އިސްލާމީ މަރުކަޒު މައިދާނުގައި މާދަމާ ރޭ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް ބާއްވަން ހަމަޖެހިއްޖެއެވެ. އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން "ބާއްޖަވެރި ޢާއިލާ" މި މައުޟޫއަށް ބާއްވާ މި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ 8.30 ގައެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ޢަހްމަދުﷲ ޖަމީލް ވިދާޅުވީ މިއީ އައު ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން އިންތިޒާމްކުރާ މިފަދަ ފުރަތަމަ ދަރުސް ކަމަށެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީން ބޭއްވި ދަރުސްތައް އަޑުއަހަން ދިއަ މީހުންގެ އަދަދު މަދުވި ނަމަވެސް ކުރީގެ ސަރުކާރުތަކުގައި އިސްލާމިކް މިނިސްޓްރީން ބޭއްވި ދަރުސްތައް އަޑުއެހުމަށް ދިއަ މީހުން ވަނީ އަލިމަސް ކާނިވާ ސަރަހައްދު ފުރާލައިފައެވެ. އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދަނީ އެދުވަސް އަނބުރާ ހޯދުމަށެވެ.