ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވައުދު ފުއްދުމަށް ވަކި ޕާޓީއެއްގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި ބޭނުން ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ވެރިކަން ކޮށްދިނުމަށްވުރެ، ބޮޑު ވައުދެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައި ނުވާ ކަމަށާއި ރައީސް ހޮވިވަޑައިގަތީ، އިއްތިހާދުގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ނޫން ކަމަށެވެ.
"ވައުދު ފުއްދާކަށް ކޯލިޝަންގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ ބޭނުމެއް ނުވޭ. ބޭނުމީ އިހްލާސްތެރިކަން،" އަމީން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
މީގެއިތުރުން އަމީން ވިދާޅުވީ، ވެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވީ ކޯލިޝަން ސަރުކާރެއް އުފެއްދުމުގެ ބޭނުމުގަ ކަމަށާއި އެހެންކަމުން ރައީސް ސޯލިހްގެ ވައުދުތައް ފުއްދުމަށް މަޖިލީހުގައި ކޯލިޝަން މެޖޯރިޓީ އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.