އެމީހަކީ ހަމަ ޔަގީނުން ވެސް ސުވަރުގެވަންތަ ވެރިއެއް ކަމަށް، ހަދީޘް ކުރެއްވި މީހާގެ ވާހަކަ

ކިޔުމަށް ހޭދަވާނީ 4މ 10ސ
އެމީހަކީ ހަމަ ޔަގީނުން ވެސް ސުވަރުގެވަންތަ ވެރިއެއް ކަމަށް، ހަދީޘް ކުރެއްވި މީހާގެ ވާހަކަ

ރަސޫލާ (ﷺ) އެކަލޭގެފާނުގެ ސަޙާބީންނާއިއެކު މިސްކިތުގައި އިންނަވާ، އެއްދުވަހަކު ހަދީޘްފުޅު ކުރެއްވެވިއެވެ.

 

"ސުވަރުގެވަންތަ ވެރިއަކު އެބަ ވަދެ ވަޑައިގަންނަވައެވެ."

 

އެވަގުތު ހުރިހާ ސަޙާބީންވެސް އެމިސްކިތުގެ ދޮރުކޮޅާއި ދިމާލަށް ބޯއަނބުރާލައްވާ އެމީހަކީ ކޮން ބޭފުޅެއްތޯ ބެއްލެވިއެވެ.

 

އޭގެ ތެރެއިން އެއް ސަޙާބީއަކީ އަބްދުﷲ ބިން އަމްރް (رضي الله عنه) އޭކިޔުނު ބޭފުޅެކެވެ. މިސްކިތް ތެރެއަށް އެވަގުތު ވެންނެވި މީހާއާއި ދިމާލަށް އެކަލޭގެފާނު ވަރަށް ފުންކޮށް ބައްލަވާލެއްވިއެވެ. އެމީހާގެ ތުނބުޅި ތެމިފައި ހުރިކަމާއި އެމީހާގެ ފައިވާންކޮޅު ވައަތުން ނަގާފައި ހަރުގަނޑުގައި ބެހެއްޓިކަން އަބްދުﷲ ބިން އަމްރު ފާހަގަ ކުރެއްވިއެވެ.

 

އޭގެ އަނެއް ދުވަހެވެ. ރަސޫލާ (ﷺ) އަނެއްކާވެސް ޙަދީޘްފުޅު ކުރެއްވެވިއެވެ. "ސުވަރުގެވަންތަ ވެރިއަކު އެބަ ވަދެ ވަޑައިގަންނަވައެވެ." ހުރިހާ ސަޙާބީން އަނެއްކާވެސް ދޮރުކޮޅާއި ދިމާލަށް އެނބުރުނެވެ. އެއީ ކޮން ބޭފުޅެއްތޯ، ހުރީ ކޮން ޚާއްސަ ކަމެއްތޯ ބެއްލެވުމަށެވެ. އެދުވަހުވެސް ވަދެ ވަޑައިގެންނެވީ އޭގެ ކުރީ ދުވަހު ވެސް ވަދެވަޑައިގެންނެވި މީހާ އެވެ.

 

ތިންވަނަ ދުވަހެވެ. ކުއްލިއަކަށް ރަސޫލާ (ﷺ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެމީހަކަށްޓަކައި ހަމަ ޔަގީނުންވެސް ސުވަރުގެ ލިބޭނެ ކަމަށް ވައުދުފުޅުވެފައިވާ މީހަކު އެބަ ވަދެވަޑައިގަންނަވައެވެ. "

 

އެފަހަރުވެސް ވަދެ ވަޑައިގަތީ ހަމަ އޭގެ ކުރީ ދެދުވަހުވެސް ވަދެ ވަޑައިގަތް މީހާއެވެ. އޭނާއާއި ބެހޭ ގޮތުން ރަސޫލާ (ﷺ) އެފަދައިން ޙަދީޘްފުޅު ކުރެއްވެވިކަމެއް އެމީހާއަށް އެނގިވަޑައެއެވެސް ނުގަންނަވައެވެ.

 

އެހިސާބުން އަބްދުﷲ ބިން އަމްރު ގެ ކެތްތެރިކަން ކޮޅުންލިއެވެ. އެމީހާގެ ހުރީ ކޮން ޚާއްސަކަމެއްތޯ، އެފަދަ މަތީ ނިއުމަތެއް އެމީހާއަށް ހަމަ ޔަގީނުންވެސް ލިބޭނެ ކަމަށް، ތިން ދުވަސް މަތިން މާތް ނަބިއްޔާ (ﷺ) ހަދީޘްފުޅު ކުރެއްވެވީ ކީއްވެތޯ އޮޅުންފިލުވަން ބޭނުންފުޅުވިއެވެ.

 

އެހެންކަމުން އެމީހާ ކައިރިއަށް ގޮސް ޢަބްދުﷲ ބިން އަމްރު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު މިއުޅެނީ ތިމަންކަލޭގެފާނުގެ ބައްޕާފުޅާއި ދެބަސްވުމެއް ހިނގައިގެންނެވެ. ތިން ރޭ ވަންދެން ވާހަކަވެސް ނުދައްކާނެ ކަމަށް ބައްޕާފުޅު ބުނުމުން، ތިމަންކަލޭގެފާނު މިއުޅުއްވަނީ ގެއިން ވެސް ނިކުމެގެންނެވެ. އެހެންކަމުން ތިގޭގައި ތިމަންކަލޭގެފާނަށް ތިން ރޭ ވަންދެން މަޑުކޮށްލެވިދާނެ ތޯއެވެ؟" ޖަވާބުގައި އެމީހާ ބުނީ އެންމެ ރަނގަޅު ކަމަށެވެ. އަދި އޭނާގެ ގެއަށް އަބްދުﷲ ބިން އަމްރު ގެންދެވިއެވެ.

 

އެގެއަށް ގޮސްފައި އެމީހާގެ ކޮންމެ ހަރަކާތެއް ޢަބްދުﷲ ބިން އަމްރު ބައްލަވަމުން ގެންދެވިއެވެ. ދަމު ނަމާދަށް އެމީހާ ތެދުވޭތޯ ބައްލަވަން އެކަލޭގެފާނު އިންނެވިއެވެ. ނަމަވެސް އެމީހާ ހޭލަނީ ހަމައެކަނި ފަތިސް ނަމާދަށްކަން އެކަލޭގެފާނަށް އެނގި ވަޑައިގެންނެވިއެވެ. އެކަމާއި އެކަލޭގެފާނު ހައިރާންވެ ވަޑައިގެން ހިތައް އެރިއެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތް ހޯއްދެވުމަށް ތިމަންމެން ސަހާބީން ކުރައްވާ އަޅުކަމަށްވުރެ މިމީހާ ކުރާ އަޅުކަން މާމަދެވެ. ވީއިރު މީނާއަކީ ހަމަ ޔަގީނުންވެސް ސުވަރުގެވަންތަވެރިއެއް ކަމަށް، މާތް ﷲ ރަސޫލާ (ﷺ) އަށް އެއެންގެވީ ކީއްވެތޯއެވެ.

 

އޭނާއާއިއެކު ތިން ރޭ ވަންދެން ދިރިއުޅުމަށްފަހު ޢަބްދުﷲ ބިން އަމްރު އެމީހާގާތު ވިދާޅުވިއެވެ.

 

"ހަގީގަތުގައި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ބައްޕާފުޅާއި އެއްވެސް މައްސަލައެއް ނުޖެހެއެވެ. ނަމަވެސް ރަސޫލާ (ﷺ) ވަނީ ތިބާއަކީ ހަމަޔަގީނުންވެސް ސުވަރުގެވަންތަ ވެރިއެއް ކަމަށް ޖައްސަ ޖައްސައިގެން ތިން ދުވަސްމަތިން ޙަދީޘްފުޅު ކުރައްވަވާފައެވެ. އެހެންކަމުން ތިމަންކަލޭގެފާނު ބޭނުންފުޅުވީ، ސުވަރުގޭގެ ދާއިމީ ނިޢުމަތް ތިބާއަށް ލިބެންވީ ތިބާގެ ކިބައިގާ ކޮން ޚާއްސަ ކަމެއް ހުރެގެންތޯ ހޯދާށެވެ. އެހެނަސް މާފާއިއެކު ބުނަމެވެ. ތިބާގެ ފަރާތުން ތިމަން ކަލޭގެފާނަށް އެފަދަ ޚާއްސަކަމެއް ނުފެނުނެވެ. ވީއިރު ރަސޫލާ (ﷺ) އެހެން ޙަދީޘްފުޅު އެކުރެއްވީ ކީއްވެކަން ތިމަންކަލޭގެފާނަށް ބުނެދެއްވަފާނަން ތޯއެވެ؟ ފަހެ، ތިބާގެ ހުރީ ކޮން ޚާއްސަ ކަމެއް، ކޮން ތަފާތުކަމެއް ތޯއެވެ؟"

 

ޢަބްދުﷲ ބިން ޢަމްރު ގެ ވާހަކަފުޅު އަޑުއަހާފައި އެމީހާ ބުންޏެވެ. "ކަލޭގެފާނަށް ވެސް ފެނިވަޑައިގަތް ފަދައިން، އަހުރެން ހަމައެކަނި ދިރިއުޅޭ ގޮތަކީ މިއީ އެވެ. "

 

ޢަބްދުﷲ ބިން އަމްރު ހިތްމަރުވެފައި ހުރެ އެގެއިން ނިކުމެގެން ހިނގައިގަތެވެ. އެހިނދު އެމީހާ އެކަލޭގެފާނަށް ގޮވާލައްވާ ވިދާޅުވިއެވެ. "އެއީ ކޮން ޙާއްސަ އަމަލެއްކަން އެނގޭހެން އެބަ ހީވެއެވެ" އަވަހަށް އެކަމެއް ވިދާޅުވުމަށް ދެންނެވުމުން އޭނާ ބުންޏެވެ.

 

"ކޮންމެ ދުވަހެއް ވެސް ނިމުމުގެ ކުރިން އަހުރެން ބަލަނީ އެންމެންނަށްޓަކައި ވެސް ހިތް ބުރަ ކަމެއް، ނަފްރަތެއް ނުބާއްވާ، އެންމެންގެ މައްޗަށް ހިތް ސާފުކޮށްގެން ނިދޭތޯއެވެ. އަހުރެންނާއިމެދު ބޭއިންސާފުވި އެންމެންނަށް ވެސް މާފު ކޮށްފައި، އެކަކަށްވެސް ހަސަދަވެރި ކަމެއް ނުބާއްވާ އަހަރެން ނިދަނީ ހުރިހާ އެންމެންނަށް ވެސް ހިތް ސާފު ކޮށްފައެވެ."

 

އޭނާ ދެއްކި ވާހަކަތައް އަޑު އައްސަވަން ހުރެފައި ޢަބްދު ﷲ ބިން ޢަމުރު ވިދާޅުވިއެވެ. " ތިބާ ތިބުނުއްވީ ތެދެކެވެ. ސަވަރުގެވަންތަ ވެރިއެއް ކަމުގައި ތިވެވަޑައިގަތީ އަބަދުވެސް އެންމެންނަށް ހިތް ސާފު ކުރެއްވީތީ އެވެ."

މިއަދު އޮންލައިން