މަރަށް މަރު ހިފަނީ އުފާވެރިޙަޔާތެއް ހޯދާށެވެ.
އިސްލާމީ ޝަރީޢަތުގައިވާ ގޮތުގައި މަރަށް މަރު ހިފުމަކީ އެއީ ޙަޔާތުގެ ބާއްޖަވެރިކަމާއި އުފާވެރިކަމަށް ވަރަށް މުހިއްމު ކަމެކެވެ. އެއާއި ނުލައި އިންސާނުން ދިރިއުޅެން ނިންމައިފިނަމަ ފަސާދައިގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ. މިހެންވެ އިންސާނީ ޙައްޤުތަކަށް އެންމެ ވަރުގަދައަށް ގޮވާ އެއް ޤައުމުކަމުގައިވާ އެމެރިކާގައިވެސް މަރަށް މަރުހިފައެވެ. އަދި ޤައުމުގެ އަމާންކަމަށް ނުރައްކާތެރި މީހުން މަރާހަދައެވެ. ޓެކްސަސްގައި 2011 ގައި މަރުގެ ޙުކުމް ތަންފީޒް ކޮށްފައިވެއެވެ. ޔޫރަޕުގައިވެސް އަދި އޭޝިޔާގައިވެސް މަރުގެ ޙުކުމް ތަންފީޒް ކޮށްފައިވެއެވެ. ރަޝިޔާގައިވެސް މިކަން ކޮށްފައި އެބަވެއެވެ. ޞައްދާމް ދަންޖައްސާ މަރާލީ އެންމެންގެ ކުރިމަތީގައި އަޅުގަނޑުމެން މުސްލިމުން އެންމެ އުފާވާ ޢީދު ދުވަހުގައިއެވެ. އެހެންވީމާ މިއީ ހަމައެކަނި މުސްލިމުންގެ ކަމެއްނޫނެވެ. ނަމަވެސް މުސްލިމުން މިކަންކުރާގޮތް ކާފަރުންނާއި ވަރަށް ތަފާތެވެ. އެއީ ކޮންމެ ކަމެއްގައިވެސް ކާފަރުންނާއި ތަފާތުވެވެން އޮތްނަމަ ތަފާތުވުމަކީ ޝަރީޢަތުގެ މަޤްޞަދެއް ކަމުގައިވެސް ވާތީއެވެ.
ކުރީގައި ބަޔާންކުރިފަދައިން ކާފަރުންވެސް މީހުން މަރައެވެ. ކަރަންޓުދީ ލޯ ބޯ ޗިސްކޮށްވެސް އެބަ މަރައެވެ. ނައްތާލުމަށް އަލިފާން ޗެމްބަރައަކަށްލާ އަންދައެވެ. އަދިވެސް އެހެނިހެން އަނިޔާދީ މަރައެވެ. ނަމަވެސް މުސްލިމުން ކަންކުރާގޮތް ވަރަށް ތަފާތެވެ. އެކަމަކު ތަފާތުވާން ޖެހެނީ ތަފާތުވުމުގައި މަސްލަޙަތު އޮތް ނަމައެވެ. އަދި އެކަމުގައި މުސްލިމުންނަށް ގެއްލުމެއް ނުނުކުންނަ ނަމައެވެ. އެއީ"ދަރްއުލް މަފާސިދު މުޤައްދަމުން ޢަލާ ޖަލްބިލް މަޞާލިޙް" އަދި "ލާ ޟަރަރަ ވަލާ ޟިރާރު" އަދިވެސް މިފަދަ މުހިއްމު ޤަވާޢިދުތަކަށް ރިޢާޔަތް ކޮށެވެ. ކީރިތި ޤުރުއާނުން ސާބިތުވާ ގޮތުގައި ޔަހޫދީންނާއި ނަޞާރާއިން މުސްލިމުންނަށް ފުރިހަމައަށް ރުހޭނީ އެމީހުންގެ ގޮތްތަކަށް ތަބަޢަވުމުންނެވެ. އެއީ ސޫރަތުލް ބަޤަރާގެ 120 ވަނަ އާޔަތުގައިވާފަދައިންނެވެ. ( ولن ترضى عنك اليهود ولا النصارى حتى تتبع ملتهم) މާނައީ:"ކަލޭގެފާނު އެމީހުންނާއި ތަބަޢަވެއްޖައުމަށް ދާންދެން އެމީހުން ކަލޭގެފާނަކަށް ނުރުހޭނެއެވެ". ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.:" لتتبعن سنن من كان قبلكم حذو القذة بالقذة حتى لو دخلوا جحر ضب لدخلتموه" ޔަހޫދީންނާއި ނަޞާރާއިންނާއި ތިޔަބައިމީހުން ތަބަޢަވަމުންގޮސް އެމީހުން ޟައްބުގެ ހޮރަށްވަނަސް ތިޔަބައިމީހުން އެމީހުންނާއިއެކީ ވަންނާނެއެވެ". މިހާވެސް ބޮޑަށް ބައެއް މުސްލިމުން އެމީހުންނާއި ތަބަޢަވަމުން އެބަދެއެވެ.
ވީމާ ޤިޞާޞް ހިފުމަކީ އަޅުކަމަކަށްވާ އިރު އަދި މިމަތިވެރި ޝަރީޢަތުގައި ވަރަށް މުހިއްމުކަމެއް ދީފައިވާ ކަމަކަށްވާއިރު މިކަމުގައި އަޅުގަނޑުމެން ކާފިރުންނާއި ތަބަޢަވުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއްކަމަށް ނުފެނެއެވެ.
ލިޔުއްވީ: ޝައިޚް ނަސްރުﷲ މުސްޠަފާ