- އަހަރު ދުވަހު އަޅުކަން ކޮށްފަ އެހުރިހާ އަމަލު ޗުއްޓީގަ އަންދާލަނީތަ؟
މުޅި އަހަރު ދުވަހު އަޅުކަމުގައި އުޅުމަށްފަހު އެންމެ 2، 3 ދުވަހު ކުރާފާފައަކުން މުޅި އަހަރު ދުވަހު ކުރި ހުރިހާ އަޅުކަމެއް ގެއްލިގެން ހިނގައިދާނެއެވެ. ނަމަވެސް އެކަމަށް ނުވިސްނާ މީހުން ދަނީ އިތުރުވަމުންނެވެ. އެމީހުންނަށް ހީވެފައި އޮންނަނީ އަހަރު ދުވަހު އަޅުކަން ކުރީމާ ވަރަށް ބައިވަރު އަޅުކަން ކުރެވިފައި ހުންނާނެ ކަމަށެވެ. އެހެންކަމުން ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ގޮސް ހަފްތާއެއް ނުވަތަ 2، 3 ދުވަހު ހިލޭ އަނހެނަކާއި ގުޅުން ހިންގުން ފަދަ ފާފަތައް ކުރި ނަމަވެސް އެއީ އެއްވެސް ކަމެއް ނޫން ކަމަށެވެ. އަޅާ ކަނޑަލި ނަމަވެސް އާޚިރަތަށް ގެންދަން ބާކީ ބައިވަރު ހެޔޮ ކަންތައްތައް ހުންނާނެ ކަމަށެވެ.
މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. އެއީ އެހެން އޮތް ކަމެއް ނޫންކަން އެނގެން އެބައޮތެވެ.
ﷲ ތަޢަލާއަށް އަޅުކަން ކުރުމުގައި 60 އަހަރު ހޭދަކުރި މީހެކެވެ. އަންހެނަކާއި ބައްދަލުވެ ގުޅުން އުފެދި 6 ރޭ އޭނާ އެ އަންހެން މީހާ އާއިއެކު ގުޅުން ހިންގިއެވެ. އެއަށްފަހު އޭނާއަށް ކުރެވުނީ ބޮޑު ފާފައެއްކަން ވިސްނި މާދުރުގައި ހުރި މިސްކިތަކަށް ބަދަލުވިއެވެ. އޭނާ އެ މިސްކިތަށް ދިއައީ ﷲ ތަޢާލާއަށް ފިލާކަށް ނޫނެވެ. ﷲ ތަޢާލާއަށް ފިލަން ދެވޭނެ އެއްވެސް ތަނެއް ނޯންނާނެ ކަން އޭނާއަށް އެނގެއެވެ. އޭނާ އެ މިސްކިތަށް ދިއައީ އެކަން ހިތުގެ އަޑިން ޤަބޫލުކުރާތީއެވެ.
އެ މިސްކިތުގައި އޭނާ 3 ދުވަސް ހޭދަކުރިއެވެ. އެ 3 ދުވަސް ހޭދަކުރީ އެކަމަށް ހިތާމަކުރުމުގައެވެ. ﷲ ތަޢާލާ ދެއްވަވާނެ ގަދަ ފަދަ އަޒާބަށް ބިރުވެތިވެ ތައުބާވުމުގައެވެ. އެ 3 ދުވަހު އޭނާ އެއްވެސް އެއްޗެއް ކައި ބޮއިވެސް ނުހަދައެވެ. އެއީ ކޮންމެހެން ނުކައި ބަނޑަށް މަރުވުމުގެ ބޭނުމުގައެއް ނޫނެވެ. އޭނާގެ ހިތަށް ވަމުން ދިއަ އުނދަގޫތަކުގެ ސަބަބުން ކާ ހިތް ނުވެސްވީއެވެ. ބަނޑުހައިކަން އިޙްޞާޞް ވެސް ނުކުރެވުނީއެވެ.
3 ދުވަސްވީތަނާ މީހަކަށް އޭނާ އިންނަނީ ނުކައިކަން އެނގިގެން ޕާންފޮތްޗެއް ފަދަ އެއްޗެއް އޭނާއަށް ގެންގޮސްދިނެވެ. ލިބުމުންވެސް އޭނާ ކާން ބޭނުމެއް ނުވިއެވެ. ދެފަޅިއަށް ފަޅައިލުމަށްފަހު ދެފަރާތުގައި ތިބި ދެ މީހުންނަށް ދެ ފަޅި ދިނީއެވެ.
އެވަގުތަކީ މަރުގެ މަލާއިކަތާ އޭނާގެ ފުރާނަ ހިއްޕެވިވަގުތެވެ. އޭނާ އާއިމެދު ކަންތައް ވީގޮތް ހަދީޘުން އެނގެން އެބައޮތެވެ. އޭނާ 60 އަހަރު ދުވަހު ކުރި އަޅުކަމަށްވުރެ އޭނާ 6 ރޭ ކުރި ފާފަތަކުގެ ބަރުދަން މާ އިތުރެވެ. ނަމަވެސް އޭނާއަށް ﷲ ތަޢަލާ ސުވަރުގެ ދެއްވެވިއެވެ. އެއީ އޭނާ ޞަދަޤާތްކުރި ޕާންފޮތީގެ ބުރަދަން އިތުރުވުމުންނެވެ.
ނަމަވެސް މިބުނި ބަސް އޮޅުވައިނުލާށެވެ. ފާފަތަކެއް ކޮށްފައި ޞަދަޤާތް ކުރީމާ ހުރިހާ ފާފައެއް ފޮހެވޭނެ ކަމަށް ވެސް ނުބަލާށެވެ. އޭނާއަށް އެގޮތް މެދުވެރިވީ އެނާގެ ހިތުގައި ﷲ ތަޢާލާ އަށް އޮތް ލޯތްބާއި ބިރުވެރިކަން ބޮޑުވެފައި ތައުބާއަށް އެދި ކުރި މަސައްކަތުގެ ބުރަކަމުން ކަމަށްވެދާނެއެވެ.
ހަމައެއާއިއެކު އޭނާއަށް ކުރެވުނު ކުށް އެހެން އެއްވެސް މީހަކަށް ނުވެސް އެނގެނީސް އޭނާއަމިއްލައަށް ބިރުވެތިވެ ތައުބާވުމަކީ ވެސް ފާހަގަކުރަންޖެހޭނެ ކަމެކެވެ. އަދި ޖެހިޖެހިގެން 3 ދުވަހު ކާހިތްވެސް ނުވެ ހިތާމަކުރަން އިންކަންވެސް ފާހަގަކުރަން ޖެހެއެވެ. ވީމާ އޭނާ އެވަނީ ވަރަށް ފުރިހަމަ ތައުބާއަކުން ތައުބާވެފައެވެ. ވީމާ ކޮންމެ އަހަރަކު 360 ދުވަހު އަޅުކަން ކޮށްފައި ދެ އޮތް ދުވަސްކޮޅު ފާފަކުރާ މީހާ އާއި އޭނާގެ މައްސަލަ އާއި އުޑާއި ބިމާހައި ތަފާތެވެ. އޭނާ ފަދަ އީމާންތެރިއަކު ކޮންމެ އަހަރަކު ނުވަތަ ދޭތެރެ ދޭތެރެ ދޭތެރެއިން ފާފައެއް ނުކުރާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރެވޭ އެންމެ ފާއެއްގެ ބުރަދަން މުޅި ހަޔާތުގައި ކުރި ހުރިހާ ހެޔޮ އަމަލަކަށްވުރެ ބަރުވެދާނެކަން މިޙަދީޘްފުޅުން ވެސް މިއޮތީ ފެންނާށެވެ. ވީމާ ޗުއްޓީއަކީ ނުވަތަ ފާފައެއް ކުރަން ލިބޭ ފަހި ފުރުޞަތަކީ މުޅި އަހަރު ދުވަހު ކުރި ހެޔޮ އަމަލުތައް އަނދައިލާ ކަމަކަށް ނުހަދާށެވެ.
ކޮންމެ ޤައުމެއްގައި ހުރެ ކުރި ނަމަވެސް ކުރާ ކޮންމެ އަމަލެއްވެސް ﷲ ތަޢާލާ ހަމަ ވަގުތުން ދެކެ ދެނެވޮޑިގެންވެއެވެ. އެކަން އެންމެ ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނައްތައިނުލާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން