ތިބާ މަރުވުމުން ވަޅުލެވުމާއިއެކު ކައްވަޅު ނުވަތަ ބިންގަނޑު ތިބާ ފިއްތައިލާނެއެވެ. ކިހައި ވަރަކަށް ހެއްޔެވެ؟ ތިބާގެ ހުރިހާ ކަށިތަކެއް ފުނޑުފުނޑުވެގެންދާ ވަރަށެވެ. ކިތައް ފަހަރުކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެހާލަތުގައި ހޭނެތޭނެއެވެ. ހޭއެރުމާއިއެކު ފެންނާނީ 3 ސުވާލުކުރައްވާ މަލާއިކަތުން ވަޑައިގެން ތިއްބައެވެ.
ތިބާގެ ދީނަކީ ކޮބައިތޯ ސުވާލުކުރެއްވުމުން ޖަވާބު ދެވޭނީ އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރި މީހުންނަށެވެ. ތިމާއަކީ މުސްލިމެއް ކަމަށް ބުނަމުން ދުނިޔޭގައި އުޅުނު ނަމަވެސް އިސްލާމް ދީނަށް އަމަލު ނުކުރާނަމަ ޖަވާބެއް ނުދެވޭނެއެވެ.
އެފަދަ މީހުން ދުނިޔޭގައި އުޅުނީ ކިހިނެއް ހެއްޔެވެ؟ އެމީހުންގެ ކުރިމަތީގައި ހުރިހާ ވެސް އުފަލަކީ "ވައިން އެންޑް ޑައިން" އެވެ. ލައްޒަތަކަށް ބޭނުންވުމުން ހަށިތައް ގަނެލައިގެންނާއި ގަދަކަމުން އަތުލައިގަނެގެންވެސް ލައްޒަތު ލިބިގަނެއެވެ. ފައިސާއަށް ބޭނުންވުމުން ހޯދުނު ގޮތަކަށް ފައިސާ ހޯދައެވެ. "ވައިން އެންޑް ޑައިން"ގެ މަސްތުގައި އިންދައި ގޮސް މީހަކު ސުވާލުކޮށްލި ނަމަވެސް އަލްޙަމްދުވެސް ކިޔާނެއެވެ. ޝަހާދަތްވެސް ކިޔާނެއެވެ. ތިމާއަކީ މުސްލިމެއް ކަމަށްވެސް ބުނާނެއެވެ.
ރަނގަޅަށް ވިސްނާށެވެ. ތިބާއަކީ މުސްލިމެއް ކަމަށް ދުލުން ބުނުމަކުން ތިބާއަކީ މުސްލިމަކަށް ނުވާނެއެވެ. މުސްލިމަކަށް ނުވަތަ އިސްލާމަކަށްވާނީ އިސްލާމް ދީނަށް އަމަލުކުރާނަމައެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ދީނަކީ ހަމައެކަނި އިސްލާމް ދީނެވެ. ވީމާ އެދީނަށް އަމަލު ނުކުރާނަމަ ތިބާއަކަށް އެއްވެސް ދީނެއް ނުވެއެވެ. ވީއިރު ތިބާގެ ދީނަކީ ކޮބައިތޯ ސުވާލުކުރެއްވުމުން ޖަވާބު ދެވޭނީ ކިހިނަކުން ހެއްޔެވެ؟
ދެން އޮތީ ތިބާގެ ރަސޫލަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. އެ ސުވާލުގެ ޖަވާބު ދެވޭނީ ރަސޫލް (ޞޢވ) އެންގެވި ގޮތަށް އަމަލުކުރި މީހުންނަށެވެ. އިތުރު އެކަލޭގެފާނުގެ ސުންނަތަށް އަމަލުކުރި މީހުންނަށެވެ.
މަޝްހޫރު މޮޑެލުންނާއި ޕޮޕްސްޓާރުންނާއި ޚާއިނުންނާއި ވަގުން ކޮޕީކޮށް އެމީސްމީހުން އުޅޭ ގޮތަށް ދުނިޔޭގައި އުޅެނިކޮށް މަރުވުމުން ތިމަންނާގެ ރަސޫލަކީ މުޙައްމަދު (ޞޢވ) ކަމަކަށް ނުބުނެވޭނެއެވެ. ސަބަބަކީ ތިބާ ދުނިޔޭގައި ހުރެ ހިނގީ އެމީހުންގެ މަގުން ކަމަށްވާތީއެވެ. އެމީހުން ކުރާ ކަންތައްތައް ކޮޕީކޮށް އެގޮތަށް ތިބާ އަމަލުކުރީތީއެވެ.
ތިމަންނާގެ ރަސޫލަކީ މުޙައްމަދު (ޞޢވ) ކަމަށް ބުނެވޭނީ ކައު އިތުރު ރަސޫލާގެ އަމަލުފުޅުތައް ކޮޕީކޮށް އެކަންކަން އެގޮތަށް ކުރަން މަސައްކަތް ކުރި މީހަކަށެވެ. ޙަދީޘްފުޅުތަކަށް އަމަލުކުރި މީހަކަށެވެ. އެކަންކަން ނުކުރާ މީހަކާއި ރަސޫލް (ޞޢވ) އާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ތިއަބައިމީހުންގެ ރޯލްމޮޑެލަކަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ނުބަލައި އާވާރާވެގެން ދުނިޔޭގައި ހަޔާތް ހޭދަކުރުމަކީ ހާދަ ބިރުވެރިކަން ހުރި ކަމެކެވެ. ކޮންމެ މީހަކު މަޙްޝަރު ކުރެވޭނީ އެމީހަކު އުޅުނު ގޮތަކަށް ދުނިޔޭގައި އުޅުނު ބައަކާއިއެކުގައެވެ. ދުނިޔޭގައި މަޝްހޫރުވެގެން ތިއުޅޭ މީހުންތައް ޤިޔާމަތް ދުވަހު މަޙްޝަރު ކުރެވޭނީ ކޮންފަދައަކުން ކަމާއިމެދު މިއަދު ނުވިސްނައިފި ނަމަ އާޚިރަތް ދުވަހުން ޖެހޭނެ ޙާލަށް ވިސްނާށެވެ.
އަހަރެމެން މިވާހަކަތައް މިކިޔައިދެނީއެވެ. އިންޒާރު މިދެނީއެވެ. އަހަރެމެން މިދައްކަނީ އަހަރެމެންގެ އަމިއްލަ ވާހަކަތަކެއް ނޫނެވެ. އިސްލާމް ދީނުގައި ކަންކަން ބަޔާން ވެގެންވާ ގޮތުގެ ވާހަކަތަކެވެ. ކީރިތި ޤްރްއާނުންނާއި ޙަދީޘްފުޅުތަކުން އެނގި ސާބިތުވާ ކަންކަމުގެ ވާހަކަތަކެވެ. އަހަރެމެން މިއަދާކުރަނީ އަހަރެމެންގެ ވާޖިބެވެ. އަމަލު ކުރުމާއި ނުކުރުމަކީ އަޑު އެހިބައެއްގެ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން.