"ރަނގަޅު މީހުންނާއިއެކު ވަގުތު ހޭދަކުރުމަކީ ތިމާގެ ނަފުސު ހޭލައްވާ ކަމެކެވެ. ޣާފިލުވެފައިވާ ހެޔޮ ކަންކަން މަތިން ހަނދާންވެ އެކަންކަން ކުރާހިތްވާ ކަމެކެވެ." މިއީ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ތިމާގެ އެކުވެރިންނަކީ ބަންގި ގޮވުމުން އެކަމަށް އިޖާބަދީ ނަމާދުކުރާ ބައެއް ނަމަ އެއާދަ ދާނީ ތިބާގެ ކިބައިގައިވެސް އަށަގަންނަމުންނެވެ. ހަމައެދައިން ތިބާގެ އެކުވެރިންނަކީ ނަމާދު ވަގުތު ޖެހުމުން ވެސް ސަމާލުކަން ނުދީ ކޮފީގައި ތިބޭ ބައެއް ނަމަ ތިބާގެ ކިބައިގައިވެސް އަށަގަންނަމުން ދާނީ އެގޮތަށް އަމަލުކުރުމުގެ އާދައެވެ.

ހަމައެފަދައިން ދޮގުހަދާ، ފާހިޝް އަމަލުތައް ކުރާ، ވައްކަން ކުރާ ނުވަތަ އެ ނޫންވެސް ނުބައި އަމަލުތައް ކުރާ މީހުންނާއިއެކު އުޅޭނަމަ ތިބާގެ ކިބައިގައިވެސް އަށަގަންނަމުން ދާނީ އެފަދަ ކަންކަން ކުރުމުގެ އާދައެވެ.
ހެޔޮ އަމަލުތައް ކުރާ މީހުންނާއިއެކު އުޅޭ ނަމަ އެކަންކަން ކުރުމަށް ލޯބި ޖެހި ތިބާއަކީ ވެސް އެކަންކަން ކުރާ މީހަކަށް ވެގެންދާނެއެވެ. އެކުވެރިންގެ ގޮތުގައިވެސް، ކައިވެނީގެ ބައިވެރިއަކަށްވެސް ހެޔޮ ލަފާ ޞާލިޙުން، ތަޤްވާވެރިން، އަޚްލާޤް ރަނގަޅު މީހުން ޚިޔާރުކުރަން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެ ސަބަބަށްޓަކައެވެ.