މަރަށްމަރު ހިފުމުގައި ބަލަންޖެހެނީ ހަމައެކަނި ކުށްވެރިޔާ މަރާލުމަށްތޯއެވެ؟. ނޫންނަމަ މަރުވިމީހާއަށް ދިން ޢުޤޫބާތާއި އެއްފަދަ ޢުޤޫބާތެއްދީ މަރާލުންތޯއެވެ؟
މަރަށް މަރުހިފުމުގައި އިސްލާމްދީން ދީފައިވާ ނަމަކީ ޤިޞާޞް ހިފުމެވެ. އެއީ މަރަށް މަރުހިފުމެވެ. ނުވަތަ މަރަށް ބަދަލުހިފުމެވެ. ޤިޞާޞްގެ ލުޣަވީމާނައަށް ބަލާއިރު މަރާލިގޮތަށް މަރާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިމާމް ނަސަފީ އެހެން ވިދާޅުވެފައިވާ ކަމަށް ކުރީގެ ލިއުންތަކުން ސާބިތުވެއެވެ. އެއިރުން އެއަށް ޤިޞާޞްގެ ފުރިހަމަ މާނަ ވަންނާނެއެވެ. ވީމާ ނޭފަތަކަށް ނޭފަތެއް އަތަކަށް އަތެއް ކަރަކަށް ކަރެކެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުގައި ވާފަދައިންނެވެ."وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنْفَ بِالْأَنْفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ فَمَنْ تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَهُ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الظَّالِمُونَ"" މާނައަކީ: "އެތައުރާތުގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ޤިޞާޞްގެ އުޞޫލްތައް ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން ނަފްސަކަށް ނަފްސެކެވެ.ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. ޒަޚަމަކީ ޤިޞާޞް ހިފަންޖެހޭނެ ކަމެކެވެ.ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ ކައްފާރާއެކެވެ. އަދި اللَّهބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ".
މިހެންވެ ބޯޗިސްކޮށްގެންމަރާލީމާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެމީހާ މަރާލީވެސް ހަމަ ބޯޗިސްކޮށްލާފައިއެވެ. ބޮޑު ގާބުރިއަކުން ޖަހާފައިއެވެ. ޢުރަނިއްޔީންގެ ލޯ ކޮނެ އަތްފައިބުރިކޮށް މަރާލީ ޖަމަލް ގެންގުޅޭމީހާވެސް އެފަދައިން މަރާލީމައެވެ. ޤިޞާޞް ހިފުމުގެ ފުރިހަމަ މާނާގައެވެ.
މިއާއި ޚިލާފަށް ހުޅަނގުން މާކުދިކުދި ކުށްތަކަށް މަރުގެ އަދަބު ދޭއިރު ލޯ ބޯ ޗިސްޗިސް ވަންދެން ކަރަންޓުދީ ހަދައެވެ. ބައެއް ފަހަރު އަލިފާނުގެ ޗެމްބަރަކަށް ލާ އަންދައެވެ. އަނެއްބައިފަހަރު ވިހަ ދީގެން މަރާހަދައެވެ. ނަމަވެސް މިއަނިޔާވެރިކަން އިސްލާމްދީނުގައިވަނީ ނަހީކުރައްވާފައެވެ. އަދި މީހަކު މެރިކަމުގައިވިއަސް ރަޙްމާއި ހަމްދަރުދީއާއި އޯގާތެރިކަމާއެކު އެކަންކުރަންވަނީ އަމުރުކުރައްވާފައެވެ. އެހެންވެ، ޤިޞާޞް ހިފުމަކީ އެންމެރަޙްމް އަނިޔާ ލިބުނުމީހާގެ ޙައްޤުގައި އަނިޔާވެރިޔާއަށް ދެވޭ ރަޙްމުން ފުރިހަފައިވާ ޢުޤޫބާތެކެވެ. އެއީ އެފަދަ ޖަރީމާތަކުން މީސްތަކުން ދުރުކުރުމަށް އޮތް އެންމެ ފުރިހަމަގޮތެވެ. އަދި ވޭނުގައި މަރާލެވުނު މީހާގެ ވާރުތަވެރީންނަށްވެސް ތަސައްލީ ލިބޭނެގޮތެވެ.
- ޝައިޚް ނަސްރުﷲ މުޞްޠަފާ