އަހަރެމެންނަށް މިއަދު ޖެހިފައި މިވަނީ ވަރަށް ނުބައި ބައްޔެކެވެ. އެއީ ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް ނަރަކައިން ސަލާމަތްވެ ސުވަރުގެ ދެވޭނެ ކަމަށް ޤަބޫލުކުރެވޭ ބައްޔެވެ. ކިތަންމެ ގިނަ ޙަރާމް ކަންތަކެއް ކުރަމުން ގެންދިއަ ނަމަވެސް ފާފަވެރި ނުވެ ސަލާމަތް ވެވޭނެ ކަމުގެ ބައްޔެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ ކަނޑައެޅިގެން އިބިލީސް އަހަރެމެންގެ ވިސްނުމަށް ވައްދުވަމުނދާ ކަންތައްތަކެކެވެ. އިބިލީހުގެ މިފަދަ ވަސްވާސްތަކާއި ދުނިޔަވީ ލައްޒަތަށް ހިތްތައް މިވަނީ އިންތިހާއަށް ލެނބިފައެވެ. މާނައަކީ އަހަރެމެންގެ ހިތްތައް ކޮރަޕްޓް ވެފައިވުމެވެ. ހިތްތަކުގެ ނަޒާހަތްތެރިކަން ގެއްލިފައިވުމެވެ.
ނިކަން ވިސްނައިބަލާށެވެ! ﷲ ތަޢާލާ ވަނީ ރަސޫލް (ޞޢވ) ދުނިޔޭގައި ހުންނަވަނިކޮށް އިތުރު އެކަލޭގެފާނުގެ އިސްވެ ގޮސްފައިވާ ހުރިހާ ފާތަކާއި ކުރެއްވެން ހުރި ފާފަތައްވެސް ޢަފޫކުރައްވަވާފައިވާކަން ބަޔާންކުރައްވަވައި އަންގަވައި ދެއްވަވައިފައެވެ. އެއާއިއެކު ވެސް ރަސޫލް (ޞޢވ) ވަނީ ﷲ ތަޢާލާޢަށް ކިޔަމަންތެރިވެވަޑައިގަތުމުގަ އާއި އަޅުކަން ކުރެއްވެވުމުގައި، އަޅުކަން ކުރެއްވެވުން އިތުރު ކުރެއްވެވުމުގައި އުންމަތަށް ނަމޫނާ ދައްކަވައިފައެވެ.
ހަމަ އެއާއެކު ރަސޫލް (ޞޢވ) ވަނީ އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާންގެފާނާއި ޢަލީގެފާނާއި ޒުބައިރުގެފާނާއި ޢަބްދުއްރަޙްމާން ބިން އައުފް ފަދަ ބޭކަލުންނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވަވައިފައެވެ. އެބޭކަލުންވެސް ވަނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެވަޑައިގަތުމާއި އަޅުކަން ކުރެއްވެވުމުގައި ނަމޫނާ ދައްކަވައިފައެވެ.
ބައެއް މީހުން އެބަ ބުނެއެވެ. ﷲ ތަޢަލާ ތިމަންނާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަން އަދި އިތުބާރު އެބައޮތެވެ. ނިކަން ވިސްނައިބަލާށެވެ. ރަސޫލް (ޞޢވ) ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވެވި ބޭކަލުންނަށް އެކަމުގެ ޔަޤީންކަމާއި އިތުބާރު ނެތީހެއްޔެވެ؟ ﷲ ތަޢާލާ އާއިމެދު އެބޭކަލުން ކުރެއްވެވި އިތުބާރު އަހަރެމެންނަށް ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! އަހަރެމެން ދެކަމެއްގައި ސާބިތުވާން ޖެހެއެވެ. އެއީ ﷲ ތަޢަލާއަށް ބިރުވެތިވުމާއި އުންމީދުކުރުމެވެ. މި ދެ ކަންތަކުގައި ސާބިތުވެގެން މެނުވީ އާޚިރަތެއް ނުލިބޭނެއެވެ.
ނަމަވެސް މިއަދު އަހަރެމެން މިކުރާ ކަމަކީ ހަމައެކަނި މަތިމައްޗަށް އުންމީދުކުރުމެވެ. ބިރުވެތިވުމެއް ނެތެވެ. އެހެން ކަމަށްވުމުން ދެކޮޅު ޖެއްސޭނީ ކިހިނަކުން ހެއްޔެވެ؟
އަހަރެމެން މިއަދު ހިތަށް އެރިހައި ގޮތަކަށް އަމަލުކުރަމުން ސުވަރުގެ ލިބޭނެ ކަމަށް ޔަޤީން މިކުރަނީ ކާކު އެ ޔަޤީންކަން ދީގެން ހެއްޔެވެ؟ މީސްތަކުންނޭވެ! މޮޔަ ޚިޔާލުތައް ދޫކޮށްލައި އަވަހަށް ތައުބާވާށެވެ! ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ އެންމެހައި ކަންތައްތަކުން ހަމަ މިވަގުތުން ފެށިގެން ދުރުހެލިވާށެވެ. ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކޮށް ރޮއި ކަރުނަ އަޅައި އާދޭސް ދަންނަވަން ފަށާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން