަ އެވެ.

އިއްޔެ ދެ ގައުމުން ސޮއި ކުރި އެއްބަސްވުންތަކަކީ، ދިވެހިން އިންޑިއާ އަށް ދަތުރު ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބޭގޮތަށް އެކުލަވާލާފައިވާ ވިސާގެ އެއްބަސްވުމާއި، ސަގާފީ ގޮތުން ދެ ގައުމުގެ ގުޅުންތައް ބަދަހިކުރުމަށް ސޮއިކުރެވުނު ކަލްޗަރަލް ކޯޕަރޭޝަން އެއްބަސްވުމާއި، ދަނޑުވެރިކަމާ ގުޅުންހުރި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ސޮއިކުރެވުނު އެގްރިކަލްޗަރަލް ކޯޕަރޭޝަން އެއްބަސްވުމުގެ އިތުރުން ދެ ގައުމުން ޓެކްނޮލޮޖީގެ ގޮތުން ގުޅުންތައް ބަދަހިކުރުމަށް ސޮއި ކުރެވުނު އައިސީޓީ އެއްބަސްވުމެވެ.

މިއަދު އޮންލައިން