ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް މިވަޑައިގަންނަވަނީ ރާއްޖެ އަށާއި މުޅި އިސްލާމީ އުންމަތަށް ޚިދުމަތް ކުރެއްވޭނެ މަޤާމެއްގައި ޚިދުމަތް ކުރައްވަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އޯއައިސީ އިން އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ ސެކެޓްރީ ޖެނެރަލްގެ އެޑްވައިޒަރެއްގެ މަޤާމް ކަމަށާއި ކުރައްވަން ޖެހިވަޑައިގަންނަވާނެ މަސައްކަތްޕުޅަކީ އިސްލާމް ދީން މަތިވެރިކުރުމުގެ މަސައްކަތްތައް ކަމަށެވެ. އެއިގެ ތެރޭގައި މިހާރު އިސްލާމް ދީނަސް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ކުރިމަތިލައި ހޭލުންތެރި ކުރުވައި އިސްލާމް ދީން މަތިވެރި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނޭ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް ރާއްޖެއަށް، ދިވެހިންނަށް ޚިދުމަތެއް ކުރައްވަން ލިބިވަޑައިގަންނަވާ ކޮންމެ ފުރުޞަތެއްގައިވެސް އުފަލާއިއެކު ޚިދުމަތް ކުރައްވާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީ - މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އައުޤާފަކަށް:
ޑރ. ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ފުޅައުކުރަން ޖެހޭ ކަމަށާއި އެ މިނިސްޓްރީގެ ނަން ވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އައުޤާފަށް ބަދަލުކޮށް ވަޤްފް ބިނާތައް އިތުރުކުރުމުގެ މަސައްކަތްތައް އިތުރުކުރަންޖެހިފައިވާ ކަމަށެވެ. މާލޭގައި ވަޤްފް ބިނާތައް އިތުރު ކުރުމާއިއެކު ރާއްޖެތެރޭގައިވެސް ވަޤްފް ބިނާތައް އަޅަން ޖެހޭ ކަމަށެވެ.
ދީނީ ފިކުރު ތަފާތު މީހުންނާއެކު ފޯރަމްތައް ބޭއްވުން:
ޑރ. ޝަހީމް ވިދާޅުވީ އިސްލާމް ދީނުގެ ކަންކަމުގައި ޚިޔާލު ތަފާތުވެ ތަފާތު ފިކުރު ގެންގުޅޭ މީހުންނާއިއެކު ފޯރަމްތައް ބާއްވައި ޚިޔާލުތަފާތުވުން އުފެދިގެން އުޅޭ މައްސަލަތަކަށް މަޝްވަރާކުރަންޖެހިފައިވާ ކަމަށެވެ. ހިކުމަތްތެރިކަމާއިއެކު ކުރިމަތިލައި އިސްލާމް ދީނުގެ ޙަޤީޤަތާއި އަޞްލު އޮޅުންފިލުވައިދީ އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ނައްތައިލަން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.
ކިންގް ސަލްމާން މިސްކިތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުން:
ޑރ. ޝަހީމް ވިދާޅުވީ މާލޭގައި ކިންގ ސަލްމާން މިސްކިތާއިއެކު އަޅަމުން ގެންދާ ބޮޑު އިސްލާމިކް ސެންޓަރުގެ ބޭނުން ހިފަންވާނީ ޢިލްމީ ކަންތައް ތަކަށް ކަމަށެވެ. އަދި އެތަނަކީ ބޭރުގެ ޕްރޮފެސަރުން ގެނެސް މިޒަމާނުގައި ކުރިމަތިވެފައި ހުރި ބޮޑެތި މައްސަލަތަކަށް ޚުޠުބާ ދީ ދީނީ ހޭލުންތެރިކަން އިތުރުކުރަން ގިނަ މަސައްކަތްތްކެއް ކުރާ ތަނަކަށް ހެދުން ވަރަށް މުހިންމު ކަމަށެވެ.
އެ މަޝްރޫއު ރާއްޖެއަށް ހޯދުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ޑރ. ޝަހީމް ވިދާޅުވީ އެމިސްކިތް އަޅަން އެންމެ ރަނގަޅު ތަނެއްކަމަށް އެމަނިކުފާނަށް ފެނިވަޑައިގަތީ ހުޅުމާލެ ކަމަށެވެ. ނަމަވެސް (މޫދާއި އިންވެގެން) މިހާރު މިސްކިތް އެ އަޅަނީ ސަރުކާރުން އެގޮތަށް ބޭނުންވުމުން ކަމަށެވެ.
އެންމެ ބޮޑު އުންމީދު:
ޑރ. ޝަހީމް ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް އުންމީދަކީ ދިވަހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ކުރިއަރައި އެތަނުގެ ކުރިބޯށިތައް އުފުލިގެން ދިއުން ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް އިތުރަށް ފުރިހަމަވެ ވަޤްފް ބިނާތައް އިތުރުވެގެން ދިއުން ކަމަށެވެ.
އޯއައިސީގައި ޑރ. ޝަހީމް މަސަކަތް ކުރައްވާނީ ސެކެޓރީ ޖެނެރަލްގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަޤާމުގައެވެ. މަޤާމާއި ހަވާލުވެވަޑައިގަތުމަށް ފުރާ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާ ނޫން އަނެއް ދުވަހު (10 ވަނަ ދުވަހު) މެންދުރުއެވެ.