މާބަނޑު އަންހެނަކަށް ވުމުން ލިބޭ ގިނަގުނަ، މަތިވެރި ސަވާބާއި ދަރުމަ އެނގޭނަމަ މާބަނޑު ދުވަސްވަރު އަޅުކަން ކުރުން ގިނަ ކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
މާބަނޑު އަންހެނަކަށް ވުމުން ލިބޭ ގިނަގުނަ، މަތިވެރި ސަވާބާއި ދަރުމަ އެނގޭނަމަ މާބަނޑު ދުވަސްވަރު އަޅުކަން ކުރުން ގިނަ ކުރާނެ!

މިހާރަކަށް އައިސް ގިނައިން ފެންނަނީ މާބަނޑުވުމުން އަޅުކަމާއި ދުރަށް ޖެހޭ ތަނެވެ. އެއީ ބަލި ޙާލަތެއް ކަމައި އަޅުކަން ކުރުމަށް އުޒުރު ދައްކާތަނެވެ. މިއީ އަމަލުކޮށްގެންވާނެ ގޮތެއް ނޫނެވެ.

ބަލިވެ އިނުމަކީ ވަރަށް ގިނަ ތަކްލީފްތައް އުފުލަންޖެހޭ ކަމެކެވެ. އެއީ ވެސް އިމްތިޙާނެކެވެ. އެ އިމްތިޙާނުން ފާސްވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އެކަމުގެ ސަބަބުން ގިނަގުނަވެގެންވާ ސަވާބު ލިބޭނެއެވެ. އެހެނީ ތަކްލީފްތަކާއި އެކުގައިވެސް އަޅުކަން ކުރުމަކީ އޭނާގެ ތަޤްވާވެރިކަން އިތުރަށް ސާބިތުކޮށްދޭ ކަމެކެވެ. މާބަނޑު ދުވަސްވަރު ކަމުގައިވި ނަމަވެސް ފަރުޟު ނަމާދުތައް ކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ވީވަރަކުން ސުންނަތް ނަމާދުތައް ވެސް ކުރަންވާނެއެވެ.

ތަކްލީފަކަށްވެގެން ސުންނަތް ނަމާދުތައް ނުކުރެވޭނަމަ އެކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ހަމަ އެއާއިއެކު ވީވަރަކުން ކީރިތި ޤްރައާން ކިޔަވައި ޛިކްރް ކުރުން ގިނަ ކުރަން މަސައްކަތް ކުރަންވާނެއެވެ. މައިމީހާގެ ތަޤްވާވެރިކަމުން ބަނޑުގައި އޮންނަ ދަރިފުޅަށް ފައިދާކުރާނެއެވެ.

ވީއިރު ތިބާއަށް ލިބޭ ދަރިފުޅަކީ ޞާލިޙް ދަރިއަކަށްވުމަށް އެދިގެންވެސް މިކަންކަން ކުރަންޖެހެއެވެ. ހަމަ އެކަނި މަންމައެއްވެސް ނޫނެވެ. ބައްޕަވެސް އެވެ. ކަން މިހެން ހުރި ނަމަވެސް ބަލިވެ އިނުމުން މިހާރަކަށް އައިސް ގިނަ ވަގުތުތައް ހޭދަކުރަނީ ވިހަން ތައްޔާރުވުމަށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު އުފެއްދުންތައް ދަރިފުޅަށް ހޯދުމަށެވެ. ހަޤީޤަތުގައި އެކަމުން ދަރިފުޅަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ދަރިފުޅަށް ހެޔޮ އެދިގެންވެސް ކުރަން އޮތް އެންމެ މުހިންމުކަމަކީ އަޅުކަން ކުރުން އިތުރުކުރުމެވެ. ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތް ކުރުމެވެ. ދަރިފުޅު ވިހަންވާއިރަށް ބޮޑު ޚަރަދުކޮށްގެން ދުނިޔޭގައި ހުރި އެންމެ އަގުބޮޑު އުފެއްދުންތައް ޖަމާކުރާތަނުން ވިހެއުމުގެ ތެރޭގައި މަރުވަނީ ކިތައް މިލިއަން ކުދިން ހެއްޔެވެ؟ ނުވަތަ ދާދި އަވަހަށް މަރުވަނީ ކިތައް މިލިއަން ކުދިން ހެއްޔެވެ؟

ހޯދި ތަކެތިން ހިފުނީ ކޮން ބޭނުމެއް ހެއްޔެވެ؟ ނަމަވެސް ތިބާގެ ތަޤްވާވެރިކަން އިތުރުކުރިނަމަ އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ކުރާނެއެވެ. މިދުނިޔެއާއި އާޚިރަތުގައިވެސް ކުރާނެއެވެ. މިވާހަކައިގެ ބޭނުމަކީ ދަރިފުޅަށްޓަކައި ރަނގަޅު ފެންވަރުގެ ތަކެތި ނުހޯދަން ބުނުމެއް ނޫނެވެ.

މަޤްޞަދަކީ އެފަދަ ތަކެތި ހޯދުމަށްވުރެ މުހިންމީ ތަޤްވާވެރިކަން އިތުރުކޮށް އަޅުކަން ކުރުން އިތުރުކުރުން ކަމުގައި ބުނުމެވެ. ދަރިއަކު ދެއްވެވުމަކީ ﷲ ތަޢާލާ މިންވަރު ކުރައްވަވާ ވަރަށް ބޮޑު ނިޢްމަތެކެވެ. އެހެންކަމުން ފުރަތަމަވެސް އޮތީ ނިޢްމަތަށް ޝުކުރުވެރިވުމެވެ. އަހަރެންގެ ނަޞޭޙަތަކީ ތަނަވަސްކަން ހުރިނަމަ ޞަދަޤާތް ކުރުން ގިނަ ކުރުމެވެ. އެއިރުން ތިމާއަށާއި އަދި ދަރިފުޅަށްވެސް އެކަމުގެ ފައިދާ ކުރާނެތީއެވެ.

އަގުބޮޑު ތަކެތި ޖަމާކުރުމުން ކުރާ ފައިދާއަށްވުރެ މާބޮޑު ފައިދާ ކުރާނެތީއެވެ!

_-އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން