އެއީ 1996 ވަނަ އަހަރެވެ. އެއިރު އަޅުގަނޑު މަސައްކަތް ކުރީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައެވެ. އެދުވަސްވަރު އެ ރަށުގެ 70 ވަރަކަށް އަހަރުގެ މުސްކުޅިއަކަށް ވަރަށް ބޮޑު ކަމެއް ކުރިމަތިވިއެވެ. އެއީ ގިނަގިނައިން ހެއަށް ގޮތްވެ ބިންމައްޗަށް ވެއްޓުމެވެ.
ބައެއް ފަހަރު ނަމާދަށް ހުއްޓައިވެސް ވެއްޓެއެވެ. ނަމަވެސް އޭނާ ނަމާދުކުރުން ހުއްޓައެއް ނުލައެވެ. ޤަވާއިދުން ފަތިސް ނަމާދުވެސް ކުރެއެވެ. އޭނާގެ ބައްޔާއި ގުޅިގެން ފަރުވާކުރަން އިންޑިއާއަށް ވެސް ދިއައެވެ.
އެބާވަތުގެ ކަންކަން ޢާންކޮށް ކުރިމަތިވަނީ ސިކުނޑިއަށް ދިމާވާ މައްސަލައަކުން ކަމަށްވާތީ އެމްއާރުއައި އާއި އީއީޖީ އާއި އެހެންވެސް ޓެސްޓްތައް ހެދިއެވެ. ނަމަވެސް އެއްވެސް ޓެސްޓަކުން އެއްވެސް މައްސަލައެއް ނުފެނުނެވެ. އެނބުރަށަށް އައިސް ރާސުގައި ހުރި ބާސްކަރަން ކިޔާ އެންމެ އާދައިގެ ފެންވަރުގެ ޑޮކްޓަރަކަށް ދެއްކުމުން ހަށިގަނޑު ރަނގަޅަށް ބެލުމަށްފަހު ވަރަށް ކުޑަކުޑަ އޮޕަރޭޝަނެއްކޮށް މައިބަދަ ކައިރިން ބުރަކަށީގައި އިން ގޮށެއް ނެގިއެވެ. އެ ހިސާބުން އޭނާގެ ބަލި އެކުގައި ފަސޭހަވިއެވެ.
ވެއްޓުން ހުއްޓުނެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއީ ﷲ ތަޢާލާއަށް ވަކީލުކޮށް ނަމާދުކުރުން މަތީގައި ހުރުމުން އޭނާއަށް ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވި ނިޢްމަތެކެވެ. ހަމަ އެއާއިއެކު ޙަރާމް ފައިށާ ހިފައިގެން ފަރުވާކުރަން ފްރާންސަށް ދިއަ މީހެއްގެ ވާހަކަވެސް ހާމަކޮށްލާނަމެވެ. ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުންނަށް އޮޕަރޭޝަން ކުރެވުނީ ނުބައިކޮށެވެ. ހުޅުތައް ލެއްވުނީ ނުބައިކޮށެވެ.
ވީމާ މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައި އިބްރަތް ޙާޞިލުކުރަން ޖެހިފައިވާ ކަންކަން ކަމަށް ޤަބޫލުކުރަމެވެ. --މިއީ މިއަދުނޫހުގެ ކިޔުނެތެރިއަކު ހިއްޞާ ކުރެއްވި މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.