އިންސާނުން ޤާނޫނު ހަދަނީ އެމީހަކަށް ފައިދާވާ ގޮތަށެވެ. އެހެންކަމުން އިންސާނުން ހަދާ ޤާނޫނުތަކުގެ ފައިދާ ކުރަނީ އެންމެންނަށް އެއްވަރަކަށް ނޫނެވެ. މީސްތަކުންގެ މެދުގައި ޚިޔާލުތަފާތުވެ ކޯޅުންތައް އުފެދެމުން މިދަނީ އެސަބަބަށްޓަކައެވެ.
އެންމެންނަށް އެއްވަރަށް ފައިދާކުރާނީ ހަމަ އެކަނި އިސްލާމީ ޝަރީޢަތުގައެވެ. އެހެނީ ﷲ ތައާލާ އިސްލާމީ ޝަރީޢަތް ބާއްވަވައިލައްވަވައިފައިވަނީ އެންމެހައި މީސްތަކުންގެ މައްޗަށް ހަމަހަމަ ކަމާއިއެކުއެވެ. އެންމެންގެ މައްޗަށް ހަމަހަމަކަމާއިއެކު ތަންފީޒުކުރުމަށެވެ.
އިސްލާމް ދީން ބާވައި ލެއްވެވުނީ މީގެ 1400 އަހަރު ކުރިން ނަމަވެސް މިއަދާއި ހަމައަށް އައި އިރުވެސް ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އަމަލުކުރާނެ ގޮތްތައް އިސްލާމް ދީނުން ފެންނަން އެބައޮތެވެ. އެއީ އިސްލާމް ދީނަށް ލިބިގެންވާ މުޢްޖިޒާތެކެވެ. އެކަމުން އެނގެނީ އިސްލާމް ދީން ﷲ ތަޢާލާ ބާއްވަވައިލައްވަވައިފައިވަނީ ވަކި ބައަކަށް ނުވަތަ ވަކި ޒަމާނަކަށް ނޫން ކަމެވެ.
އިސްލާމީ ޝަރީޢަތެވެ ބުނުމުން ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެއީ ހަމައެކަނި ޝަރީޢަތްކޮށް ޙުކުމް ކުރުން ކަމަށެވެ. ނުވަތަ ހަމައެކަނި އަޅުކަން ކުރަން ޖެހޭ ގޮތް ކަމަށެވެ. އެއީ ކުށް ވިސްނުމެކެވެ. އިންސާނުންގެ ދިރިއުޅުމުގައި ހިމެނޭ އެއްވެސް ކަމެއް އިސްލާމް ދީނުގައި ދޫކޮށްލެވިފައެއް ނުވެ. ކޮންމެ ކަމެއްގައި އަމަލުކުރަންޖެހޭ ގޮތް ވެސް ވަނީ ބަޔާންވެގެންނެވެ.
އިސްލާމީ ޝަރީޢަތުގައި ހިމެނެނީ ދެ ބައެކެވެ. އެއީ ޢަޤީދާގެ ބައާއި ފިޤްހްގެ ބައެވެ. ޢަޤީދާގެ ބައަކީ ހިތުން ޤަބޫލުކުރަން ޖެހޭ ބައެވެ. ފިޤްހްގެ ބައަކީ އަމަލުކުރަންޖެހޭ ބައެވެ.
ނިކަން ވިސްނައިބަލާށެވެ. މިޒަމާނުގައި މިހިންގާ ކުންފުނިތައް ހިންގާނެ ގޮތާއި ވިޔަފާރި ކުރާނެ ގޮތާއި ޤަވާއިދުތައްވެސް އިސްލާމީ ޝަރީޢަތުން ފެންނަން އެބައޮތެވެ. މިހެން ގޮސް ބަލައިފިނަމަ ފެންނަން ނެތް ހަމަ އެއްވެސް ކަމެއް ނެތެވެ. ކުށް ކުރުމުން ޢަމަލުކުރަންޖެހޭ ގޮތް އަންގައިދޭ ޕީނަލް ކޯޑްވެސް އެބައޮތެވެ. ޝަރީޢަތް ކުރާނެ ފަނޑިޔާރުން ޢައްޔަނުކުރަންޖެހޭ ގޮތާއި ފަނޑިޔާރުން ޝަރީއަތް ކުރަން ޖެހޭ ގޮތްވެސް ވަރަށް ސާފުކޮށް އެނެގެން އެބައޮތެވެ.
ހަޔާތުގައި ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އިސްލާމީ ޝަރީޢަތުގައި އެކަން އޮތްގޮތް އޮޅުންފިލުވާށެވެ! ދީނީ ޢިލްމުވެރިންނާއި ގާތް ގުޅުމެއް ބާއްވައި ތިމާއަށް އޮޅުން ނުފިލާ ކަންކަން އޮޅުން ފިލުވައިގެން ކަންކަން ކުރަމުން ގެންދާށެވެ. ޙަޤީޤީ ކާމިޔާބު ޙާޞިލުކުރެވޭމީހަކަށް ވެވޭނީ އެއިރުންނެވެ.
- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ޝައިޚް ޢަލީ ނިޝާމް ދެއްވި ދަރުސުން