ﷲ އެންމެ ލޯބިވެވޮޑިގަންނަވާ މީހުންގެ ތެރޭގަ ވުމުގެ ފުރުޞަތު އެންމެންނަށްވެސް އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ﷲ އެންމެ ލޯބިވެވޮޑިގަންނަވާ މީހުންގެ ތެރޭގަ ވުމުގެ ފުރުޞަތު އެންމެންނަށްވެސް އެބައޮތް!

ﷲ އެންމެ ލޯބިވެވޮޑިގަންނަވާ މީހުންގެ ތެރޭގަ ވުމުގެ ފުރުޞަތު އެންމެންނަށްވެސް އެބައޮތެވެ. ނަމަވެސް އެކަން އެނގެނީ މަދު މީހަކަށެވެ. އެ މަތިވެރި ނިޢްމަތް ބޭނުންވެގެން ހޯދަން މަސައްކަތްކުރަނީވެސް އެހައިމެ މަދު މީހެކެވެ.

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދޭނީ އަޅުކަން ކުރުމުން އެކަނި ކަމަށެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އަޅުކަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންކަމާއިއެކުވެސް އަންނަނިވި ހަދީޘަށް ވިސްނާށެވެ.

ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެ ވޮޑިގަންނަވާ އަޅުތަކުންގެ ސިފަ އާއިމެދު ޞަހާބީއަކު ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އެއީ މީސްތަކުންގެ ތެރެއިން އެމީހެއްގެ ސަބަބުން އެހެން މީހުންނަށް އެންމެ ފައިދާކުރާ މީހާ ކަމަށެވެ. 

މީގެ މާނައަކީ ހަމައެކަނި އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރުމުން އެންމެ ގިނަ ފައިސާ ބަހާ މީހާގެ ވާހަކައެއް ނޫނެވެ. އަތުގައި އެންމެ ފައިސާ ފޮތްޗެއް ނެތިވެސް މީސްތަކުންނަށް އެހީތެރިވެދެވިދާނެއެވެ. ކަމެއް ނުކުރެވިގެން އުޅޭ މީހަކު ފެނުމުން އެމީހަކު އެކަމެއް ކުރަން އެހީތެރިވެދިނުމަކީވެސް އެހެން މީހުންނަށް އެހީތެރިވެދިނުމެވެ. ބަލިހާލު ހުރި ގޮތުން ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން ނަމަވެސް މަގު ހުރަސް ނުކުރެވިގެން އުޅޭ މީހަކަށް އެކަމުގައި އެހީތެރިވުމަކީވެސް މީސްތަކުންނަށް އެހީތެރިވެދިނުމެވެ. ޖުމުލަ ގޮތެއަގައި ބުނާނަމަ ހެޔޮ ގޮތުގައި، ހެޔޮ ނިޔަތުގައި މީހަކަށް ކިތަން ކުޑަ ކަމެއްވެސް ކޮށްދީފި ނަމަ އެއީ މީސްތަކުންނަށް އެހީތެރިވުމެވެ. 

ތިބާގެ ގޭގައި މަދިރި އުފެދޭ ފެންގަނޑެއް އޮވެދާނެއެވެ. އެފެންގަނޑު ނައްތައިލުމުން ނުވަތަ ފެންގަނޑުން މަދިރި ފަނި މެރުމުން އަވަށްޓެރިންނަށްވެސް އެކަމުގެ ފައިދާ ކުރާނެއެވެ. އެހެންކަމުން އެއީ ވެސް މީސަތަކުންނަށް އެހީތެރިވުމެވެ. ޖުމުލަ ގޮތެއްގައި ބުނާނަމަ މީސްތަކުންނަށް އެހީތެރިވެދިނުމަކީ މީސްތަކުންނަށް ފައިދާއެއް ކުރާނެ ކޮންމެ ކަމެއް ކޮށްގެންވެސް ކުރެވިދާނެ ކަމެކެވެ. 

މިއަދު ބައެއް މީހުންނަށް ހީވެގެން އުޅެނީ މީސްތަކުންނަށް އެހީތެރިވުމަކީ ވަކި ޖަމާއަތަކުން އަންގާ ވަކިދުވަހަކު ވަކި ޑިޒައިނެއްގެ ޓީޝާޓެއް ލައިގެން ނުކުމެ ކުރެވޭ ކަމެއް ކަމަށެވެ. މިއީ މުޅިން ފޭލްވެފައިވާ ވިސްނުމެކެވެ. މީގެ 1400 އަހަރު ކުރިން ރަސޫލް (ޞޢވ) ބަޔާން ކުރައްވަވާފައިވާ މި ޙަދީޘްފުޅުން އެކަނިވެސް މީސްތަކުންނަށް އެހީތެރިވުމަށް ﷲ ތަޢާލާ ލޯބިކުރައްވަވާ މިންވަރު އެނގިގެންދެއެވެ.

އެހެންކަމުން އިންސާނިއްޔަތަށް އެހީވުމަށް މުސްލިމުންނަށް ވޮލަންޓަރީ ޑޭ އެއް ނުއަންނާނެ އެވެ. ކޮންމެ ދުވަހަކީވެސް ކޮންމެ ވަގުތަކީވެސް އެހީތެރިވުމުގެ ދުވަހެވެ. އެހީތެރިވުމުގެ ވަގުތެވެ.

މިއަދު އޮންލައިން