ނިކަން ވިސްނައިބަލާށެވެ. ކޮންމެ ދުވަހަކު 8 ޖަހާއިރު އޮފީހަށް އެބަ ދަމުއެވެ. މެންދުރު 1 ޖަހާއިރު ގެއަށް އެބަ ދަމުއެވެ. 2 ޖަހާއިރު އެނބުރި އޮފީހަށް ދަމުއެވެ. 4 ނޫނީ 5 ޖެހުމުން މަސައްކަތް ނިންފާފައި އެނބުރި ގެއަށް ދަމުއެވެ.
މިކަންކަމުގައި ގަޑިއެއް ނުޖެހެމުއެވެ. މެންދުރު ގެއަށް ދިއަތަނާ ނިދުނީ ކަމަށް ބުނެ އޮފީހަށް ނުގޮސް ބަހަނާއެއް ނުދައްކަމުއެވެ. ކޮންމެ ގޮތަކުން ނަމަވެސް އެބަ މަސައްކަތު ދަމުއެވެ. މިކަން މިހައި ޤަވާއިދުން ކުރަނީ ކީއްވެގެން ހެއްޔެވެ؟ ތަނަވަސް ދިރިއުޅުމަކަށް ބޭނުންވާތީއެވެ. ދުނިޔަވީ ބޭނުންތައް ފުއްދުމަށެވެ.
މީސްތަކުންނޭވެ! ދެން ނަމާދާއިމެދު ވިސްނައިލާށެވެ! ނަމާދު ޤަވާއިދުން ކުރުމަށް އަހަރެމެން އިހްމާލުވާއިރު މިކުރެވެނީ ކީއްހެއްޔެވެ؟ އިހްމާލް މިވެވެނީ ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ އަމާނާތަށެވެ. ﷲ ތައާލާ ޙަވާލުކުރައްވަވާފައިވާ ވަޒީފާއަށެވެ. އެ ވަޒީފާއަށް ފޭލިވެގެން ހުރެ ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމުން ތިބާ އުންމީދުކުރާ އުޖޫރަ ދެއްވަވާނެ ކަމަށް ހީކުރެވެނީ ހެއްޔެވެ؟ ނުވަތަ އުންމީދުކުރެވެނީ ހެއްޔެވެ؟ އެކަމެއް ނުވާނެއެވެ.
ވަޒީފާގައި ފޭލިވީ ވަރަށް މުސާރައިން ކެނޑޭނެއެވެ. ކެނޑެމުން ކެނޑެމުން ގޮސް ހުސްވުމުން ވާނީ ކިހިނެއްޔެވެ؟ ދުނިޔޭގައި ވަޒީފާ ގެއްލުމުން ނުކުމެގެން ގޮސް އެހެން ވަޒީފާއެއް ހޯދިދާނެއެވެ. އެދުވަހު އެކަންވާނީ އެހެނެއް ނޫނެވެ. ﷲ ތަޢާލާ ޙަވާލުކުރެއްވެވި ވަޒީފާގައި ފޭލިވެއްޖެނަމަ ދާންޖެހޭނީ ނަރަކައަށެވެ. އިތުރު އެއްވެސް "ޗޮއިސްއެއް" ނުލިބޭނެއެވެ. ދުނިޔޭގައި ފަދައިން ދެވަނަ ފުރުޞަތަކީ އެދުވަހު ނުލިބޭނެ ފުރުޞަތެކެވެ.
ޤިޔާމަތް ދުވަހު ނަރަކައަށް ދާންޖެހޭ އެންމެންވެސް ދެވަނަ ފުރުޞަތަކަށް އެދި ރޮއި އާދޭސް ދަންނަވާނެއެވެ! ނަމަވެސް އެއީ އެއްވެސް މީހަކަށް ދެއްވަވާނެ ފުރުޞަތެއް ނޫނެވެ. ވީމާ ދުނިޔޭގައި ހޭދަކުރަން ލިބޭ މަދު ދުވަސްކޮޅު އެކަންކަމަށް ވިސްނައި ސަމާލުކަން ދޭށެވެ! އެދުވަހުން ރޮއި ކަރުނަ އަޅަން ޖެހޭ މީހުންގެ ތެރޭގައި ނުވުމަށްޓަކައެވެ!