އިމާމް ވިދާޅުވި 11 ސުންނަތުން 3 ސުންނަތަށް އަމަލުކުރަން ފެށި މީހަކު 25 ސުންނަތް ހަމަކޮށް އިތުރު ސުންނަތެއް ފެނޭތޯ ހިނގަންފެށި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
އިމާމް ވިދާޅުވި 11 ސުންނަތުން 3 ސުންނަތަށް އަމަލުކުރަން ފެށި މީހަކު 25 ސުންނަތް ހަމަކޮށް އިތުރު ސުންނަތެއް ފެނޭތޯ ހިނގަންފެށި

އެއް ދުވަހަކު އިމާމް މީހާ ޚުޠުބާ ވިދާޅުވަމުން ވިދާޅުވިއެވެ. "އޭ މިސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފުސްތަކަށްވުރެ ކުރިއަށް ﷲ ތަޢާލާ އަށާއި މުޙައްމަދު ރަސޫލް (ޞޢވ) އަށް ލޯބިކުރުން ކުރިއަށް ނެރޭށެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބުނާނީ ތިމަންނާއަކީ ރަސޫލް (ޞޢވ) ދެކެ ވަރަށް ބޮޑަށް ލޯބިވާ މީހެއް ކަމަށެވެ.

ކޮންމެ މީހަކު ވެސް މީހަކު ދެކެ ލޯބިވާނަމަ އެމީހާ ކުރަން ބުނާ ކަންކަން ކުރާނެ ނޫނެ ހެއްޔެވެ؟ ނަމަވެސް ރަސޫލް (ޞޢވ)ގެ ސުންނަތުގައި ހިމެނޭ ކަންކަން ކުރަމުތޯ ސުވާލުކޮށްފިނަމަ ގިނަ ބައަކަށް ބުނެވެނީ ނުކުރާ ކަމަށެވެ. އެއީ ސުންނަތަކަށްވާތީ ނުކޮށް ދޫކޮށްލެވިފައިވާ ކަމަށެވެ. އެހެންކަމަށްވާނަމަ ރަސޫލް (ޞޢވ) ދެކެ އެވެވެނީ ކޮން ލޯތްބެއް ހެއްޔެވެ؟

އޭ އީމާންވެގެން ތިބި މީސްތަކުންނޭވެ! ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުގައި ހިމެނޭ އަހަރެން މިކިޔާ މަދު ކަންކަމުގެ ތެރެއިން ތިއަބައިމީހުންނަށް އަމަލުކުރެވެނީ ކިތައް ކަންތަކަށް ހެއްޔެވެ؟

1 އަވަހަށް ނިދުމާއި ފަތިހު ހޭލުން 2. މީސްތަކުންނާއި ބައްދަލުވާހިނދު ހިނިތުންވެ ސަލާމްކުރުން 3. މިސްވަކުން ދަތް އުނގުޅުން 4. ގޮހޮރުގެ ތިންބައިކުޅަ އެއްބައަށް ކެއުން، 4. ހެޔޮ ބަހެއް ނޫނީ ނުބުނުމާއި މީހުން ދައްކާ ވާހަކަ ކަނުލައި އަޑުއެހުން 5. ބަލި މީހުންނަށް ޒިޔާރަތްކުރުމާއި ބަލި މީހުންނަށް ހެޔޮ ދުޢާކުރުން 6. ކެއުމުގެ ކުރިން ބިސްމިﷲ ކިޔުން، 6. ކެއުމުގެ ކުރިން އަތް ދޮވުން 7. ކެއުމަށްފަހު ދެއްވެވި ރިޒްޤަށް ޝުކުރުކޮށް ﷲ ތަޢާލާއަށް ދުޢާ ކުރުން 8. ގެއަށް ވަދެ ނުކުންނައިރު ޛިކުރު ކިޔުން 9. ކަނާތް ފަޅިއަށް ނިދަން އޮތުން 10. ނިދީން ހޭލެވުމާއިއެކު ދުޢާކުރުން 11. ފައިވާނަށް އަރާއިރު ކަނާތު ފައި އިސްކުރުމާއި ފައިވާނުން ފައިބާއިރު ވައަތުފައި އިސްކުރުން.

ކޮންމެ މީހަކުވެސް މިކަންކަން އެމީހަކަށް ކުރެވޭ މިންވަރާއިމެދު ނިކަން އަމިއްލަ ނަފްސާއި ސުވާލުކޮށްލައިބަލާށެވެ! ކުރެވެނީ ކިތައް ކަންތައްކަން ބަލައި ކުރެވޭ ކަންކަމުގައި އިތުރަށް ސާބިތުވުމާއިއެކު ވީވަރަކުން ނުކުރެވޭ ކަންކަން ކުރަން މަސައްކަތްކޮށްބަލާށެވެ!

މީސްތަކުންނޭވެ! ރަސޫލް (ޞޢވ)ގެ ސުންނަތަށް އަމަލުކުރި މިންވަރަކުން ނޫނީ ކާމިޔާބީއެއް ނުލިބޭނެއެވެ. ރަސޫލް (ޞޢވ)ގެ ސުންނަތުގައި ހިމެނޭ ކޮންމެ ކަމަކީވެސް އެކަމެއް ކުރުމުން ތިމާއަށް މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ފައިދާކުރާނެ ކަންކަމެވެ. ރަސޫލް (ޞޢވ) ދެކެ ލޯބިވުމަކީ އިތުރު އެކަލޭގެފާނުގެ ސުންނަތަށް އަމަލުކުރުމެވެ." 

ޚުޠުބާ އަޑުއަހަން އިން މީހަކު ހިސާބު ހަދަލިއިރު އޭނާއަށް ޢާންމުކޮށް ކުރެވެނީ އެންމެ 3 ކަންތަކެވެ. އެހެންކަމުން އިތުރު ކަންތައްތައް ކުރަން އޭނާ އަޒުމް ކަނޑައެޅިއެވެ. އަދި އެކަމަށް މަސައްކަތް ފެށިއެވެ.

އެއިގެ 2، 3 މަސްދުވަސް ފަހުން އިމާމް ޢާއި ބައްދަލުވެގެން އޭނާ ދެންނެވިއެވެ. "އިމާމްއެވެ. އިމާމް ކުރީ ދުވަހު ދެއްވި ޚުޠުބާގައި ވިދާޅުވި ގޮތަށް އަމަލުކުރަން މަސައްކަތް ކުރީމެވެ. އެއިރު އަޅުގަނޑަށް އަމަލުކުރެވެނީ އިމާމެ ވިދާޅުވި ކަންކަމުގެ ތެރެއިން އެންމެ 3 ސުންނަތަކަށެވެ. ނަމަވެސް މިހާރު 25 ސުންނަތަށް އަމަލުކުރަމެވެ. އެއްކަމެއް އިތުރުކޮށްލާއިރަށް އެހެން ކަމެއް އިތުރުކޮށްލާ ހިތް ހަމަ ވަނީ އެވެ. އިމާމް އެވެ. އަޅުގަނޑަށް އިތުރު ސުންނަތެއް ބަޔާންކޮށް ދެއްވަފާނަންތޯއެވެ!"

ކައު އިތުރު ރަސޫލާ (ޞޢވ)ގެ ސުންނަތަށް އަމަލުކުރުމަކީ މިފަދަ ކަމެކެވެ. އެއީ ހަމަ ދެވިހިފާ ކަމެކެވެ. ބޭނުންވާނީ ހިތްވަރާއިއެކު އަމަލުކުރަން ފެށުމެވެ. ހިތްވަރާއިއެކު އަމަލުކުރަން ފަށާއިރަށް އެކަމަށް ހިތްވަރު ލިބި މަގުތައް ދާނީ ފަހިވަމުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން