ހަމައެކަނި ﷲ ގެ އެއްކައުވަންތަކަމަށް ހެކިވުމަކުން ނުފުދޭނެއެވެ. ޢާޚީރަތަށް އީމާންވެ ތައްޔާރުވާން ޖެހޭނެއެވެ. ފުރިހަމަ މުސްލިމަކަށް ވެވޭނީ އާޚިރަތް ދުވަސް އަންނާނެކަން ޤަބޫލުކޮށް އެދުވަހަށާއި ﷲ ތަޢާލާ ބާވައިލެއްވެވި ފޮތްތަކަށް އީމާންވެގެންނެވެ.
އަހަރެމެން މަރުވުމުން ދުނިޔޭގައި ތިބެ ކުޅަ އަމަލުތައް އަހަރެމެންނާއި ބައްދަލުކުރާނެއެވެ. ހެޔޮ އަމަލު ކުރުމުގައި އުމުރު ހޭދަކޮށްފި މީހަކަށް އޮތީ ސުވަރުގޭގެ ދާއިމީ ނިޢްމަތްތަކެވެ. ހަމަ އެފަދައި ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރުންމަތީގައި ދެމިހުރެއްޖެ މީހަކަށް ޤިޔާމަތް ދުވަހުން އޮތީ ނަރަކައިގެ ވޭންދެނިވި ޢަޛާބެވެ.
ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ޢުމުރު ކަނޑައަޅުއްވަވައިފައެވެ. އެއްވެސް މީހަކީ އެމީހަކު އެދޭހައި ދުވަހަކަށް ދުނިޔޭގައި ހުރެވޭނެ މީހެއް ނޫނެނެވެ. ޢާންމު އުމުރަކީ 60 އަހަރާއި 70 ކަމުގައި ވީނަމަވެސް މާ ޒުވާން އިރުގައިވެސް އެތައް ބައަކު މަރުވެއެވެ. ވީމާ އަބަދުވެސް ހުންނަން ޖެހޭނީ މަރުވެދާނެ ކަމަށް ތައްޔާރުވެގެންނެވެ. ހެޔޮ އަމަލުތައް ކުރުންމަތީގައެވެ. ޙަރާމް ކަންތައްތަކާއި ދުރުހެލިވެގެންނެވެ.
އާޚިރަތް ދުވަހަށް އީމާންވުމަކީ ހަމައެކަނި އެދުވަސް އަންނާނެ ކަމަށް ޤަބޫލުކުރާ ކަމަށް ދުލުން ބުނުމެއް ނޫނެވެ. ޤިޔާމަތް ދުވަސް އަންނާނެ ކަމާއި މަޙްޝަރު ކުރެވޭނެ ކަމާއި ހިސާބު ބައްލަވާނެކަމާއި ޙައްޤު ޖަޒާ ދެއްވަވާނެކަން ޤަބޫލުކުރުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ. އެކަންކަން ޤަބޫލުކުރުމަކީ ހަޔާތުގެ ދުވަސްތައް ﷲ ތަޢަލާ އަންގަވާފައިވާ ގޮތުގައި ހޭދަކުރުމެވެ. އަބަދުވެސް މަރަށް ތައްޔާރުވެ ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރުމެވެ.