ތިއަ އަރައިގަންނަމުންދާ ފާފަތައް ކައްވަޅުގައި ތިބާ އާއި ބައްދަލު ކުރާނީ ކިހައި ބިރުވެރި ގޮތަކަށްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ތިއަ އަރައިގަންނަމުންދާ ފާފަތައް ކައްވަޅުގައި ތިބާ އާއި ބައްދަލު ކުރާނީ ކިހައި ބިރުވެރި ގޮތަކަށްކަން އެނގޭތަ؟

މިތާ އެއްވެ މިތިބަ އެންމެންގެ ކުރިމަތީގައި ކަލޭމެންގެ ދީނަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ވަރަށް ބާރަށް އިސްލާމް ދީނޭ ބުނާނެއެވެ. އީމާންވާ ކަލަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ﷲ އެވެ ބުނާނެއެވެ. ރަސޫލަކީ ކޮބައިތޯ އަހަފިނަމަ މުޙައްމަދު (ޞޢވ) ކަމަށްވެސް ހަމަ އެހައި ބާރަށް ބުނާނެއެވެ.

ނަމަވެސް މިއީ މަރުވެގެން ވަޅުލެވުމުން ކައްވަޅުގައި ސުވާލުކުރެވޭ ވަގުތު އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ހިތާމައަކީ މިކަން ޤަބޫލުކުރެވޭ މީހުންގެ އަދަދު މަދުކަމެވެ. 

މުސްލިމުންގެ ނަމުގައި މިއުޅޭ މީހަކު ނައިޓް ކްލަބެއްގައި މަސްތުވެފައި އިންނަ ވަގުތަކު މި ސުވާލުތައް ކުރިނަމަވެސް ހަމަހޭ ހުރިނަމަ މިޖަވާބުތައް ދޭނެއެވެ. އަދި ދަނީވެސް ދެމުންނެވެ. ނަމަވެސް އެއިގެ މާނައަކީ އޭނާ މަރުވުމުން ކައްވަޅުގައިވެސް އެ ޖަވާބުތައް ދެވޭނެ ކަމަށް ޤަބޫލުކުރުމެއް ނޫނެވެ. 

މީސްތަކުންނޭވެ! މިއަދު ފާފަތައް ކޮށް އެކަމުން އުފާލިބިގަންނަމުންދާއިރު ކައްވަޅާއި އަދި ޢާޚީރަތް ދުވަހާއިމެދު ވިސްނައިވެސް ނުލަމުއެވެ. ބޭނުންހައި ކަމެއް ކުރަމުން ބޭނުންހައި ގޮތަކަށް ތިއަ އުޅެނީއެވެ.

އެންމެ ފަހަރަކު ނަމަވެސް ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ކުރަމުން ދުނިޔޭގައި ތިއަ ހޯދާ އުފާތައް ކައްވަޅުގައި ތިބާ އާއި ބައްދަލުކުރާނީ ތިބާގެ ހިތަށް ނުވެސް ގެނެވޭނެ ފަދަ ބިރުވެރި ދާއްބައެއްގެ ގޮތުގައެވެ. ހަމައެކަނި އެފަދަ ނުބައި ސިފަތަކުގައި ފެންނާނީއެއްވެސް ނޫނެވެ. ތިބާއަށް ގަދަފަދަ ވޭންދެނިވި އަޒާބު ދިނުމުގައި އެފާފަތައް ދެމިތިބޭނެއެވެ. 

ދުނިޔޭގައި ތިބާ ހުރެ ދުވާލުގެ އިރު އޮއްސުމާއިއެކު ފެންވަރައި ނަލަހެދިގެން ނައިޓްކްލަބްތަކަށް ގޮސް ކުލަ ބޮކިތަކުގެ އަލީގައި ތިބެ ފާފަތައް ކުރަނީއެވެ. މަންޒަރުވެސް ރީއްޗެވެ. ބޮކިތަކުގެ ކުލަވެސް ރީއްޗެވެ. ކުރާ ފާފަތަކުން އިންތިހާއަށް އަރާމުވެސް ލިބެއެވެ.

ހަމައެފަދައިން އެއްބައަކު މީހުންގެ ޖީބުކަނޑައިގެން ފައިސާ ހޯދަނީއެވެ. އަނެއްބައަކު ތިޖޫރީތައް ފަޅައިގެން ފައިސާ ހޯދަނީއެވެ. އަނެއްބައަކު ބޭންކް އެކައުންޓްތަކަށް ވަގަށް ވަދެ ފައިސާ ހޯދަނީ އެވެ. ހޯދުނު ގޮތަކަށް ފައިސާ ހޯދައިގެން އުފަލާއި އަރާމުގައި ދުނިޔޭގައި އުދުހެނީއެވެ. 

އަނެއް ބައަކު ހަށި ވިއްކަނީއެވެ. އަނެއް ބައަކު ހަށި ގަންނަނީއެވެ. ހަމަ އުފަލާއި މަޖާކުރުމަށެވެ. މިހެން ގޮސް ކިޔާނެ ކަމެއްނެތެވެ. މިއަދު ދުނިޔެ ފުރިފައި މިވަނީ އެއްވެސް ބިރެއް ނެތި ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ބޮޑެތި ފާފަތައް ކުރާ މީސްތަކުން ކަމަށް ނުބުނަންވީ ސަބަބެއް ނެތެވެ. އެހެނީ އެކަންކަމުގައި ކޮންމެވެސް ސިފައެއްގައި ބައިވެރި ނުވާ، އެކަންކަން ނުކުރާ މީހުންނަކީ ހާދަ މަދުބައެކެވެ. 

އެންމެ ބޮޑު ހިތާމައަކީ މުސްލިމުންގެ ތެރެއިން މީހުން މިފަދަ އަމަލުތައް ކުރާ ކަމެވެ. އިސްލާމް ދީން އެނގިތިބެ މިފަދަ ކަންކަން ކުރާ ކަމެވެ. މަރުވާނެކަމާއި ބްރުޒަޚްގެ ޢާލަމާއި ކުރިމަތިލާންޖެހޭނެ ކަމާއި ޤިޔާމަތް ވާނެ ކަމާއި ﷲ ތަޢަލާގެ ކުރިފުޅުމަތީގައި ޖަވާބުދާރީވާންޖެހޭނެކަން ރަނގަޅަށް އެނގިތިބެމެ މިފަދަ ކަންކަން ކުރާކަމެވެ. 

ކޮންމެއަކަސް މަރުވުމާއި ހަމައަށް އެމީހަކު ބޭނުންވާ ގޮތަކަށް މިދުނިޔޭގައި އުޅެވިދާނެއެވެ. އެ އިޚްތިޔާރު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަ ނުވެ ހުއްޓައި މަރުވެއްޖެ ނަމަ ދުލާއި އަތްފައިގައި ކަސްތޮޅު އެޅި ގަދަފަދަ އަޒާބު ލިބެން ފަށާނެވެ. އެބިރުވެރި ކަމާއި ކުރިމަތިލާން ޖެހޭ ގޮތަށް ދުނިޔޭގައި އުޅުނު ހަމަ އެކަކަށްވެސް ބިރުވެރިކަމާއި  ކުރިމަތިލާން ނުޖެހޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ނަރަކައަށް ވަންނަން ޖެހޭ މީހަކަށް ނަރަކައަށް ނުވަދެ ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެކަންކަމުން ސަލާމަތް ވެވޭނެ ހަމައެކަނި ގޮތަކީ ﷲ ތަޢާލާ އެންގެވި ގޮތަށް ދުނިޔޭގައި އުޅުމެވެ. އުޅުމާއި ނުއުޅުން މިވަނީ މީސްތަކުންގެ އަތްމަތީގައެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން