އަހަންނަށް މަރަށް މަރު ހިފުމުގެ ނަޞީބު ލިބޭނެބާވައެވެ (3)؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އަހަންނަށް މަރަށް މަރު ހިފުމުގެ ނަޞީބު ލިބޭނެބާވައެވެ (3)؟

އެންމެ އެވޭލާ ޒަމާނުއްސުރެ އިންސާނުންގެ ތެރޭގައި ޤިޞާޞް އޮވެއެވެ. އެއް ވަގުތަކު ބޭނުންކުރާ ވަސީލަތާއި އަނެއްވަގުތަކު ބޭނުންކުރާ ވަސީލަތާއި ތަފާތުވެސްމެއެވެ. ވައްތަރާއި ސައިޒެވެ.

ކޮށިމިނާއި ތޫނު މިނެވެ. ކޮންމެ ގޮތެއްގައި ނަމަވެސް އެންމެ ބޮޑަށް މީހުން މެރުމަށްޓަކައި ހުޅަނގުންނާއި އެމެރިކާއިން ބޭނުންކުރާ ވަސީލަތަކީ ލީތަލް އިންޖެކްޝަނެވެ.

މިއީ ތިންކެމިކަލް އެކުލެވިފައިވާ އިންޖެކްޝަންތަކެއް ޖަހައިގެން މީހުން މެރުމަށް ކިޔާ ނަމެކެވެ. ނަމަވެސް މިވައްތަރު މަރާއި މަރަށް މަރުހިފުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ވާ ޤިޞާޞް ހިފުމާއި ވަރަށް ތަފާތެވެ. ޢަރަބި ބަހުގައި އަލްޤިޞާޞްގެ މާނައަކީ ހިނގާފައިވާ ކަމަކާ އެއްގޮތް ކަމެއްކުރުމެވެ.

ނުވަތަ އަސަރުތަކާއި ސިފަތަކަށް ތަބާޢާވުމެވެ.ކަނޑާ ބުރިކޮށްލުމަށްވެސް ބަހުގައި ޤިޞާޞްގެ ލަފްޡު ބޭނުންކުރެވެއެވެ. އަމިއްލަގޮތަކަށް ކަމެއްކުރުމަކަށް ބަހުގެ ހަމަތަކަށް ބަލާއިރު ޤިޞާޞް ނުކިޔޭނެއެވެ. އެހެންވެ ތުތިމަހަށް ކޮށާގޮތަށް އަނިޔާވެރިގޮތުގައި މީހަކު މަރާމީހަކަށް ދޭ އަދަބެއްގެ ގޮތުން އެއަރކޯން ކޮޓަރިއެއްގައި މަޑުގޮދަޑިއެއްގެ މަތީގައި ބާއްވައިގެން މަރާމެރުން ވެގެންދާނީ ވަރަށް ޢަރާމު އެއްޗަކަށެވެ.

އެއީ ފެންނަ ފެނުންތައް ޤަބޫލުކުރާނެ ޙަޤީޤަތެއް ނޫނެވެ. ފިޤްޙު ޢިލުމުވެރީންގެ އިޞްޠިލާޙުގައި އަލްޤިޞާޞްގެ މާނައަކީ ޙައްޤަކާއި ނުލާ މީހަކު މަރައިފިނަމަ އޭނާގެ ފުރާނައިގެ ބަދަލުގައި މެރިމީހާގެ ފަރާތުން ބަދަލު ހިފުމެވެ. އިމާމް ނަސަފީ ޠަލަބަތުއް ޠަލަބާގައި ވިދާޅުވެފައިވެއެވެ:

"ޤިޞާޞް ހިފުމަކީ މަރާލިގޮތަށް މަރާލުމެވެ. ހަލާކުކޮށްލިގޮތަށް ހަލާކުކޮށްލުމެވެ". ބެލި ހުރިހައި މަރްޖިޢުތަކުން ދޭހަވަނީ ގާތްގަނޑަކަށް މިމާނައާއި އެއްގޮތް މާނަ އެބޭފުޅުން ގެންނަވާފައިވާކަމެވެ. އޭގެ ތެރޭގައި ޑރ. ޢަބްދުލް މަޖީދާއި އަދި ޑރ. ސައްތާރުވެސް ހިމެނެއެވެ. ވީމާ، ޤިޞާޞްގެ ނަމުގައި ބޭރުމީހުން ރުއްސުމަށް އެއްވެސް ކަމެއްކުރުމަކީ ބުއްދިވެރިކަމަކަށް ނުވާނެއެވެ.

މަރާލާމީހާއަށް އެއްވެސް ވޭނެއް ނުލިބި މުޖުތަމަޢަށް ނުބައިކަންތައްތަކުން ދުރުވުމަށް އެއްވެސް މެސެޖެއް ނުލިބޭގޮތަށް މެރުމަކީ އެއީ ޤިޞާޞް ޝަރުޢުކުރެއްވި މަޤްޞަދު ފުރިހަމަވެގެންދާނެ ކަމެއްކަމަކަށް ނުފެނެއެވެ.

މިއަދު އޮންލައިން