އަހަރެންނަށް މަރަށް މަރުހިފުމުގެ ނަޞީބު ލިބޭނެބާވައެވެ؟ (4)

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
އަހަރެންނަށް މަރަށް މަރުހިފުމުގެ ނަޞީބު ލިބޭނެބާވައެވެ؟ (4)

- އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޤިޞާޞް އަކީ މަރަށް މަރުހިފުމުގައި އެންމެ އޯގާތެރިގޮތެވެ.

ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި އެކިއެކި ޖަރީމާތަކުގައި މަރައި އުޅެނީ އެކި ގޮތްގޮތަށެވެ. އެކި އުޞޫލުގެ މަތީންނެވެ. މިކަމުގައި އެމެރިކާގެ ސުޕްރީމް ކޯޓުން ބަރާކް އޮބާމާގެ ގޮވާލުން އަޑުވެސް އަހާނުލާ 2011 ގައި މަރުގެ ޙުކުމް ތަންފީޒުކުރީ އިންޓަރނޭޝަނަލް ކޯޓުން މީހުން ނުމަރަން ނިންމާފަ އޮއްވައެވެ. އިންޖެކްޝަން ޖަހައި މަރާލީއެވެ. ޞައްދާމް ޙުސައިން- ރަޙިމަހުއްﷲ- މަރާލީ ދަންޖައްސައިގެންނެވެ. ހަމަ އިންޓަރނޭޝަނަލް ކޯޓުން މީހުން ނުމަރަން އަންގާފަ އޮއްވައެވެ. އުޞޫލަށް އެއްގޮތަކަށްވެސް ބެލުމެއްނެތިއެވެ. 

ނަމަވެސް އިސްލާމްދީނުގައި މިކަމުގައި ގެންނަވާފައިވަނީ ޢާންމު ޤަވާޢިދެކެވެ. އެއީ ހުރިހައި މަޚްލޫޤާތްތަކަށް އިޙްސާންތެރިވުމުގެ ޤަވާޢިދެވެ. ނަޙްލު ސޫރަތުގެ 90ވަނަ އާޔަތުގައި  ﷲ ތަޢާލާ އިންސާނިއްޔަތަށް އިޙްސާންތެރިވުމަށްވަނީ އަމުރު ކުރައްވާފައިއެވެ. ހަމައެފަދައިން  ﷲގެ ރަސޫލާ މިމޭރުމުން ޙަދީޘްކުރައްވާފައިވަނީ:"إناللهكتبالإحسانعلىكلشيءفإذاقتلتمفأحسنواالقتلة"މާނައީ:" ހަމަކަށަވަރުން އެންމެހައި ތަކެއްޗެއްގެ މައްޗަށް  އޯގާތެރިވުމާއި އިޙްސާންތެރިވުން މާތްﷲ ފަރުޟުކުރައްވައިފިއެވެ. ފަހެ ތިޔަބައިމީހުން މީހަކު ޤަތުލް ކުރާނަމަ އޯގާތެރިކަމާއެކީގައި އެކަން ކުރާށެވެ". އާޔަތުންނާއި ޙަދީޘުން އެނގޭގޮތުގައި އިޙްސާންތެރިވެ އޯގާތެރިވުމަކީ ފަރުޟުކުރައްވާފައިވާ ކަމެކެވެ. އަދި އިޙްސާންތެރީންނާއި އެކު ﷲ ވޮޑިގެންވާކަންވަނީ ކީރިތި ޤުރުއާނުގައި އަންގަވާފައިއެވެ.ވީމާ ޙައްޤު ގޮތުގައިނަމަވެސް މީހަކު މަރާކަމުގައިވާނަމަ އެންމެ އޯގާތެރިގޮތެއް އިޚްތިޔާރުކުރަން އެބަޖެހެއެވެ.  ޒަމާނާއި މަކާނަށް ބެލުމާއި އެކީގައިއެވެ. މިކަމުގައި ބައިލެޓްރަލް ރިލޭޝަނަށް ބެލުމަކީވެސް އޮތްކަމެކެވެ. މުސްލިމުންގެ ޙާލަތަށްވެސް ބަލަންއެބަޖެހެއެވެ. މަސްލަޙަތަށްވެސް ބަލަން އެބަޖެހެއެވެ. އިމާމް އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ." فكلمسألةخرجتعنالعدلإلىالجور, وعنالرحمةإلىضدها, وعنالمصلحةإلىالمفسدة, وعنالحكمةإلىالبعث, فليستمنالشريعةوإندخلتفيهابالتأويل 

މާނައީ:" ކޮންމެ ކަމެއްކަމުގައިވިއަސް ޢަދްލުވެރިކަމުން އަނިޔާވެރިކަމަށް އޯގާތެރިކަމުން ރަޙުމްކުޑަކަމަށް މަޞްލަޙަތުން މަފްސަދާއަށް ޙިކުމަތްތެރިކަމުން މޮޔަކަމަށްގޮސްފިކަމުގައިވާނަމަ އެއީ އިސްލާމީ ޝަރީޢަތެއްނޫނެވެ. އެއީ އޮޅިގެން ނުބައިކޮށް މާނަކޮށްގެން ކަމުގައިވިއަސްމެއެވެ.".

ވުމާއިއެކު ބަލަންޖެހެނީ މަރަށް މަރު ހިފާއިރު އޭގެއިން ޢަދްލުވެރިކަން ލިބޭތޯއެވެ. މަރަށް މަރު ހިފުމުން ޔަޤީނުންވެސް ޢަދްލުވެރިކަން އަންނާނެ ޙާލަތްތައްއ އާދެއެވެ. އަދި އިންޞާފު ލިބޭނެއެވެ. އަދި ﷲގެ އޯގާވެރިކަމާއި މީސްތަކުންގެ އޯގާތެރިކަން ލިބޭނެއެވެ. އަނިޔާވެރިވާކަށް ނުކެރޭނެއެވެ. މަސްލަޙަތު ފެތުރިގެންދާނެއެވެ. ފަސާދަ ހުއްޓޭނެއެވެ. ޙިކުމަތާއިއެކު ޢަމަލްކުރާ ޒުވާނުން އުފެދި މާރާމާރީ ހުއްޓޭނެއެވެ. ވީމާ މަރަށް މަރު ހިފުމަކީ އެއީ އޮތް ހަމައެކަނި ޙައްލުކަމުގައި ޔަޤީންވެއްޖެއެވެ.

ޚަބަރަކީ ތެދުއެއްޗެއްކަމުގައިވާނަމަ މިހާރު މަރަށް މަރުހިފުމުގެ ޗެމްބަރވެސް ވަނީ ރާއްޖޭގައި ހަދާ ނިމިފައެވެ. ހަމައެކަނީ ޤާނޫނު ހަދާ ރައްޔިތުންގެ މަޖިލިހުން މަރަށްމަރު ތަންފީޒުކުރާ ފަރާތެއް ޢައްޔަންކޮށް ބިލެއް ފާސްކުރުމުން މަރަށް މަރުހިފަން ފަސޭހަވެ، ދިވެހިރާއްޖޭގެ މާރާމާރީ އަށް ޙައްލެއް އައިސް މީސްތަކުންނަށް ހަމަނޭވާ ލެވިދާނެއެވެ. ގުރޫޕް ހަދާފައިގޮސް ގޭގެއަށް ވަދެ މީހުން ތަޅާ ސުންނާފަތިކުރުން ހުއްޓިދާނެއެވެ. 

- ޝައިޚް ނަސްރުﷲ މުޞްޠަފާ

 

މިއަދު އޮންލައިން