މޮޅަށް އަޅުކަން ކުރުމަށް އުނި އިތުރު ގެނައުމުން ވާނީ ބިދުޢާއަކަށް- މޮޅަށް އަޅުކަން ކުރުމަކީ ވީހައި ފުރިހަމައަށް ކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މޮޅަށް އަޅުކަން ކުރުމަށް އުނި އިތުރު ގެނައުމުން ވާނީ ބިދުޢާއަކަށް- މޮޅަށް އަޅުކަން ކުރުމަކީ ވީހައި ފުރިހަމައަށް ކުރުން!

މޮޅަށް އަޅުކަން ކުރުން ކަމަށް ބަލައި ބައެއް މީހުން އިސްލާމް ދީނުގައި ބަޔާންވެގެންވާ އަޅުކަންތައްތަކަށް އުނި އިތުރު ގެނެއެވެ. އިތުރު ކަންތައްތައް އުފައްދައެވެ. ނަމަވެސް އިސްލާމް ދީނުގައި ބަޔާން ވެގެން ނުވާ ކަމެއް އުފެއްދުން ވާނީ ބިދުޢައަކަށެވެ. ކޮންމެ އަޅުކަމެއްވެސް ކުރަން ވާނީ ވީހައި މޮޅަށެވެ.

މޮޅަށް އަޅުކަން ކުރުމަކީ ތިމާއަށް ކުރެވޭނެ އެންމެ ފުރިހަމައަށް އަޅުކަން ކުރުމެވެ. އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް ކުރުމެވެ. މިސާލަކަށް ނަމާދު ކުރާނަމަ ކިޔާ ތަކެތީގެ މާނަ ހިތަށް ގެނެސް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ކުރުމެވެ. ކީރިތި ޤްރައާން ކިޔަވާނަމަ އިތުރު ކަންކަމަށް ނުވިސްނައި ކިޔާތަކެއްޗަށް ވިސްނައިގެން ކިޔެވުމެވެ.

ވީވަރަކުން މާނަ ދަސްކޮށް މާނަ ހިތަށް ގެނައުމާއިއެކު ކިޔަވަން މަސައްކަތް ކުރުމެވެ. ޛިކުރު ކުރާނަމަ ﷲ ތަޢާލާގެ މަތިވެރިކަމާއި ކިޔާ ޛިކުރުގެ މާނަ ހިތަށް އަރުވައިގެން ޛިކުރުކުރުމެވެ.

 

https://twitter.com/alizaid1000/status/1078647428604059648

މިކަމާއި ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ. "ކުރީގައި ރާއްޖޭގައި ކިޔައި އުޅުނުހެން ޖަމާޢަތް ހަދައި ޞަލަވާތްފުޅު ނުވަތަ މައުލޫދު ކިޔުން ފަދަ ކަންކަމަކީ ބިދުޢައެކެވެ. ބިދުޢައަކީ ދީނުގައި އަލަށް އުފެއްދޭ ކަންކަމެވެ. މިސާލަކަށް މެންދުރު ނަމާދުގައި 5 ރަކްޢަތް ކޮށްފިނަމަ އެކަން ވާނީ ބިދުޢަ އަކަށެވެ."

ޝައިޚުގެ މި ބަސްފުޅުގެ މާނައަކީ ކޮންމެ އަޅުކަމެއް ވެސް ކުރަންޖެހޭނީ އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް ކަމެވެ. އުނި އިތުރު ނުގެނެވޭނެ ކަމެވެ. ނަމާދުގައި ކުރާ ރަކްޢަތްތައް އިތުރު ކުރެވޭނީ އެކަމަށް ހުއްދަ ލިބިގެންވާ ނަމާދުތަކުގައެވެ. ވިތުރި އާއި ދަމު ނަމާދު ފަދަ ނަމާދުތަކުގައެވެ. މިސާލަކަށް މިސްކިތަށް އެރުމާއިއެކު ކުރާ މަސްޖިދު ސުންނަތުގެ ކުރެވޭނީ ބަޔާންވެގެންވާ 2 ރަކްޢަތެވެ. ނަމަވެސް އަޅުކަމުގެ ގޮތުން ކުރާ ސުންނަތް ނަމާދުތައް އެމީހަކު ބޭނުން އަދަދަކަށް ކުރެވިދާނެއެވެ.

 

މިއަދު އޮންލައިން