ދަރިންނަށް ގާތުން ކިރު ދިނުމަކީ މައިންނަށް މަތިވެރި ސަވާބު ލިބޭނެ އަމަލެކެވެ. އަދި އެކަމުން ލިބޭނީ ކިރުދިންކަމުގެ ސަވާބު އެކަންޏެއް ނޫނެވެ. ގާތުން ދޭ ކޮންމެ ކިރުތިއްކަކަށްވެސް ސަވާބު ދެއްވަވާނެއެވެ. ނަމަވެސް ބައެއް މައިންނަށް އަދިވެސް ދަނީ މިކަމުގައި އިހުމާލުވެވެމުންނެވެ.
ދަރިފުޅު ވިހެއުމާއިއެކު އެކުއްޖާއަށް ބޭނުންވާ ރިޒުޤް ﷲ ތަޢާލާ މިންވަރު ކުރައްވަވަނީ މައިމީހާ މެދުވެރި ކުރައްވަވައެވެ. އެކަމުގައިވެސް ވަރަށް މަތިވެރި ޙިކުމަތްތަކެއް އެކުލެވިގެންވެއެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން ކިތަންމެހައިވެސް ބޮޑެވެ.
މިސާލަކަށް ފުރަތަމަ ވެސް އަތުން ފައިސާ ޚަރަދުކޮށްގެން ދަރިފުޅަށް ކާންދޭނެ ޖެހޭނަމަ އެކަން ނުކުރެވޭނެ އެތައް މިލިއަން ބައަކު އުޅޭނެއެވެ. ނަމަވެސް ކޮންމެ މައަކަށްވެސް އެއްވެސް ޚަރަދެއް ނުކޮށް ހަމަ ވަގުތުންވެސް ދަރިފުޅަށް ކާންދެވޭނެ މަގު ފަހިކޮށްދެއްވަވާފައިވުމުން އެއްވެސް ކުއްޖަކަށް ކާން ނުލިބިގެން އެކަމުގެ ތަކްލީފް އުފުލާކަށް ނުޖެހޭނެއެވެ.
މިހެން ބުނި ނަމަވެސް ތަފާތު މައްސަލަތައް ކުރިމަތިވެ ގާތުން ނުދެވޭ ހާލަތެއްވެސް ކުރިމަތިވެދާނެއެވެ. އެއީ ވަރަށް މަދުން ދިމާވާ ކަމެކެވެ. އެހެންކަމުން އެއީ ޚާއްޞަ ޙާލަތެއް ކަމަށް ބެލިދާނެއެވެ. އެފަދަ ސަބަބުތައް މެދުވެރިކުރައްވަވަނީ ވެސް މީސްތަކުން އިމްތިޙާން ކުރެއްވެވުމަށެވެ.
މައިމީހާ ގާތުން ދޭ ކިރާއި އެއްފެންވަރަށް ފައިދާހުރި އެއްވެސް ކިރެއް އަދި ބުއިމެއްވެސް މިއަދާއި ހަމައަށް ވެސް އުފެއްދިފައެއް ނުވެއެވެ. މައިމީހާގެ ގާތަށް އެރޭކިރަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއްކަން ޤަބޫލުނުކުރާ މީހުންނަށްވެސް އެކިރުގެ މުހިންމު ކަމާއި ފައިދާތައް އެނގެއެވެ. އަދި އެފަދަ ޑޮކްޓަރުންވެސް ގާތުން ކިރުދިނުމަށް ބާރުއަޅައެވެ. އެހެންކަމުން ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަން މިއޮތީ ވަރަށް ރަނގަޅަށް ހާމަވާށެވެ!
މިފަދަ ކަންކަމަށް ވިސްނުމުން އެނގެނީ ދަރިފުޅަށް ކިރު ދިނުމަށް މައިމީހާ ދޭންޖެހޭ ސަމާލުކަމުގެ ބޮޑުކަމެވެ. އަދި ﷲ ތައާލާ ދެއްވަވާފައިވާ ޢިލްމުގެ ބޭނުން ހިފައި ކިރު އިތުރުވާނެ ކަންކަން މައިމީހާ ކުރަން ޖެހޭނެ ކަމެވެ. ކިރު ގިނައިން އުފެދޭނެ ތަކެތި ލިބުނުވަރަކުން ކައި ބޮއި ކިރު އިތުރުކުރަން މަސައްކަތްކުރަންވާނެއެވެ! އެ ކިރު ތަޣައްޔަރުވާފަދަ ކަންކަން ނުކުރުމުގެ މުހިންމުކަމެވެ. އެހެން އިބާރާތަކުން ނަމަ ﷲ ތައާލާ ޙަރާމް ކުރެއްވެވި އެއްވެސް އެއްޗެއް ކައި ބޮއި ނުހެދުމުގެ މުހިންމު ކަމެވެ.
ގާތުން ކިރު ދޭ ދުވަސްވަރު ދަރިން ބަލަން ބައަކާއި ހަވާލުކުރި ނަމަވެސް ކިރުދަޅަކާއިއެކު ޙަވާލު ކުރުމަކީ ކުރަންހެޔޮވާވަރުގެ ކަމެއް ނޫނެވެ. ކިރުދޭންޖެހޭ ވަގުތަށް ދަރިފުޅު ގާތަށް ގޮސް ކިރުދޭންވާނެއެވެ. ނޫންނަމަ އެކަންވާނީ ތިބާއާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަކަށް ޚިޔާނާތްތެރިވުން ކަމަށެވެ. އެކަމުގެ ޒިނަމާ ވެސް އުފުލަން ޖެހޭނެއެވެ.
ބައެއް މައިން ވިހާ ތަނުން ދަރިފުޅު އެބަ އެއްލައިލައެވެ. ވިއްކާލުން ފަދަ ކަންކަން ވެސް އެބަކުރެއެވެ. ބައްޕައަށްވެސް ދަރިފުޅު އެބަދެއެވެ. މިކުރެވެނީ ކޮން ފަދަ ބޮޑު ފާފައެއް ކަމާއިމެދު ވިސްނައެއް ނުލައެވެ. ގާތުން ކިރުދިނުމުގެ ދަރިފުޅަށް ކިރު ނުދީ އެގޮތަށް ދަރިފުޅު ދޫކޮށްލުމަކީ ބޮޑުވެގެންވާ ފާފައެކެވެ!
ވީމާ މިއީ މިއަދުގެ މައިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ. އުންމީދަކީ މިކަންކަމަށް މައިން ހޭލުންތެރިވުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން!