ބައެއް މީހުން ދެކޭ ގޮތުގައި ފާފަ ކުރުމުން އަޒާބު ދެއްވަވަނީ ހަމަ ހެޔޮ އަމަލުތަކަށް ސަވާބު ދެއްވަވާ ވެސް އުޞޫލުންނެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ﷲ ތަޢާލާ އަކީ ދީލަތިވަންތަ، އޯގާތެރިވަންތަ އިލާހްއެވެ.
އެއްވެސް ޝައްކެއް ނެތެވެ. ފާފަ ކުރާނަމަ ނަރަކައަށް ދާންޖެހޭނެއެވެ. އެހެނަސް ނަރަކައިން ސަލާމަތްވުމަށް ހާދަ ގިނަ ފުރުޞަތުތަކެއް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ހެޔޮ އަމަލުތައް ކުރަން ބޭނުންވާ މީހާއަށް އެކަމުގެ ފުރުޞަތުތައް އޮތީ ހާދަ ފަހިކޮށެވެ. ކުރެވޭ ފާފަ ފާފައަކަށްވެ ޢަޒާބު ލިބޭ ޙާލަތަށް މިދަނީ އެކަމުން ސަލާމަތްވުމަށް ހާދަ ގިނަ ފުރުޞަތުތަކެއް ދެއްވެވުމަށްފަހުގައެވެ.
ނިކަން ވިސްނައިލަމާހެއްޔެވެ؟
ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދު ނިކަން ވިސްނައި ފިކުރުކޮށްލަބަލާށެވެ! މީހަކު ހެޔޮ ކަމެއް ކުރަން ހިތަށް އެރުވި ނަމަވެސް އެކަން އެބަ ލިޔުއްވަވައެވެ. ހެޔޮ ކަމެއް ކުރިކަމުގެ ޘަވާބު އެބަ ލިޔުއްވަވައެވެ. އެ އަމަލު އެމީހާ ކޮށްފިނަމަ އެތައް ގުނައެއް އިތުރަށް އެބަ ޘަވާބު ދެއްވަވައެވެ.
މި ބަހުގެ މާނަ އޮޅުވައި ނުލާށެވެ! މީގެ މާނައަކީ އެއްވެސް ހެޔޮ އަމަލެއް ނުކޮށް، ނުވަތަ
ހަމަ އެއާއިއެކު ތައުބާ ވުމުގެ ފުރުޞަތަކީ އަބަދުވެސް ހުޅުއްވަވައިލައްވަވާފައިވާ ފުރުޞަތެކެވެ. އިޚްލާޞްތެރިކަމާއިއެކު ފުރިހަމަ ތައުބާއަކުން ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފެށުމުން ކުރިން ކުރެވުނު ފާފަތަކަކީ ކުރެވުނު ހެޔޮ އަމަލުތަކަށްވެސް ބަދަލުވެގެން އެބަދެއެވެ.
ހެޔޮ ކަންކަމަށް މިފަދަ މަތިވެރިކަން ހުރި ނަމަވެސް ފާފަ ޢާއިމެދު ކަންކަން މިވަނީ މުޅިން ތަފާތު ގޮތަކަށެވެ. ފާފައެއް ކުރަން ހިތުގައިލި ނަމަވެސް އެކަމެއް ނުލިޔުއްވަވައެވެ. ލިޔުއްވަވަނީ އެފާފައެއް ކުރުމުންނެވެ. އެ ފާފައެއް ކުރުމަށްފަހު ތައުބާވެސް ނުވިނަމައެވެ. އެހެނީ ފާފައެއް ކުރެވުނު ނަމަވެސް އެކަމަކުން ތައުބާވޭތޯ ބެއްލެވުމަށް މަލާއިކަތުން 6 ގަޑިއިރު އިންތިޒާރު ކުރައްވަވައެވެ. ފާފަކުރިކަމަށް ލިޔުއްވަވަނީ އެހައި އިރުވާއިރުވެސް ތައުބާ ނުވި ނަމައެވެ.
ވީމާ ކުރެވޭ ފާފަތަކާއިމެދު ކަންކަން ހިނގާ ގޮތާއި ހެޔޮ އަމަލުކުރުމުން ކަންކަން ހިނގާ ގޮތާއި އަޅާބަލައިފިނަމަ އުޑާއި ބިމާހައި ބޮޑު ތަފާތު އެބަހުރި ނޫން ހެއްޔެވެ؟ ވީމާ އަހަރެމެން ކޮންމެ މީހަކަށްވެސް އޮތީ ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފަން ގަދައަޅައި މަސައްކަތް ކުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން