ފިރިއަކަށްވުމުގެ ޝަރުޠަކަށް ކޮންމެ ދުވަހަކު ޚަޠިމްކޮށް، ރޯދަ ހިފައި އަދި ކޮންމެ ރެއަކު ރޭ އަޅުކަމުގަ ހޭދަކުރުން ޝަރުޠުކުރި އަންހެނެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ފިރިއަކަށްވުމުގެ ޝަރުޠަކަށް ކޮންމެ ދުވަހަކު ޚަޠިމްކޮށް، ރޯދަ ހިފައި އަދި ކޮންމެ ރެއަކު ރޭ އަޅުކަމުގަ ހޭދަކުރުން ޝަރުޠުކުރި އަންހެނެއްގެ ވާހަކަ!

އެ ސަހަރުގައި އެންމެ ރީތި ކަމަށް މަޝްހޫރު އަންހެނަކު ކައިވެނީގެ ޝަރުޠުތަކުގެ ގޮތުގައި ވަރަށް އާދައާއި ޚިލާފް ކަންތައްތަކެއް ހުށަހެޅިއެވެ.  އެއީ ކޮންމެ ދުވަހަކު ޚަޠިމްކުރުމާއި ކޮންމެ ދުވަހަކު ރޯދަ ހިފައި އަދި ކޮންމެ ރެއަކު ރޭ އަޅުކަމުގައި ހޭދަކުރުމެވެ. 

ސަހަރުގެ ހުރިހާ އަންހެނުން ވެސް އޭނާ ޢާއި ކައިވެނިކުރަން ބޭނުންވިއެވެ. ނަމަވެސް އެއީ ފުރިހަމަ ކުރެވޭނެ ޝަރުޠުތަކަކަށް ނުވާތީ އެއްވެސް މީހަކަށް ކައިވެންޏާއި ކުރިމަތިލާން ނުކުރެފައި ތިއްބައި ޒުވާނަކު ކުރިމަތިލުމުން ކައިވެނީގެ ކަންކަން ފުރިހަމަކުރެވިއްޖެއެވެ.

ކައިވެނި ކުރެވުނު ނަމަވެސް ފިރިމީހާ އެ ޝަރުޠުތައް ފުރިހަމަކުރާ ތަން ނުފެނުމުން ދުވަސްކޮޅެއްފަހުން ވަރިވުމަށް އެދި ކޯޓަށް ހުށަހެޅިއެވެ. 

ފިރިމީހާ ކޯޓަށް ހާޒިރުކޮށް ސުވާލުކުރުމުން އޭނާ ބުނީ 3 ޝަރުޠުވެސް ފުރިހަމަކުރާ ކަމަށެވެ. އެކަންކަން ކުރާ ގޮތްވެސް އޭނާ ކިޔައި ދިނެވެ.

"އަޅުގަނޑު ކޮންމެ ދުވަހަކު އިޚްލާޞް ސޫރަތް 3 ފަހަރު ކިޔަވަމެވެ. އިޚްލާޞް ސޫރަތަކީ ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައި ނޫންތޯއެވެ؟ ވީއިރު އެ ޝަރުޠު ފުރިހަމަ ނުކުރެވޭތޯއެވެ؟ އަޅުގަނޑު ކޮންމެ ރެއަކު ޖަމާޢަތުގައި ޢިޝާ ނަމާދާއި ފަތިސް ނަމާދު ކުރަމެވެ. އެއީ މުޅި ރޭ އަޅުކަން ކުރުން ކަމަށް ނުވޭތޯއެވެ؟ އަޅުގަނޑު ރަމަޟާން މަހު ރޯދަ ހިފީމެވެ. އަދި ޝައްވާލު މަހުން 6 ރޯދަ ހިފީމެވެ. ވީއިރު އަޅުގަނޑަށް އެވަނީ އަހަރުގެ ހުރިހާ ދުވަހަކު ރޯދަ ހިފިފައި ނޫންތޯއެވެ؟"

"ފަނޑިޔާރު ވިދާޅުވިއެވެ. ތިއަ ވާހަކަތަކުގައި ރަނގަޅުކަމެއްވެސް އެބަހުއްޓެވެ. ތިއަ ބުނި ކަންކަން ކުރުމަކީ ހަމަ ތިއަ ބުނި ފަދައިން ބެލެވެންހުރި ކަންކަމެވެ. ނަމަވެސް އަނބިމީހާ ޝަރުޠުކުރި ކަންކަން ޝަރުޠުކުރި ގޮތަށް ކުރެވުނުކަމަށް ބެލެވޭކަށް ނެތެވެ. 

ނަމަވެސް ކައިވެނި ރޫޅާލައިދޭކަށް ނެތީމެވެ. އެއީ ކޮންމެ ރެއަކު ރޭ އަޅުކަން ކުރުމަށް ހޭލައި ހުރުމާއި އަހަރުގެ ހުރިހާ ދުވަހަކު ރޯދަ ހިފުމަކީ އަހަރެމެން ކުރަން ރަސޫލް ﷲ އިރުޝާދު ދެއްވަވާފައިވާ ކަންކަން ކަމަށް ނުވާތީއެވެ. ރޭ އަޅުކަން ކުރަންވާނީ ރޭގަނޑުން ބައެއްގައި ނިދުމަށްފަހުގައެވެ. އެންމެ ގިނައިން ވެސް ރޯދަ ހިފަންވާނީ 2 ދުވަހުން 1 ދުވަހުއެވެ." 

މިއީ ޢިބްރަތްތެރި ވާހަކައެކެވެ. މިވާހަކަ ކިޔައި ދިނުމުގެ ބޭނުމަކީ ﷲ ތަޢާލާ އަނގްވާފައިވާ ގޮތަށް އަޅުކަން ކުރުމަށް ނަޞޭޙަތްތެރިވުމެވެ. ރަސޫލް (ޞޢވ) ދެއްވަވާފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަޅުކަން ކުރަން ނަޞޭޙަތްތެރިވުމެވެ. އުފުލަން އަނގަވާފައި ނެތް ތަކުލީފްތައް އުފުލަން މަސައްކަތް ކުރުމުގެ ބަދަލުގައި އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އަޅުކަން ކުރަން މަސައްކަތް ކުރަން ނަޞޭޙަތް ދިނުމެވެ. ﷲ ތަޢާލާ ލޯބި ކުރައްވަވަނީވެސް އެމީހަކަށް ކެރި ކުޅަދާނަވީ މިންވަރަކުން އަޅުކަން ކުރުންމަތީގައި ސާބިތުވެ ހުރުމަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން