ކޮންމެ ދުވަހަކު 5 ފަހަރު މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާކުރަން ސަލަފުއްޞާލިޙުން އިރުޝާދު ދެއްވިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ކޮންމެ ދުވަހަކު 5 ފަހަރު މައިންބަފައިންނަށްޓަކައި ހެޔޮ ދުޢާކުރަން ސަލަފުއްޞާލިޙުން އިރުޝާދު ދެއްވިކަން އެނގޭތަ؟

"ﷲ ތަޢާލާ އަށާއި މައިން ބަފައިންނަށް ޝުކުރުވެރިވެރިވުމަށް ﷲ ތަޢާލާ އަންގަވާފައިވާކަން ބަޔާން ކުރެއްވެވުމުން އެބޭކަލުން ދެންނެވިއެވެ. "ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން އެންމެ މަދުވެގެން ރެއަކާއި ދުވާލު 5 ނަމާދު ކުރަން ޖެހެއެވެ. އެހެންކަމަށްވާއިރު މައިން ބަފައިންނަށް ޝުކުރުވެރިވުމަށް އަޅުގަނޑުމެން ކުރަންވީ ކޮން ކަމެއްތޯއެވެ؟" ޖަވާބުގައި ސަލަފުއްޞާލިހުންގެ ބައެއް ބޭކަލުން ބަޔާންކުރައްވަވާފައިވަނީ މައިން ބަފައިންނަށްޓަކައި މަދުވެގެން ދުވާލަކު 5 ފަހަރު ދުޢާކޮށް ދިނުމަށެވެ." - ޝައިޚް އާދަމް ޝަމީމް.

މައިންބަފައިންނަށްޓަކައި ކުރަންވީ ދުޢާ ﷲ ތަޢާލާ ވަނީ ކީރިތި ޤްރްއާނުގެ ސޫރަތުލްއިސްރާގެ 24 ވަނަ އާވަތުގައި ބަޔާންކޮށް ދެއްވަވައިފައެވެ.

މާނައީ: "އަދި އޯގާތެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ. އަދި ބުނާށެވެ! އަޅުގެ ވެރި ރަސްކަލާކޯއެވެ! ކުޑަކުއްޖެއްކަމުގައި މިއަޅާވީ ދުވަހު، އެދެމީހުން މިއަޅާ ބަލައި ބޮޑުކުރިފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވަވާނދޭވެ!"  

މިއާޔަތުގައި ހިމެނޭ ދުޢާ:

މާނައީ: " އަޅުގެ ވެރި ރަސްކަލާކޯއެވެ! ކުޑަކުއްޖެއްކަމުގައި މިއަޅާވީ ދުވަހު، އެދެމީހުން މިއަޅާ ބަލައި ބޮޑުކުރިފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވަވާނދޭވެ!" 

މިއީ ﷲ ތަޢާލާ  7 އުޑުމަތިން ބާވައި ލައްވަވާފައިވާ ދުޢާއެވެ! އަދި މިނޫން ދުޢާތައްވެސް ކުރެވިދާނެއެވެ. 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވަނީ ދުވާލަކު 5 ފަހަރު ދުޢާ ކުރުމަށް ބަޔާން ކުރެއްވެވުމުގެ ބޭނުންފުޅަކީ ފަރުޟް ނަމާދުގައި ވެސް ދުޢާ ކުރުމަށް ބަޔާން ކުރެއްވެވުން ކަމަށް ވެދާނެ ކަމަށެވެ. އަދި މައިން ބަފައިންނަށްޓަކައި ފަރުޟު ނަމާދުގައި މި ދުޢާ އާއި އެހެން ދުޢާތައްވެސް ކުރެވިދާނެ ކަމަށެވެ. 

"މައިން ބަފައިން މުސްކުޅި އުމުރަށް ދިއުމުން އަޅާލުން އިތުރުކުރަން ޖެހޭނެއެވެ. މައިން ބަފައިން މަރުވުމުން އެމީހުންގެ ޙައްޤުތައް ކެނޑިގެންދަނީއެއް ނޫނެވެ. އަދި ކިއެއްތަ؟ އިތުރުވަނީއެވެ." – ޝައިޚް އާދަމް ޝަމީމް

އެ ހައްޤުތައް އަދާ ކުރުމަށްޓަކައި ކިތަންމެ ކަމެއްވެސް ކުރެވިދާނެއެވެ. ތަނަވަސްކަން ހުރި ނަމަ ސްކުލްތަކާއި މިސްކިތް އެޅުންފަދަ ކަންކަން ކުރެވިދާނެއެވެ. ތަނަވަސްކަން ހުރި މިންވަރަކުން ޞަދަޤާތް ވެސް ކުރެވިދާނެއެވެ. އަދި ގިނަގިނައިން ދުޢާ ކުރުމަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. 

 

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި އޯގާތެރިވުމަށް ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި އަމުރުފުޅު ކުރައްވަވާފައިވާއިރު އެކަންކަން މިއަދު އަޅުގަނޑުމެންނަށް ކުރެވޭ މިންވަރާއިމެދު ހިތާމަކުރަން ޖެހެއެވެ. ކުރެވޭ ގޮތާއިމެދު ވެސް ހިތާމަކުރަން ޖެހެއެވެ. މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށާއި އޯގާތެރިވުމަށް އަމުރުފުޅު ކުރައްވަވާފައިވަނީ ހަމަ ނަމާދާއި ރޯދަ ވެސް ފަރުޟުކުރެއްވެވި ﷲ ސުބްހާބަހޫ ވަތަޢާލާއެވެ. ވީއިރު ޖަވާބުދާރީ ނުވެ ސަލާމަތް ވެވިދާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟

 

 

މިއަދު އޮންލައިން