ވަރަށް ގިނައިން ފިރިހެނުން އަނބިންނާއި ސުވާލުކުރެއެވެ. އަނބިމީހާ ދުނިޔޭގައި ހުއްޓާ އޭނާ މަރުވެއްޖެނަމަ ކަންތައް ކުރާނެ ގޮތަކާއިމެދުގައެވެ. އިތުރު ކައިވެންޏެއް ކުރާނީތޯއެވެ! މިފަދަ ސުވާލުތައް ކުރަނީ އަނބިމީހާ އިތުރު ކައިވެންޏެއް ކޮށްފާނެތީ އެކަމަށް ކަންބޮޑުވެގެންނެވެ.
މިފަދަ ސުވާލުތައް ކުރާއިރު ތިމާއަށްވުރެ ކުރިން އަނބިމީހާ މަރުވެއްޖެ ނަމަ ތިމާ ކަންތައް ކުރާނެ ގޮތް އަނބިމީހާއަށް ބުނެދޭން އުނދަގޫވެއެވެ. ބައެއް ފަހަރު އަނބިމީހާ ދިރިހުންނަ އިރުވެސް، އަނބިމީހާ މަރުވެއްޖެނަމަ ކައިވެނި ކުރާނެ 2، 3 އަންހެނުން ކިޔޫގައި ބައިތިއްބައެވެ. "ސުބްހާނަﷲ! މިފަދަ ހާލަތުން އަހަރެމެން އެންމެން ސަލާމަތް ކުރައްވަވާށި! އާމީން."
އެއް ދުވަހަކު ފިރިއަކު އޭނާގެ އަނބިމީހާ އާއި ސުވާލުކުރިއެވެ. އޭނާ މަރުވެއްޖެނަމަ ކަންތައް ކުރާނެ ގޮތަކާއިމެދުގައެވެ. މާނައަކީ އެހެން ފިރިހެނަކާއި ކައިވެނިކުރާނަންތޯއެވެ!
ޖަވާބުގައި އަނބިމީހާ ބުނީ އިތުރު ކައިވެންޏެއް ނުކުރާނެ ކަމަށާއި އޭނާގެ އަނހެން ކޮއްކޮ އާއިއެކު އެގޭގައި ދިރިއުޅޭނީ ކަމަށެވެ. އަދި އޭނާ މަރުވެއްޖެ ނަމަ ފިރިމީހާ ކަންތައް ކުރާނެ ގޮތަކާއިމެދު ސުވާލުކުރުމުން ބުނީ އޭނާ ވެސް އަނބިމީހާގެ އަންހެން ކޮއްކޮ، ފަހަރި ޢާއިއެކުގައި އުޅޭނީ ކަމަށެވެ. މިވީ ގޮތް ނިކަން ވިސްނައިބަލާށެވެ!
ފިރިމީހާ މަރުވެއްޖެ ނަމަ ދަރިން ގޮވައިގެން ނުވަތަ އެކަނި ނަމަވެސް ދިރިއުޅުމުގެ ތަނަވަސްކަން ނެތް ނަމަ ހަމަ އެންމެ ރަނގަޅު ގޮތަކީ ކައިވެންޏެއް ކުރުމެވެ. ޚާއްޞަކޮށް ފާފައެއް ކުރެވިދާނެ ކަމާއިމެދު ކިތަންމެ ކުޑަ ނަމަވެސް ޝައްކެއް ކުރެވޭ ނަމައެވެ. އެކަމަށް ފިރިން ދުނިޔޭގައި ތިބެ ހުރަސް އަޅައި ގޮތް ކިޔުމަކީ ކުރަން ރަނގަޅު ކަމެއް ނޫނެވެ!
ކަންބޮޑުވާންވީ މަރުވުމުން އަނބިމީހާ އިތުރު ކައިވެންޏެއް ކޮށްފާނެ ކަމަކަށް ނޫނެވެ. ކަންބޮޑުވާންވާންވީ ކުރެވޭ ހެޔޮ އަމަލުތަކާއިމެދުގައެވެ. ކުރެވޭ ހެޔޮ އަމަލުތައް މަދުވެދާނެ ކަމަށްޓަކައެވެ. ތިބާގެ ޖަނާޒާ ނިންމުމަށްފަހު އަނބިދަރިން އެނބުރި ދާނީއެވެ. ތިބާއާއިއެކު ކައްވަޅަށް ގެންދެވޭނީ ތިބާ ކުރި ހެޔޮ އަމަލެއް އެކަންޏެވެ! ވީއިރު ވިސްނަން އޮތީ އިތުރު ކޮން ކަމެއް ހެއްޔެވެ؟
--މުފްތީ މެންކުގެ ދަރުސަކުން