ރެކޯޑް ހަދަން ކުރާ އަޅުކަމުން ކުރާނެ ފައިދާއެއް ނެތް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ރެކޯޑް ހަދަން ކުރާ އަޅުކަމުން ކުރާނެ ފައިދާއެއް ނެތް: މުފްތީ މެންކް

ބައެއް މީހުން ފަޚުރުވެރިވެލާފައި ބުނެއެވެ. "ތިމަންނަ ކޮންމެ 3 ދުވަހަކުން ނޫނި 7 ދުވަހަކުން ޚަތިމެއް ކުރަމެވެ. ތިމަންނަ ކޮންމެ ދުވަހަކު މިވެނި އަދަދަކަށް ސުންނަތް ނަމާދުތައް ކުރަމެވެ. ތިމަންނަ ކޮންމެ ދުވަހަކު މިވެނި އެވެނި އަދަދުތަކަށް ޛިކުރު ކުރަމެވެ." 

 

މިފަދަ މޭރުމުން ބުނެއުޅޭ މީހުންނަށް ހީވެފައި އޮންނަނީ ކުރެވޭ އަޅުކަމުގެ އަދަދު ގިނަ ކުރުމުން ހުރިހާ ކަމެއް ޙާޞިލުކުރެވުނީ ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ކިތަންމެ ގިނައިން އަޅުކަން ކުރި ނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ކުރަންޖެހޭ ފެންވަރުގައި ކުރަންޖެހޭ ގޮތަށް ކުރާ އަޅުކަމެވެ. 

 

ގިނަގިނައިން އަޅުކަން ކުރުމަކީ ރަނގަޅު ކަމެކެވެ. ކުރަންޖެހޭ ވެސް ކަމެކެވެ. އަހަރެމެން ދުނިޔެއަށް ފޮނުއްވެވިފައި މިވަނީ އަޅުކަން ކުރުމަށެވެ. ނަމަވެސް ތިމާ ކުރާ އަޅުކަން އަޅުކަމަކަށް ވާނީ ރަނގަޅު ގޮތުގައި ކުރުމުންނެވެ. ރަނގަޅު ފެންވަރުގައި ކުރުމުންނެވެ. ރަނގަޅު ގޮތުގައި ރަނގަޅު ފެންވަރުގައި ގިނަގިނަ ގިނައިން އަޅުކަން ކުރެވޭނަމަ އެކުރެވުނީ މޮޅު ކަމެކެވެ. 

 

މުލްކް ސޫރަތަކީ އަހަރެމެން އެންމެ ގިނައިން ކިޔަވާ އެއް ސޫރަތެވެ. އެސޫރަތް ކިޔަވާއިރު މާނައަށް ވިސްނާނަމަ މިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ސޫރަތުގެ 2 ވަނަ އާޔަތަށް ނިކަން ބަލައިލަބަލާށެވެ! އާޔަތުގެ މާނައަށް ނިކަން ފިކުރު ހިންގައިބަލާށެވެ! 

 

"އެކަލާނގެއީ ތިއަބައިމީހުންކުރެ ޢަމަލު އެންމެ ރަނގަޅީ ކާކުތޯ އިމްތިޙާން ކުރެއްވެވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢަޒީޒްވަންތަ، ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެއެވެ."  (ސޫރަތުލްމުލްކް- 2)

 

މިއާޔަތުގައި ﷲ ތަޢާލާ އެވަނީ އަހަރެމެން ދުނިޔެއަށް ފޮނުއްވެވި ސަބަބު ވަރަށް ރަނގަޅަށް ބަޔާންކޮށް ދެއްވަވައިފައެވެ. އެއީ މީސްތަކުންކުރެ ޢަމަލު އެންމެ ރަނގަޅީ ކާކުތޯ އިމްތިޙާން ކުރެއްވެވުމަށްޓަކައި ކަމަށް އޮތުމުން އެނގެނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ރަނގަޅު ފެންވަރުގައި ކުރާ ޢަމަލުތައް ކަމެވެ. ހަމަ އެފަދައިން ދިރިހުރުން މިންވަރުފުޅު ކުރައްވަވަނީ ރަނގަޅު ފެންވަރުގައި އަޅުކަން ކުރަން ކަމާއި މަރުވުމަށް އިރާދަކުރައްވަވާފައި މިވަނީ ދިރިހުރެ ކުރި އަމަލުތަކަށް ޙައްޤު ޖަޒާ ދެއްވަވަން ކަމެވެ. ދެއްވެވި ވަޒީފާގައި ކުރި މަސައްކަތްތަކަށް އުޖޫރަ ދެއްވެވުމަށް ކަމަށްވެސް ބުނެވިދާނެއެވެ. 

 

 ވީމާ އަދަދު ގިނަކުރަން ބަންޑެލި ބަންޑެއްޔަށް އަޅުކަން ކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ގަދައަޅައި މަސައްކަތް ކުރަންވީ ކުރެވޭ އަދަދު މަދުވި ނަމަވެސް ކުރާ އަޅުކަން ވީހައި ރަނގަޅުފެންވަރުގައި ކުރުމަށެވެ. 

 

މިސާލަކަށް ނަމާދުގެ ކުރިން، ބަންގި ޢާއި ޤަމަތް ދިނުމާއި ދެމެދު ލިބޭ ވަގުތުކޮޅުގައި އަވަސް އަރުވާލައިގެން، ސުންނަތުގެ 4 ރަކްޢަތް ކުރުމުގެ ބަދަލުގައި 2 ރަކްޢަތް ނަމަވެސް ފުރިހަމަ ގޮތުގައި ކުރެވޭތޯ މަސައްކަތް ކުރާށެވެ. ކިޔޭ ތަކެއްޗަށް ސަމާލުކަން ދީގެން މާނަ ހިތަށް ގެންނަމުން ކިޔަވަންވީ ގޮތަށް ކިޔަވަމުން 2 ރަކްޢަތް ނަމަވެސް ކުރެވޭތޯ ބަލާށެވެ. ހަމައެފަދައިން  ޚަޠިމެއް ކުރެވެނީ ކިތަންމެ ގިނަ ދުވަހަކުން ނަމަވެސް ކިޔަވަންވީ ގޮތުގައި ކިޔަވައިގެން ޚަޠިމް ކުރާށެވެ. އެކަންކަމުން އެއްވެސް ފައިދާއެއް ތިމާއަށް ކުރާނީ އެއިރުންނެވެ. 

 

އަވަސް އަރުވާލައިގެން ގިނަ ފަހަރު ނަމާދުކުރަން ޖެހެނީ އަމަލުކުރެވޭ ގޮތުންނެވެ. 3 ޖަހާއިރު ޢަޞްރު ނަމާދު ވަގުތުވުމުން ނަމާދު ކުރުމަށް އަވަސްވެގަތުމުގެ ބަދަލުގައި، އިރު އޮއްސެންދެން ވަގުތު އެބައޮތް ކަމަށް ބަލައި މަޑުކުރަނީއެވެ. ޢަޞްރް ނަމާދަށް ދެވެނީ މަޣްރިބް ނަމާދަށް ބަންގި ގޮވަން އިމާމް މީހާ ތައްޔާރުވާ ވަގުތުއެވެ. ދެން މިޖެހެނީ ރާސްލާފައި ޢަޞްރު ނަމާދުގެ 4 ރަކްޢަތް ކުރާށެވެ. 

 

އެހެން ނުހަދާށެވެ. ނަމާދަށް ބަންގި ގޮވުމުން "ނަމާދާއެވެ. މިކަން ކޮށްލާފައި ދަންދެން މަޑުކޮށްލާށެވެ." ނަމާދު ކައިރީގައި ބުނުމުގެ ބަދަލުގައި ބުނަން ޖެހޭނީ "މަސައްކަތާއެވެ. ނަމާދުކޮށްލައިގެން އަންނަންދެން މަޑުކޮށްލާށެވެ." ތެޅިފޮޅި ނުގަނެ، ކުރަންވާ ގޮތަށް ނަމާދު ކުރެވޭނީ އެއިރުންނެވެ. ނަމާދު ކުރުމުން ލިބެންވާ ފުރިހަމަ ސަވާބު ލިބޭނީ އެއިރުންނެވެ.

މިއަދު އޮންލައިން