ކާމިޔާބު ޑްރައިވަރުންނަކީ ދުނިޔޭގަ ބާރު ސްޕީޑްގަ ބްރިޖްތައް ހުރަސްކުރާ ފަދައިން ޞިރާޠު މަގު ހުރަސްކުރެވޭ މީހުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކާމިޔާބު ޑްރައިވަރުންނަކީ ދުނިޔޭގަ ބާރު ސްޕީޑްގަ ބްރިޖްތައް ހުރަސްކުރާ ފަދައިން ޞިރާޠު މަގު ހުރަސްކުރެވޭ މީހުން!: މުފްތީ މެންކް

އަހަރެމެން ދުނިޔޭގައި އެއްތަނުން އަނެއްތަނަށް ދިއުމަށް ބްރިޖްތައް ހުރަސްކުރަމުއެވެ. ވަރަށް ބާރު ސްޕީޑްގައި ދުއްވާފައި ވަރަށް ފަސޭހަކަމާއިއެކުވެސް ހުރަސްކުރަމުއެވެ. ނަމަވެސް އެންމެ މުހިންމު ބްރިޖް ހުރަސްކުރުން އޮތީ ކުރިއަށެވެ. އެއީ ޤިޔާމަތް ދުވަހު ނަރަކައިގެމަތިން ހުރަސްކުރަންޖެހޭ ބްރިޖެވެ. ޞިރާޠް މަގެވެ. ކާމިޔާބު ޑްރައިވަރުންނަކީ ދުނިޔޭގައި ބާރު ސްޕީޑްގައި ބްރިޖްތައް ހުރަސްކުރާ ފަދައިން ޤިޔާމަތް ދުވަހު ނަރަކައިގެ މަތިން ޞިރާޠު މަގު، ވިދާލާ ވިދުވަރެއް ފަދައިން ހުރަސްކުރެވޭ މީހުންނެވެ.

އެ ބްރިޖް (ޞިރާޠު މަގު)ގެ ފުޅައުމިން ރަސޫލް (ޞޢވ) ބަޔާންކޮށް ދެއްވަވާފައިވަނީ އިސްތަށްޓެއްހައި ހިމަކޮށެވެ. އެމީހާ ދުނިޔޭގައި ހުރިއިރު ﷲ ތަޢާލާ އާއިއެކު ފުރިހަމަ ބްރިޖެއް އަޅާފައިވާ (ގާތް ގުޅުމެއް އުފައްދާފައިވާ) މީހުން އެ ބްރިޖް (ޞިރާޠް މަގު) ހުރަސްކުރާނީ ވިދާލާ ވިދުވަރެއް ފަދައިންނެވެ. ކޮންމެ މީހަކަށްވެސް ހުރަސް ކުރެވޭނީ އެމީހާގެ ތަޤްވާވެރިކަން ހުރި މިންވަރަކުންނެވެ. ބައެއް މީހުން ވަރަށް ދަތި ޙާލުންވެސް ހުރަސްކުރާނެ އެވެ. އެއް ބައަކު ހުރަސް ނުކުރެވި ނަރަކައަށް ވެށްޓޭނެއެވެ.

ނިކަން ވިސްނައިލަބަލާށެވެ! އެއްތަނުން އަނެއްތަނަށް ދިއުމަށް ދަމާފައި ހުންނަ ވައު މަތީގައި ފަސޭހަ ކަމާއިއެކު ހިނގާ ބައަކު އެބަ އުޅެއެވެ. އަނެއްބައަކު ކުޑަ އުނދަގުލަކާއިއެކު ހިނގައިފާނެއެވެ. އަނެއްބައަކު ތިއަ ކަމެއް ނުކުރެވޭނެ ކަމަށް ބުނެ ހުރަސްކުރަން ނުއުޅެފާނެއެވެ. އެދުވަހުން ހުރަސް ކުރަން ދެކޮޅެއް ނުހެދޭނެއެވެ. ޖެހޭނީ ހުރަސްކުރާށެވެ! ނަރަކައަށް ވެއްޓެން ނަމަވެސްމެއެވެ.

އަވަހަށް ތައުބާވާށެވެ. ތިބާ އާއި ﷲ ތަޢާލާ އާއި ދެމެދު އަޅާފައިވާ ބްރިޖް މިހާރު އޮތީ ހަލާކުވެފައި ނަމަވެސް ފަސް ނުޖެހޭށެވެ. މަރާމާތުކުރުމުގެ މަސައްކަތް ހަމަ މިވަގުން ފެށިގެން ފަށާށެވެ! އެކަން ކުރަންޖެހޭ ކަމަކީ އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ހެޔޮ އަމަލުތައް ކުރުން ގިނަ ކުރުމެވެ. ތައުބާވާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން