ލިޔުނީ: ޝައިޚް ނަޞްރުﷲ މުޞްޠަފާ
ވެރީންނަށް ކިޔަމަންވުމަކީ ތިމާގެ ހިތަށް އަރާގޮތަކަށް މިކާއިނާތުގެ ވެރިފަރާތުން ދޫކޮށްފައިވާ ކަމެއްނޫނެވެ. އެބައިމީހުންނަށް ކިޔަމަންވާންޖެހެނީ ވަކި އުޞޫލެއްގެމަތިން ވަކި ކަންތައްތަކެއްގައިއެވެ. ވުމާއިއެކު އެކަންތައްތައް ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެވެސް ވާޖިބަކަށްވާނެއެވެ.
ވެރީންނަށް ކިޔަމަން ވާންޖެހޭގޮތްތަށް ނުވަތަ ޙާލަތްތައް ކުރުގޮތަކަށް ތިރީގައި މިބަޔާން ކޮށްލަނީއެވެ:-
1- ފުރަތަމަ ޙާލަތަކީ ވެރިއާ ޤުރުޢާނާ ސުންނަތުގައި ބަޔާވެގެންވާކަމަކަށް އަމުރުކުރުމެވެ. މިފަދަ ޙާލެއްގައި ވެރިއާއަށް ކިޔަމަންވުން ވާޖިބުވެގެންވެއެވެ. އަދި އެއްވެސް ޙާލެއްގައި ވެރިއާއި ދެކޮޅަށް ނިކުމެގެންނުވާނެއެވެ. މިއީ ދަންނަބޭކަލުން އިޖްމާޢުވެވަޑައިގެންފައިވާ ކަމެކެވެ.
2- ދެވަނަ ޙާލަތަކީ ވެރިއާ ﷲ ގެއުރެދުމަކަށް އަމުރުކުރުމެވެ. ﷲ ޙަރާމްކުރައްވާފައިވާ ކަންކަމުގެ ތެރެއިން ދަންނަބޭކަލުންގެ ތެރޭގައި ހިމެނޭ ސަލަފުއްޞާލުޙުންގެ ދަންނަބޭކަލުން އިޚްތިލާފް ނުވާކަމަކަށް ގޮވާލުމެވެ. ނުވަތަ ދީނުގެ ވާޖިބުކަންތައްތަކުގެ ތެރެއިން ކަމެއް ދޫކޮށްލަން ގޮވާލުމެވެ. މިފަދަޙާލެއްގައި ބަލަންވީ( ބެލެން އޮތް އެންމެފުރިހަމައަކަށް) އެ އަމުރުއެކުރެއްވީ ދަންނަބޭކަލުންގެ އިޖްތިހާދުގެ މައްޗަށް ބިނާކޮށްތޯ ނުވަތަ ނޫންތޯއެވެ؟ އެހެންވެއްޖެނަމަ އެކަން ކޮށްފައި އެއޮތީ އުއްމަތުގެ މަސްލަޙަތަށް ނުވަތަ ޤައުމީ މަސްލަޙަތަށް ބެއްލެވުމަށްފަހުއެވެ. އެއާއި ޚިލާފަށް ކަންކޮށްގެން އައިސްފާނެ ރޯޅި ބޮޑުކަމުން ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ވެއްޖެނަމަ އެއާއި އިންކާރު ކޮށްގެން ނުވާނެއެވެ. އެއީ އެޙަރާމްކަމަށް ވުރެ ބޮޑު ޙަރާމްކަމަކުން ޤައުމު ސަލާމަތްކުރުމަށް ކުރިކަމަކަށް ވެދާނެތީއެވެ. އަދި އެއީ ދީނުގެ ބޮޑު ޤާޢިދާއެއްކަމަށްވާ " ބޮޑު ގެއްލުން ލިބޭ ކަން ނައްތާލުން" އަދި ފަސާދަ ނައްތާލުމަކީ މަސްލަޙަތު ގެނައުމަށްވުރެ ބޮޑުކަމެކެވެ". މިއަށް ބަލާފައި ކަމުގައި ވުމަކީ އެކަށީގެންވާކަމަކަށް ވެދާނެތީއެވެ. އެފަދަ ޙާލަތްތަކުގައި އިސްކުރަންވާނީ ވެރިޔާއަށް ކިޔަމަންވުމެވެ. އެއީ ސިއްޙަތަށް ގެއްލުން ލިބޭތީ ދީނުގެ ފަރުޟުކަމެއްކަމުގައިވާ ރުކޫޢު ދޫކޮށްލުން ނުވަތަ ސަޖިދަކުރުން ދޫކޮށްލުންފަދަ ކަމެކެވެ. އަދި ހަމައެފަދައިން މިސްކިތަށް ކުޑަކަމު ދިއުމަކީ ކަނޑައެޅިގެން ޙަރާމްކަމަކަށް ވީހިނދު ސަލާމާއި ސަލަވާތްލެއްވި މާތް ރަސޫލާ އެވަނީ އެ ޙަރާމްކަން ކުރުމަށް އަޢުރާބީއަށް ހުއްދަދެއްވާފައެވެ. ސަޙާބީންނާއި ދެކޮޅަށެވެ. އެއީ ކުޑަކަމުދިއުން ހުއްޓުވައިފި ނަމަ ލިބޭނެ ގެއްލުން ބޮޑުވީމައެވެ. އެޙަރާމްކަން ކުރުމުން ލިބޭ މަސްލަޙަތު ބޮޑުކަމުންނެވެ. އެޙަރާމްކަން ނުކުރުމުން ލިބޭ ގެއްލުން ބޮޑުވެ ޙަރާމްކަން މާބޮޑުވެދާނެތީއެވެ. މިދެންނެވި ކަންތައްތަކުގައި މެނުވީ ވެރިއަކަށް އެއްވެސްގޮތަކަށް ކިޔަމަން ވުމެއްނެތެވެ. މީގެ ދަލީލަކީ ރަސޫލް صلى الله عليه وسلم ޙަދީޘް ބަސްފުޅެވެ.:(لا طاعة لأحد في معصية الخالق) (ރިވާކުރައްވަނީ އިމާމް މުސްލިމް) މާނައީ " ﷲގެ އުރެދުމަކަށް އެއްވެސް މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތެވެ".
3- އިސްލާމްދީނުގައި ކުރުމާއި ނުކުރުން ހަމަހަމަ ކަމަކަށް (މުބާޙް) ނުވަތަ ކުރާހިތް ނުވާކަހަލަނޫންނަމަދަތިއުދަގޫ ކަމަކަށް ވެރިއާ އަމުރުކުރުން ، މިފަދަ ޙާލެއްގައި ވެރިއާއަށް ކިޔަމަންވުން ވާޖިބުވެގެން ވެއެވެ. ވުމާއިއެކު ވެރިޔާ ކުރެދި ނުކަނޑަން އަންގައިފިނަމަ އެއަމުރަށް ކިޔަމަންގަތުން ވާޖިބުވާނެއެވެ. ހަމައެފަދައިން ވެރިޔާ ވަކިވައްތަރެއްގެ ދޫނި ނިހިފަން ބުންޏަސް ކިޔަމަންވާން ޖެހޭނެއެވެ. އަދި ވެލާމަސް ވަކި މުއްދަތަކަށް ނުކައިތިބޭށޭ ބުންޏަސް ކިޔަމަނުގައި ތިބެންވާނެއެވެ. މިކަމުގައި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "عليك بالسمع والطاعة في عسرك ويسرك ومنشطك ومكرهك" -އިބްނުޢާޞިމް އޭނާގެ ފޮތްކަމަށްވާ"السنة"ގެ1062 ވަނަޙަދީޘް - މާނައަކީ"ކަލެއަށް ވަނީ ފަސޭހައިގައިވިޔަސް އަދި އުނދަގުލުގައި ވިޔަސް އެދުނަސް ނޭދުނަސް ކިޔަމަންތެރިކަމާއި އެކީ އަޑުއެހުމެވެ". ބައެއް ރިވާޔަތްތަކުގައި މުދާ އަތުލިއަސް ކިޔަމަނުގައި ތިބުމަށް ސަލާމާއި ސަލަވާތްލެއްވި މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވެއެވެ.
4- ހަތަރުވަނަ ޙާލަތަކީ ވެރިޔާ ޢާންމު މަޞްލަޙަތަށް ރިޢާޔަތްކޮށް ސުންނަތްކަމެއް ދޫކޮށްލަން ބުނުމެވެ. އޭގެ ވަރަށް ގިނަ ފޮރުވިފައިވާ ސަބަބުތައް ހުރެދާނެއެވެ. ބޭރުފުށަކަށް ނުފެންނާނެއެވެ. އޭގެ ތެރޭގައި
ހ- އެއީ ކުރީގައި އެކަން ކުރަމުން އައިބަޔަކަށް އެސުންނަތް ޤަބޫލު ނުކުރެވިގެންކަމަށް ވުމަކީވެސް އެކަށީގެންވާކަމެކެވެ. ނުވަތަ ބަޔަކަށް ނުވިސްނިގެންކަމަށް ވުމަކީވެސް އެކަށީގެންވާކަމެކެވެ. މިފަދަ ޙާލަތްތަކުގައި ވެރިޔާއަށް ކިޔަމަންވުމަކީ އެންމެހައި ދަންނަބޭކަލުން ވިދާޅުވެފައިވާ ފަދައިން ފަރުޟަކަށްވާތީ ސުންނަތަށްވުރެ ފަރުޟުކަމަށް އިސްކަން ދޭންޖެހޭނެއެވެ. މީގެ މިސާލަކަށް ފަތިސްނަމާދުގައި އެކަނި ގުނޫތު ކިޔުން ކުރިއަށް ގެންދިއުމަށާއި ހުއްޓާލުމަށް ކޮށްފައިވާ އަމުރުތައްވެއެވެ. މިފަދަ ކަންކަމުގައި ވެރިޔާއަށް ކިޔަމަންވާން ޖެހޭނެއެވެ.
ށ- އެ ސުންނަތް ދޫކޮށްލުމުން ލިބިގެންދާ މަސްލަޙަތު ބޮޑުވެގެން ދާތީއެވެ. އެއީ ފިރިމީހާ ބުނުމުން އަނބިމީހާ ސުންނަތް ރޯދަޔާއި ސުންނަތް ނަމާދު ނުކުރާފަދައިންނެވެ. އަދި ސިއްޙަތަށް ގެއްލުންވާތީ ޑަކްޓަރ ބުނުމުން ސުންނަ ރޯދަވެސް ނުހިފުން އައުލާވެ ވާޖިބުވެގެންދާތީއެވެ.
5- މަސްލަޙަތަށް ރިޢާޔަތްކޮށް ނުވަތަ ކޮންމެވެސް މުހިއްމު ސަބަބަކަށްޓަކައި މަކްރޫހަކަމެއް ކުރަން ބުނުމެވެ. މިސާލަކަށް ބޮލުގައި ފަގުޑި އެޅުމަކީ ބައެއް ޙާލަތްތަކުގައި މުބާޙު ނުވަތަ ބައެއް ފަހަރު ސުންނަތްކަމަކަށް ވެދާނެއެވެ. އަދި އެއަޅައިގެން ނަމާދުކުރުމަކީ ރަނގަޅު ކަމަކަށްވެދާނެއެވެ. ނަމަވެސް ފަގުޑިއަކީ ސޫފީންނާއި މަގުފުރެދިފައިވާ ޝީޢީންނާއި ހައްދުފަހަނައަޅާފައިވާ މީހުންގެ ޝިޢާރަކަށްވާތީ އެނާޅާ ނަމާދުކުރުމަށް އަންގައިފިނަމަ އެއަށް ކިޔަމަންވާން ޖެހޭނެއެވެ. ސަބަބަކީ ބޮލުގައި އެއްޗެއް ނާޅާ ނަމާދުކުރުމަކީ މަކުރޫހަކަމެކެވެ. ނަމަވެސް ވެރިޔާއަށް ކިޔަމަންވުމަކީ ވާޖިބެކެވެ. ވާޖިބެއް ދޫކޮށް މަކްރޫހަކަމެއް ނުކުރެވޭނެއެވެ.
ޚުލާސާއަކީ ރަސޫލާގެ ޙަދީޘްއަށް މިކަމުގައި ތަބަޢަ ވެވިއްޖެކަމުގައި ވާނަމަ މުޅިދުނިޔެ ހަމަޖެހިގެންދާނެއެވެ. އެޙަދީޘަކީ:"تسمع وتطيع الأمير ، وإن ضرب ظهرك ، وأخذ مالك" މާނައަކީ ގައިގައި ތަޅައި މުދާނެގިކަމުގައިވިޔަސް ވެރިޔާގެ އަޑުއަހައި ކިޔަމަންވާށެވެ". ސަބަބަކީ:" إن الله يزع بالسلطان ما لا يزع بالقرآن" މާނައަކީ: "ޤުރުއާން މެދުވެރިކޮށްގެން ނުވާ އެތައް ކަމެއް ﷲ ވެރިޔާ މެދުވެރި ކުރައްވައި ނިންމަވައެވެ".