މުދަލާއި ދަރިން ނުލިބުމުން ނުވތަ އިތުރަށް ބޭނުންވުމުން އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް ފުރަތަމަވެސް މިދެވެނީ ފަނޑިތަވެރިއެއް ގާތަށެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ.
ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުޢާކުރުމުން މުދަލާއި ދަރިންނާއި ގިނަގުނަވެގެންވާ ނިޢްމަތްތައް ﷲ ދެއްވަވާނެއެވެ. އެއީ އެކަލާނގެ ވަޢުދު ބަސްފުޅެކެވެ. ކީރިތި ޤްރްއާނުގެ މިއާޔަތްތައް ނިކަން އަޑުއަހައިބަލާށެވެ!
"ފަހެ ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. ތިއަބައި މީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި، ތިއަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެ ކަމުގައި ވެއެވެ." (ނޫހް ސޫރަތް-10)
"(އޭރުން) އެކަލާނގެ ތިއަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭ ގޮތުގައި) ވާރޭ ފޮނުއްވަވާނެއެވެ." (ނޫހް ސޫރަތް-11)
"އަދި މުދައުތަކާއި، ދަރިންގެ ގޮތުން، އެކަލާނގެ ތިއަބައިމީހުންނަށް މަދަދު ދެއްވަވާނެތެވެ. އަދި އެކަލާނގެ ތިއަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވަވާނެތެވެ. އަދި އެކަލާނގެ ތިއަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވަވާނެތެވެ." (ނޫހް ސޫރަތް-12)

ޙަޤީޤަތުގައި މިއަދު ޖެހިގެން މިއުޅޭ އެންމެ ބޮޑު މައްސަލައަކީ ﷲ ތައާލާގެ ދީލަތިވަންތަކަމާއި ކުޅަދުންވަންތަކަމާއި މިންވަރު ކުރައްވަވާ ގިނަ ގުނަ ނިޢްމަތްތައް ބަލައި ނުގަނެވެނީއެވެ. ޝުކުރުވެރި ނުވެވެނީއެވެ. އަދި ކިއެއްތަ! އިތުބާރުވެސް ނުކުރެވެނީއެވެ.
ވަކި ކަމެއް ނޫނެވެ. ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ތައުބާވުން ގިނަކުރާށެވެ. އަސްތަޣްފާރުކުރުން ގިނަކުރާށެވެ! ދުޢާ ކުރުން ގިނަ ކުރާށެވެ. އެދޭ ހުރިހާ ކަންކަމެއްވެސް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެކަން އިސްވެ ދިއަ ޢާޔަތްތަކުން ނުއެނގޭ ހެއްޔެވެ؟
ފަންޑިތަހަދާ މީހެއްގެ ކައިރިއަށް ގޮސް މުއްސަނދިވުމަށް ނުވަތަ އިތުރު ތަނަވަސްކަމަށް އެދޭއިރު ނިކަން ވިސްނައިބަލާށެވެ! ތިބާއަށް ތަނަވަސްކަން ހޯދައި ދެވޭނެ މީހަކު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާއަށް އަމިއްލައަށް ނުވެ އެހެރީ ކީއްވެގެން ހެއްޔެވެ؟ ތިބާއަށް ދަރިއަކު ހޯދައިދޭން ފަންޑިތަވެރިއަކަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟
ﷲ ތައާލާ އިންސާނާއަށް ދެއްވެވި އިލްމުގެ ތެރެއިން ދަރިއަކު ލިބުމަށް މަގުފަހިވާނެ ޑޮކްޓަރީ އީޖާދުތައް އެބަހުއްޓެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެއިން އީޖާދެއްގެ ފައިދާވެސް ކުރާނީ ހަމަ ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ. ހަމަ މިހޯދަނީ ކަމަށްބުނެ ދަރިއަކު ހޯދޭނެ އެއްވެސް ނިޒާމެއް އަދިވެސް ހޯދިފައެއް ނެތެވެ. ނުވެސް ހޯދޭނެއެވެ. ކިތަންމެ މޮޅު ނަމަވެސް ޑޮކްޓަރުންނަށްވެސް ކޮށްދެވޭނީ ހަމަ މަސައްކަތެވެ. ދަރިއަކު ލިބޭނީ ހަމަ ﷲ ތަޢާލާ ދެއްވެވުމުންނެވެ. އެއީ ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ގޮތެވެ. އެ ގޮތް ބަދަލުކުރެވޭނީ ކާކަށް ހެއްޔެވެ؟
މާނައަކީ ތަނަވަސްކަން ހުރެގެން ޑޮކްޓަރުންގެ އެހީތެރިކަމުގައި ދަރިއަކު ހޯދަން މަސައްކަތް ކުރި ނަމަވެސް އަސްތަޣްފާރު ކުރުން ގިނަ ކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ ހަނދުމަކުރުން ގިނަކުރާށެވެ.! ކާމިޔާބު ލިބޭނީ އެގޮތުންކަން ޔަޤީންކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން