ލޮބުވެތި ކަނބަލުންނޭވެ! ނަމާދަށް ބަންގި ގޮވީމާ ކައްކަން ބަދިގޭގައި ނުތިބޭށެވެ. ނުވަތަ އެހެން މަސައްކަތެއް ކުރަންވެސް ނުތިބޭށެވެ. އަވަހަށް ނަމާދުކުރަން މަސައްކަތް ކުރާށެވެ. ނަމާދު ކުރުމަށްފަހު މަސައްކަތާއިގެން ކުރިއަށްދާށެވެ. ނޫން ނަމަ ގިނަ ފަހަރަށް އޮންނާނީ ނަމާދު ނުކުރެވި އުޅެނިކޮށް ވަގުތު ފާއިތުވެފައެވެ.
ގިނަ އަންހެނުންނަށް ވަގުތުގައި ނަމާދު ނުކުރެވެނީ "މިކަން ނިންމާލާފައި" ކުރަން މަޑުކުރާތީއެވެ. ކުރަން ހުންނަ މަސައްކަތްތައް ދުވަހަކުވެސް ނުނިމޭނެއެވެ. ނަމަވެސް ގަޑި ހިނގާވަރަކުން ނުވަތަ އިރު ދައރުކުރާވަރަކުން ނަމާދު ވަގުތުތައް ދާނީ ފާއިތުވަމުންނެވެ.
ފިރިމީހާ ގެއަށް އަންނަންވާއިރަށް ކެއްކުމަކީ ވެސް މުހިންމު ކަމެކެވެ. ނަމަވެސް އެންމެ މުހިންމީ ވަގުތު ޖެހުމުން ނަމާދު ކުރުމެވެ. ނަމާދު ވަގުތު ޖެހުމުން އެއަށްވުރެ ވަކިން މުހިންމު އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ.
ގިނަ އަންހެނުންނަށް މިމައްސަލަ ކުރިމަތިވަނީ ފިރިންގެ ސަބަބުންނެވެ. ގެއަށް ވަންނައިރު ކެއުން ތައްޔާރަށް ނެތްނަމަ ސިންގާއެއް ފަދައިން އަނބިންނާއި ދިމާއަށް ފުންމައި ގަންނާތީ އެކަމަށް ބިރުގަންނަވަރުންނެވެ. ފިރިންނޭވެ! އެހެން ނުހަދާށެވެ! އަނބިންނަށް ނަމާދުކުރާނެ ފުރުޞަތު ދިނުމަކީ ތިއަބައިމީހުންގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބެވެ.
ތިބާ ގެއަށް ދިއައީ ވަރަށް ބަނޑުހައި ވެގެންހުރެ ކަމަށްވެދާނެއެވެ. ގެއަށް ވަންނައިރު ކާން ހެދިފައި ނެތް ނަމަވެސް ރުޅި އިސް ނުކުރާށެވެ! އަނބިމީހާ ހުރީ ނަމާދުކުރަން ނަމަ އެކަމަށްޓަކައި އުފާކުރާށެވެ! އެކަމަށް ހިތްވަރުދޭށެވެ. މާބޮޑަށް ބަނޑުހައިވެގެން ހުރިނަމަ ބިސްމިﷲ ކިޔައި ބިސްކޯދެއް ކައިލުމަށްފަހު ބައިތަށި ފެން ބޮއެލި ނަމަވެސް އެވަގުތަށް ފުދޭނެއެވެ!
ކާން ނުހަދައި ސިރީޒް ބަލަން އިންނަމަ އެއީ ތަފާތު މައްސަލައެކެވެ. އެހާލަތުގައިވެސް ޓީވީ ތަޅައިނުލާށެވެ! އައު ޓީވީ ގަންނަން ޖެހޭނީ ވެސް ހަމަ ތިބާއަށެވެ.a