މީހަކު ދެކެ ރުޅިއަންނަން ޖެހޭނީ ވެސް އަދި ލޯބިވާން ވާނީ ވެސް ﷲ ތަޢާލާއަށްޓަކައި އެކަންޏެވެ. އެއްވެސް ހާލެއްގައި ދުނިޔަވީ އެއްވެސް މަޞަލަހަތަކަށްޓަކައި މީހަކު ދެކެ ރުޅިއައިސްގެން ވެސް ނުވާނެއެވެ. އަދި ލޯބިވެސް ވެގެން ނުވާނެއެވެ.
އިސްލާމް ދީނަށް އުނިކަމެއް އަތުވެދާނެ ކަމެއް އެއްވެސް މީހަކު ކުރާނަމަ އެމީހަކު ދެކެ ކޮންމެ މީހަކުވެސް ރުޅިއަންނަން ޖެހޭނެއެވެ. އިސްލާމީ މުޖުތަމައުއަށް ގެއްލުން ލިބިދާނެ ފަދަ ކަމެއް ކުރާނަމަ ވެސް ރުޅިއަންނަން ޖެހޭނެއެވެ.
އެމީހެއްގެ ހިތުގައި އީމާންކަމުގެ ޒައްރެއްގެ މިންވަރުވެސް އޮތްނަމަ އިސްލާމް ދީނަށް، ﷲ ތަޢާލާގެ ފޮތާއިމެދުގައި ނުބައި ބަސްތައް ބުނާ އަޑު އިވޭ ހިނދުގައި ރުޅި އަންނަން ޖެހޭނެއެވެ. މީހަކު ނުބައިކަމެއް ކުރާތަން ފެނިއްޖެނަމަ އަތުން އެކަން ހުއްޓުވުމުގެ ބާރުލިބިގެންވާ މީހާ އަތުން އެކަން ހުއްޓުވަން މަސައްކަތްކުރަން ޖެހޭނެއެވެ. އަތުން ހުއްޓުވުމުގެ ޤާބިލުކަން ނެތްނަމަ ދުލުން ބުނެގެން އެކަން ހުއްޓުވަން މަސައްކަތްކުރަން ޖެހޭނެއެވެ. ދުލުން ބުނުމުގެ ކުޅަދާނަކަން ލިބިފައި ނުވާނަމަ ހިތުން އެކަން ކުށްވެރިކުރަން ޖެހޭނެއެވެ.
ކޮންމެ މީހަކުވެސް ވާންވާނީ އިސްލާމް ދީނަށް ނަޞްރުދީ އިސްލާމް ދީން ކުރިއަރުވަން މަސައްކަތް ކުރާ މީހަކަށެވެ. އެއީ ކޮންމެ މުސލިމެއްގެ މައްޗަށްވެސް އޮތް ދީނީ ވާޖިބެކެވެ. އަދާކުރަންޖެހޭނެ މަސްއޫލިއްޔަތެކެވެ. - ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޢަލީ ޒައިދު ދެއްވި ދަރުސުން ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު ހަމަ މި ދިވެހިރާއްޖޭގައި އިސްލާމް ދީނާއި ދެކޮޅަށް ފައުޅުގައި އެތައް ކަމެއް ކުރަމުން އެބަގެންދެއެވެ.
އިސްލާމް ދީނުގެ ޙުކުމްތަކާއި އުޞޫލުތަކަށް އެބަ ފުރައްސާރަ ކުރެއެވެ. އެކަންކަމުގެ ސަބަބުން ޢަޤީދާގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ނަމަވެސް އެފަދަ ކަމެއް ކުރަނިކޮށް ފެނުނު ނަމަވެސް އެކަމާއިމެދު އަޅައިލަނީ ވަރަށް މަދު މީހެކެވެ. އެކަންކަން ހުއްޓުވަން ޖެހޭ ދައުލަތުގެ މުއައްސަސާތަކަށްވެސް އެކަށީގެންވާ ގޮތެއްގައި އެކަން ކުރެވޭތަނެއް ނުފެނެއެވެ.