މަރުވުމާއިމެދު ވިސްނާ މީހުން މިދަނީ މަދުވަމުންނެވެ. ސަބަބެއްކަމަށް ބެލެވެނީ އިންސާނުންގެ ލޯތަކަށް މަރު ނުފެންނަކަމެވެ. ކައްވަޅުގައި ލިބޭ އަޒާބުވެސް ނުފެންނަކަމެވެ.
މަރުވުމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް ހީކުރެވުނު ނަމަވެސް އެއީ ވަރަށް ވޭންހުރި ކަމެކެވެ. މަރުގެ މަލާއިކަތާ ވަޑައިގެން ފުރާނަ ގެންދަވާ ވަގުތު އެމީހާއަށް އުފުލަންޖެހޭ ވޭން ނުއެނގެނީ އެކަންކަން މީސްތަކުންގެ ލޯތަކަށް ނުފެންނާތީއެވެ. އެކަންކަން މީސްތަކުންނަށް ﷲ ތަޢާލާ ނުދައްކަވާތީއެވެ.
އެކަންކަން މީސްތަކުންގެ ލޯތަކަށް ދައްކަވާނަމަ ހެޔޮ ލަފާ މީހުންނާއި ނަރަކަވަންތަވެރިން ވަކިކުރަންވެސް އެނގިދާނެއެވެ. އެހެނީ ނަރަކަވަންތަވެރިންގެ ފުރާނަ ގެންދަވާއިރު އުފުލަން ޖެހޭ ވޭނާއި ތަކްލީފްތައް ބޮޑުވާނެތީއެވެ. އަޅާނެ ވޭންވެސް އެހައިމެ ބޮޑުވާނެތީއެވެ.
ބައެއް ފަހަރު ވަރަށް ނުބައިކޮށް އުޅޭ މީހާގެ ފުރާނަ ގެންދްވާވަގުތު އޭނާގެ ހަށިގަނޑު ވަރަށް މަޑުން އޮވެދާނެއެވެ. އެއީ އަހަރެމެންނަށް އެކަން ﷲ ތަޢާލާ ދައްކަވާގޮތެވެ. ހަޤީޤަތުގައި އެފަދަ މީހުންނަށް އެވަގުތު އުޅެންޖެހޭނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ވަރަށް ގަދަ ވޭނުގައެވެ.
ނިކަން ވިސްނައިބަލާށެވެ! މީސްތަކުންކުރެ އެންމެ މާތް، އެންމެ އިތުރު އިންސާނާ، މުޙައްމަދު ރަސޫލް (ޞޢވ) ދުނިޔެ ދޫކުރެއްވެވި ވަގުތުގައި ވެސް މަރުގެ ސަކަރާތުގައި އުޅުއްވަވަން ޖެހިވަޑައިގެންނެވިއެވެ. ހަށިކޮޅު އެއްފަރާތުން އަނެއް ފަރާތަށް ފުރޮޅުއްވެވިއެވެ. މޫނުފުޅާއި ހަށިކޮޅުން ދައުފޮދު ހިއްލިއެވެ. އަދި "ހަމަކަށަވަރުން މަރުވާއިރު މިތަދުތައް އިޙްޞާޞްކުރަން ޖެހޭނެކަން ޔަޤީން" ކަމަށް ތަކުރާރުކޮށް ޙަދިޘްކުރެއްވެވިއެވެ.
އެންމެ އަޖައިބު ކުރުވަނިވި އެއްކަމަކީ ތިބާ މަރުނުވެ ދުނިޔޭގައި އޮވެ މަރުގެ މަލާއިކަތާ ވަޑައިގަންނަވާތަން ފެންނާނެކަމެވެ. އަދި ފުރާނަ ހިއްޕެވުމާއިއެކު ތިބާ މަރުވި ނަމަވެސް ތިބާގެ ފުރާނަ ޢާއިގެން މަލާއިކަތާ އުޑަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވާތަން ފެންނާނެއެވެ. ބެލެވޭ ގޮތުން މަރުވުމުން މީހާގެ ކަޅި މައްޗަށް ހުއްޓިފައި އެހުންނަނީ އެތަން ބަލަން އޮވެވޭތީއެވެ.
މީސްތަކުންނޭވެ! މަރުވުމަކީ ރިހާސަލް ހެދޭނެ ކަމެއް ނޫނެވެ. މަރުވާނީ އެއްފަހަރުއެވެ. މަރުވުމުން ތިމާގެ އަމިއްލަ ހުރިހާ ބާރުތަކެއް ކެނޑިގެން ދިއައީއެވެ. ވީމާ ދުނިޔޭގައި ކަންކަން ކުރަން ރިހާސަލް ހަދާފަދައިން ހަމަ އެއްވެސް ކަމެއް ކުރެވޭނެ ކަމަށް ޙީނުކުރާށެވެ! ރިހާސަލް ހަދަންވެސް އެހެން ކަމެއް ކުރަންވެސް ކުރެވެން އޮތް ހަމައެކަނި ކަމަކީ މަރަށް ތައްޔާރުވުމެވެ. ވީހައި ގިނައިން ހެޔޮ އަމަލުތައް ކުރުމެވެ. ނަހީ ކުރެއްވެވި އެންމެހައި ކަންކަމާއި ދުރުހެލިވެ ހުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން