އިސްލާމް ދީން ނުއެނގި ތިބެ އަދި އިސްލާމް ދީނަށް ފުރިހަމައަށް އަމަލު ނުކޮށް ތިބެމެ ދީނުގެ ނަމުގައި މުޖުތަމައުއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކޮންމެ މީހަކީ އިބިލީހުގެ ލަޝްކަރުގެ ފަހުލަވާނެކެވެ.
ހަނދާނަށް ގެންނަންވީ ޞާލިޙްގެފާނުގެ ޤައުމުގައި ތިބި ބޮޑުންނަށެވެ. ޤައުމުގައި ތިބި ތަނަވަސްކަމުގެ އަހުލުވެރިންނަށެވެ. އެމީހުންގެ ބަރާއި ނުފޫޒު ހުރިވަރުން އެމީހުން ތިބީ ވަރަށް ބޮޑު ޣާފިލުކަމެއްގައެވެ. އެމީހުން ހީކޮށްގެންތިބީ ﷲ ތަޢާލާ އެމީހުންނަށް ދެއްވެވި ނިޢްމަތްތައް އެއީ ދާއިމަށް އެމީހުންނާއިއެކު ދެމިހުންނާނެ ކަންކަން ކަމަށެވެ. އެ ނިޢްމަތްތައް އަނބުރައި ގެންދެވުމަކީ އެ ނިޢްމަތްތައް ދެއްވެވި ﷲ ތަޢާލާޢަށް ވެސް އެއްވެސް ބަދަލެއް ގެންނެވޭނެ ކަންކަން ނޫން ކަމަށެވެ.
އެހެންވެ އެމީހުން ﷲ ގެ މަގަށް އެނބުރުމަށް ޞާލިޙްގެފާނު ގޮވާލެއްވުމުން އެމީހުން ހަމައެކަނި ބީރުކަންފަތެއް ދިނީއެއް ނޫނެވެ. އެމީހުން ޞާލިޙްގެފާނަށް ދެންނެވީ އެމީހުންގެ މަގަށް ޞާލިޙްގެފާނު އެނބުރި ވަޑައިގަތުމަށެވެ. އެމީހުން ޞާލިޙްގެފާނަށް ދެންނެވީ ޙައްޤުމަގުގައި ތިބީ އެމީހުން ކަމަށެވެ.
އެމީހުން ހުށަހެޅި ހުށަހެޅުން ޤަބޫލުފުޅުކުރައްވަވައި ޞާލިޙްގެފާނު ދުޢާކުރެއްވެވުމުން އެމީހުން އެދުނު ފަދައިން އެމީހުން އެދުނު ހިލައިގެ ތެރެއިން އެމީހުން ބޭނުންވި ހުރިހައި ޝަރުޠުތަކެއް ފުރިހަމަވެފައިވާ ޖަމަލެއް ﷲ ތައާލާ ނެރުއްވެވިއެވެ. ނަމަވެސް ޤަބޫލުކުރީ އެއް ބައެކެވެ. އަނެއްބައަކު އެމީހުންނަށް ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ ﷲ ތަޢާލާ ދެއްކެވި މުޢްޖިޒާތްވެސް ޤަބޫލު ނުކުރީއެވެ.
ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ވަނީ މިކަންކަމުގެ ވާހަކަތައް ބަޔާން ކުރައްވަވައިފައެވެ.
ބައެއް މުޖުތަމައުތަކުން މިއަދުވެސް ފެންނަމުން މިދަނީ މިފަދަ ކަންކަމެވެ. ބާރާއި ނުފޫޒުހުރި އަދި ތަނަވަސްކަމުގެ އަހުލުވެރިންގެ ތެރެއިން ބައެއް މީހުންނަކީ އެންމެ ކުޑަމިނުން ކީރިތި ޤްރްއާނުން މިންވަރެއްވެސް ދަންނަ ބައެއް ނޫނެވެ.
ނަމަވެސް އެމީހުން ގެންދަނީ މުޖުތަމައުގައި އިސްލާމް ދީނުގެ ކަންކަން އޮންނަންވީ ގޮތް ބުނެ އަންގަމުންނެވެ. މީސްތަކުންނަށް ކިޔައިދެމުންނެވެ. އެމީހުން ބޭނުންވާ ގޮތަށް މީހުން ލަންބުވަމުންނެވެ. މިފަދަ މީހުންނަކީ އިންސާނުންގެ ސިފައިގައި ތިބި ނަމަވެސް އިބިލީހުގެ ބިޔަ ލަޝްކަރުގެ ފަހުލަވާނުންނެވެ.