އަޅުގަނޑުމެންނަކީ ﷲ ތަޢާލާ އަށް އީމާންވެގެން ތިބި މުސްލިމުންކަމަށް ބުނާއިރު މިއަދު މިތިބީ އަމިއްލަ ނަފުސަށް ލަދުވެތިވާނެޖެހޭ ހާލަތުގައެވެ.
ސަބަބުތައް ވަރަށް ގިނައެވެ. ﷲ ތަޢާލާއަށް އީމާންވުމަށްފަހު ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭ ކަމަކީ ނަމާދުކުރުމެވެ. ބަންގި ގޮވުމުން ވަގުތުން އިޖާބަދިނުމަކީ ވަރަށް މަތިވެރިވެގެންވާ ސުންނަތެކެވެ. (ޖަމާޢަތުގައި ނަމާދުކުރުމަކީ 27 ގުނަ އިތުރަށް ސަވާބު ލިބޭ ކަމެކެވެ.)
ނަމަވެސް ލުއި ފަސޭހައަކަށްޓަކައި ނަމާދުކުރުމަށްވެސް ﷲ ތަޢާލާ ވަނީ ވަގުތުތަކެއް ދެއްވަވައިފައެވެ. އެހެންކަމާއިއެކުވެސް ކޮފީ މޭޒުތަކާއި އެނޫންވެސް ކަންކަމުގައި ގަޑި ދޮޅުގަޑިއިރު ވަގުތު ހޭދަކުރާ މީހުންނަށް ނަމާދު ވަގުތުވެ އެ ވަގުތު ފާއިތުވެގެންދާއިރުވެސް ނަމާދުކުރާނެ ވަގުތުކޮޅެއް ލިބޭ ކަމަކަށް ބުނެއެވެ.
(ބައެއް ޤައުމުތަކުގައި ނަމާދުކުރާ މީހުންނަށް ބިރުދައްކަން ބޮޑެތި ބަޑިތައް ހިފައިގެން ތިބޭއިރު އެއްވެސް ބިރެއްނެތި އެގެންދަނީ ޖަމާޢަތުގައި ނަމާދުކުރަމުންނެވެ. މިސްކިތަށް އަރަމުންނެވެ.)
ނަމަވެސް ރާއްޖޭގައި ނަމާދުކުރަން، މިސްކިތަށް އަރައިފާނެތީ ބިރު ދައްކާނެ މީހަކު ނެތެވެ. އެކަމަށް ހުރަސް އަޅާނެ މީހަކު ނެތެވެ. ނަމަވެސް ފަރުޟު 5 ނަމާދު ފުރިހަމައަށް ތިމާއަށް އަދާކުރެވޭ ކަމާއިމެދު މިވަނީ އަމިއްލަ ނަފުސާއި ސުވާލުކުރަން ޖެހިފައެވެ.
ސްމާޓް ފޯނުތައް ހިފައިގެން ތިބެ އެފޯނުތަކުގެ ބޭނުން އެތއް ގަޑިއިރަކު އެކިއެކި ކަންކަމުގައި ހޭދަކުރަމުން ގެންދާއިރު ހަމަ އެފޯނުގައި ކީރިތި ޤްރްއާނުގެ އެޕްލިކޭޝަންތައް ހުރެމެ (ނުވަތަ އެޕްލިކޭޝަން އަޅައިގެން) ކީރިތި ޤްރްއާނުގެ އެންމެ އާޔަތެއް 2 ޢާޔަތް ނަމަވެސް ކިޔަވައިލަނީ މަދު މީޙެކެވެ. --މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި އިއްޔެ ޝައިޚް ޢަލީ ޒައިދު ވިދާޅުވި ޚުޠުބާއިން