ނަމާދަށް ސަމާލުކަން ދޭންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން ފުރަތަމަ ކަމެއްގެ ގޮތުގައި އަހަރެން ފާހަގަ ކުރާނީ ނަމާދު ބާވައިލެއްވެވި ގޮތެވެ.
މޫސާގެފާނަށް ނަމާދު ބާވައިލެއްވެވުނު ގޮތަށް ބަލާށެވެ. މަލާއިކަތަކުވެސް މެދުވެރި ނުކުރައްވަވައި މޫސާގެފާނަށް ވަޙީ ކުރެއްވެވީ "ތިމަން ﷲ އީ ތިބާގެ ވެރި ރައްބުއެވެ. ތިބާއަކީ ރަސޫލުބޭކަލަކު ކަމުގައި ތިމަން ﷲ ޚިޔާރު ކުރައްވަވައިފީމުއެވެ. ތިމަން ﷲ އަށް އަޅުކަން ކުރައްވާށެވެ! ނަމާދު ޤާއިމުކުރައްވަވާށެވެ!"
"އަދި ތިމަން ރަސްކަލާނގެ، ކަލޭގެފާނު ޚިޔާރުކުރައްވަވައިފީމެވެ. (ކަލޭގެފާނަށް) އިއްވަވާ ވަހީއަށް ކަނުލައި އައްސަވާށެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ، ﷲ އެވެ. ތިމަން ރަސްކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. ފަހެ، ތިމަން ރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަން ރަސްކަލާނގެ ހަނދުމަ ކުރުމަސްޓަކައި ނަމާދު ޤާއިމުކުރައްވަވާށެވެ! ހަމަކަށަވަރުން، ޤިޔާމަތް ވުމުގެ ވަޤްތަކީ، އަންނާނެ އެއްޗެކެވެ. ތިމަން ރަސްކަލާނގެ އެވަގުތު ވަންހަނާ ކުރެއްވެވުމަށް އިރާދަ ކުރައްވަވާފައިވަނީ، ކޮންމެ ނަފްސަކަށްވެސް، އެ ނަފްސެއް ކުޅަ ޢަމަލުގެ ޖަޒާ ލިބުމަށްޓަކައެވެ." (ޠާހާ ސޫރަތް- 13،14.15)
އަހަރެމެންގެ މާތް ނަބިއްޔާ، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ނަމާދު ބާވައިލެއްވެވީ ވެސް ޖިބްރީލްގެފާނު މެދުވެރި ކުރައްވަވައެއް ނޫނެވެ. އިސްރާ އާއި މިޢްރާޖުގެ ދަތުރުފުޅުގައި 7 އުޑު މަތިންނެވެ. ސީދާ ﷲ ތައާލާ ބަސްފުޅު ވަޙިކުރައްވަވައެވެ.
އެއީ ﷲ ތަޢާލާގެ ޙަޟްރަތަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އުފުއްލެވި ހަމަ އެކަނި ބައްދަލުކުރެއްވެވުމެވެ. ނަމާދު ބާވައިލެއްވެވީ އެމަތިވެރި ބައްދަލުވުމުގައެވެ. އިސްލާމް ދީނުގައި ފަރުޟު ކުރެއްވެވިގެންވާ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް އެހެން އެއްވެސް ކަމެއް ސީދާ ﷲ ތަޢާލާގެ ޙަޟްރަތުން މިގޮތަށް އަމުރުފުޅު ކުރައްވަވާފައެއް ނުވެއެވެ. އެހެން ހުރިހާ ކަންކަން ބާވައި ލެއްވެވީ ވަޙީގެ މަލާއިކަތާ ޖިބްރީލުގެފާނު މެދުވެރިކުރައްވަވައެވެ.
ނަމާދަށް ސަމާލުކަން ދޭންޖެހޭ މިންވަރު މިވަރުން އެނގިގެންދެއެވެ. ނަމަވެސް ނަމާދުގެ މުހިންމުކަން ގިނަ ބައަކަށް މިއަދު ވަނީ އޮޅިފައެވެ. ނަމާދާއިމެދު މިކަންކަމަށް ވިސްނާ މީހާ ނަމާދަށް ބިރުވެތިވާނެއެވެ. އެންމެ ނަމާދެއްވެސް ނުއަޅާނެއެވެ.
ދުނިޔަވީ ނަޒަރަކުން ނިކަން ވިސްނައިބަލާށެވެ. ޤައުމުގެ އެންމެ އިސްވެރިޔާ ތިބާ ގެންގޮސް މަސަކަތެއް ކުރަން ހަވާލުކޮށްފިނަމަ ކޮންމެ މީހަކުވެސް ބަލަނީ އެކަމެއް ވީހައި ފުރިހަމައަށް ކުރުމަށެވެ. އެކަން އެންމެ ފުރިހަމައަށް ކުރަން ގަދައަޅައި މަސައްކަތް ކުރާނެއެވެ. އެމީހަކަށް ކުރެވުނު އެންމެ ފުރިހަމައަކަށް ކުރާނެއެވެ.
ވީއިރު ކުރިން ބަޔާންކުރި ފަދައިން އެއްވެސް މެދުވެރިއަކު ބައިވެރި ނުކުރައްވަވައި ސީދާ ﷲ ތަޢާލާ އަހަރެމެންގެ މައްޗަށް ފަރުޟު ކުރެއްވެވި ނަމާދު ފުރިހަމައަށް އަދާކުރަން އަހަރެމެން މިއަދު ފަސްޖެހެން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އެއީ ފަސްޖެހެވެން އޮތް ކަމެއް ހެއްޔެވެ؟ ނޫނެކެވެ. ނަމާދު ނުކުރުމަށް ދެއްކޭނެ އެއްވެސް ޢުޒުރެއް ނުއޮންނާނެއެވެ! ހަށީގައި ހޭ ހުރިނަމަ ޖެހޭނީ ނަމާދުކުރާށެވެ! އައިސީޔޫގައި އޮތް ނަމަވެސް ނަމާދު އެޅުމެއް ނެތެވެ.
މީސްތަކުންނޭވެ! ނަމާދަށް ބިރުވެތިވާށެވެ! ފަރުވާތެރިވާށެވެ! ނަމާދަށް ބިރުވެތި ނުވާނަމަ އެމީހަކީ އާޚިރަތަށް ބިރުވެތިވާ މީހެއް ނޫނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސްކުން