ދެއަތް އުފުލައި ދުޢާ ކުރުމުން އިޖާބަ ނުކުރައްވަވައި ހުސްއަތާ ފޮނުއްވަވައި ލެއްވެވެމަކީ ﷲ ގެ ދީލަތިވަންތަކަމާ ޚިލާފް ކަމެއް: ޝައިޚް އިލްޔާސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 55ސ
ދެއަތް އުފުލައި ދުޢާ ކުރުމުން އިޖާބަ ނުކުރައްވަވައި ހުސްއަތާ ފޮނުއްވަވައި ލެއްވެވެމަކީ ﷲ ގެ ދީލަތިވަންތަކަމާ ޚިލާފް ކަމެއް: ޝައިޚް އިލްޔާސް

މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކުރުމެވެ. ﷲ ތާޢާލާ ވަޙީ ކުރައްވަވާފައިވަނީ ތިއަބައިމީހުން ހައްދަވައި ގެންގުޅުއްވަވާ އިލާހް ވޮޑިގެންވާކަން ޤަބޫލުކޮށް، އެއިލާހުގެ ޙަޟްރަތުގައި ދުޢާ ކުރުމަށެވެ. ޔޫނުސްގެފާނު ފަދަ ބޭކަލުން ދުޢާކުރެއްވެވިފަދައިން ދުޢާ ކުރުމަށެވެ. "ތިމަންނާ އަށް ދަތި އުނދަގޫކަމެއް ކުރިމަތިވެއްޖެއެވެ. އިނބަ ﷲ ގެ ރަޙްމަތްފުޅު ތަނަވަސްކޮށްދެއްވަވާނދޭވެ!" ތަނަވަސްކޮށް ދެއްވަވާނެއެވެ. އެކަމުގެ ޔަޤީންކަން ދެއްވަވާފައިވަނީ ﷲ ތަޢާލާ އެވެ. 

ދުޢާ ކުރުމުން އެމީހަކާއި ﷲ ތައާލާ ކުއްތަންވެވޮޑިގެންވާ މިންވަރު ނިކަން ވިސްނައިބަލާށެވެ. ވަޙީ ކުރައްވަވާފައި މިވަނީ ދުޢާ ކުރާ މީހާގެ އަޑު ތިމަން ﷲ އައްސަވައިވޮޑިގެންވާ ކަމަށެވެ. އިޖާބަ ކުރައްވަވާނެ ކަމަށެވެ.

ނިކަން ވިސްނަވައި ބައްލަވާށެވެ. ޅަފަތުންސުރެ ކައިވެނިކޮށްގެން އުޅުނު ފިރިމީހާ، އަނބިމީހާ މުސްކުޅިވި ފިރިމީހާގެ މަންމައާއި އަނބިމީހާ އާއި އެއްފަދަ ކުރުމުން ރަސޫލް (ޞޢވ) އަށް އެކަމުގެ ޝަކުވާ ދެންނެވިއެވެ. ދެންނެވީ ގަނޑުވަރުކޮޅުގައި އިންނަވަނިކޮށެވެ. ގަނޑުވަރުކޮޅެވެ ބުމުން އެއީ މިޒަމާނުގެ ބޮޑު އެނދެއްގެ ބޮޑު މިނެވެ. އެތަނުގައި ޢައިޝަތުގެފާނު އިންނެވިއެވެ. ޢައިޝަތުގެފާނަށް އެ ޝަކުވާ އިވިވަޑައެއް ނުގަންނަވައެވެ. ނަމަވެސް ﷲ ތަޢާލާ ވަގުތުން އަޑު އައްސަވައި ވަގުތުން ކީރިތި ޤްރްއާނުގެ އާޔަތެއް ބާވައިލެއްވެވިއެވެ. 

ކޮންމެ ނަމާދެއްގެ ފަހުގައިވެސް ދުޢާ ކުރުމަކީ ހުރިހާ އިލްމްވެރިންވެސް އެއްބަސްވެވަޑައިގަންނަވާ ކަމެކެވެ. ރަސޫލް (ޞޢވ) ދުޢާ ކުރެއްވެވީ އަތްޕުޅު އުފުއްލަވައިގެންތޯ ނުވަތަ ނޫންތޯ ބެލުމަކީ ދުޢާ ކުރުން ހުއްޓާލަން ޖެހޭ ކަމެއް ނޫނެވެ. ރަސޫލް (ޞޢވ) ނުކުރައްވަވާ ކޮންމެ ކަމަކީ ބިދުޢައެއް ކަމަށް ކަނޑައަޅަން ވެއްޖެ ނަމަ ދުނިޔޭގައި އުޅެންވެސް ދަތިވާނެއެވެ. ކޮންމެ ފަރުޟު ނަމާދަކަށް ފަހު ދުޢާ އަކީ މުސްތަޖާބް ދުޢާއެއްކަމަށް ޢިލްމްވެރިން ބަޔާން ކުރައްވަވައެވެ. ބަންގި އާއި ޤަމަތާއި ދެމެދުގައި ކުރެވޭ ދުޢާއަކީ މުސްތަޖާބް ދުޢާއެކެވެ. ދަންވަރުގެ ވަގުތުގައި ކުރާ ދުޢާއަކީ މުސްތަޖާބް ދުޢާއެކެވެ. ދުޢާ ކުރުމަށްޓަކައި ދެ އަތް އުފުލުމަކީ މުސަތަޙައްބު ސުންނަތެކެވެ. 

ދެއަތް އުފުލައިގެންވެސް ދުޢާ ކުރެވޭނެއެވެ. އަދި އަތް ނުއުފުލައިވެސް ދުޢާ ކުރެވޭނެއެވެ. ﷲ ތަޢާލާ އީ ލަދުވެތިވެވޮޑިގެންވާ އިލާހް އެވެ. ދީލަތިވެވޮޑިގެންވާ އިލާހް އެވެ. ދެއަތް އުފުލައިގެން ދުޢާ ކުރުމުން އިޖާބަ ނުކުރައްވަވައި ހުސްއަތާ ފޮނުއްވަވައި ލެއްވެވެމަކީ ލަދުވެތިވަންތަ، ދީލަތިވަންތަ އިލާހުގެ ދީލަތިވަންތަކަމާއި ޚިލާފް ކަމެކެވެ. ދެއަތް އުފުލައިގެން ދުޢާކުރުން މަނާވެގެންވާ އެއްވެސް ޙާލަތެއް ނެތެވެ. 

ދުޢާ ކުރުމުގައިވެސް ޝަރުޠުތަކެއް ވެއެވެ. ދުޢާ ކުރަން އަތް އުފުލައިލާ ވަގުތުން ފެށިތާއި ހިތާއި ވިސްނުން ގުޅިފައި ހުންނަންވާނީ ސީދާ ﷲ ތަޢާލާ އާއިއެވެ. ދުޢާކުރަން ފެށީންސުރެ ނިމެންދެން އެދެމެދަށް އެހެން އެއްވެސް ކަމެއް ވައްދައިގެން ނުވާނެއެވެ. 

ތިމާ އާއި ތިމާ ހެއްދެވިފަރާތާއި ފުރިހަމަ ގުޅުމުން ގުޅިފައިވާނަމަ ދުޢާކުރަން އަތް އުފުލައިލުމާއި ދުޢާކޮށް ނިމުމާއިދެމެދު ބޮމެއް ގޮވުން ފަދަ ކިތަންމެ ކަމެއް ހިނގިނަމަވެސް އޭނާ އާއި ﷲ ތަޢާލާ އާއި ދެމެދަށް އެއްވެސް ހުރަހެއް ނުއެޅޭނެއެވެ. ހުންނާނީ ސީދާ ގުޅިފައެވެ. 

ދުޢާކުރަން ވާނީ ދުޢާ އިޖާބަ ކުރައްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ. ހަމަ އެފަދައިން ދުޢާ ކުރާމީހާ ކައި ބޮއި ހަދަން ޖެހޭނީ ޙަލާލުތަކެއްޗެވެ. ޙަރާމް ތަކެތި ކައި ބޮއި ހަދަމުން ކުރާ ދުޢާ އިޖާބައެއް ނުކުރައްވަވާނެއެވެ. 

ވީމާ އަޅުގަނޑުމެން އެންމެންނަކީވެސް ވީހައި ގިނައިން ﷲ ތަޢާލާއަށް ދުޢާ ކުރާ ބައަކަށް ވާންވާނެއެވެ. ދުޢާ ކުރާނަމަ ޢާއިލާގެ މައްސަލަތައްވެސް ދާނީ ޙައްލުކުރެވެމުންނެވެ. 

ޝައިޚް އިލްޔާސް ޙުސައިންގެ "ބާއްޖަވެރި ޢާއިލާ" ދަރުސުން

މިއަދު އޮންލައިން