ޤުރުއާނުގައި ރަޖަމުގެ ޙުކުމް ނެތޭ ބުނެ އިޢުތިރާޟު ކުރެވޭނެ އެއްވެސް އަސާސެއް ނެތެވެ. އެހެނީ، ޤުރުއާނުގައި ނަމާދު ކުރާނެ ގޮތުގެ ތަފްސީލުވެސް ނެތެވެ. އެކަންކަން ވަނީ އިސްލާމްދީނުގެ ދެވަނަ މަސްދަރު ކަމުގައިވާ މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ސުންނަތުގައެވެ.
މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ހަޔާތްޕުޅުގައި އެކަލޭގެފާނު ވަނީ ރަޖަމް ޙުކުމް އުއްމަތަށް ބަޔާންކުރައްވައި، އަދި ޒިނޭ ކުރި ކަމަށް އަމިއްލައިން އިޢުތިރާފުވި ދެ މީހެއްގެ މައްޗަށް އެޙުކުމް ތަންފީޒުވެސް ކުރައްވާފައެވެ. މިއީ ދޮގު ކުރެވެން ނެތް ޙަޤީޤަތްތަކެވެ. އަދި ހަމައެހެންމެ، ރަޖަމުގެ ޙުކުމަކީ ޞައްޙަ ޞަރީޙަ ޙަދީޘްފުޅުން ސާބިތުވާން އޮތް ޙުކުމެކެވެ.
މިއާ ގުޅިގެން އުއްމަތުގެ ޢިލްމުވެރިންގެ އިޖުމާޢުވެސް އެކަމުގައި އޮތް ޙުކުމެކެވެ.
މިފަދަ މަތިވެރި ދަރަޖައަކަށް ސާބިތުވާ ދީނުގެ ޙުކުމަކަށް އެނގިހުރެ އިންކާރު ކުރުމަކީ ކުފުރުގެ ޢަމަލެކެވެ. އެހެނީ، އެމީހަކު، އެ އިންކާރު ކުރަނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ސުންނަތާއި، އުއްމަތުގެ ޢިލްމުވެރިންގެ ޔަޤީން ކަށަވަރު އިޖުމާޢަކަށް ކަމަށްވާތީއެވެ.
- ޝައިޚް ޝަފީޢު ޢަބްދުﷲ
"ރަސޫލް (ޞޢވ)ގެ ޒަމާނުގައި މާއިޒް ބިން މާލިކް (ރޢ) ޒިނޭކޮށް އެކަމަށް އިޤްރާރުވުމުން، އަދި ޖުހައިނާ ޤަބީލާގެ އަންހެން ބޭކަނބަލަކު ޒިނޭކޮށް އެކަމަށް އިޤްރާރުވުމުން ރަސޫލް (ޞޢވ) ގެ އަމުރުފުޅަށް އެ ދެ ބޭކަލުން ރަޖަމް ކުރެވުނެވެ.
ޒިނޭގެ ހައްދަކީ ޤްރްއާނާއި ސުންނަތުން އަދި އުންމަތުގެ އިޖުމާޢުން ސާބިތުވާ ކަމެކެވެ. މުޙްސަން (ކުރިން ކައިވެނީގެ ރަހަ ފެނިފައިވާ މީހަކު) ގެ ޙުކުމަކީ ރަޖަމް ކުރުމެވެ. ޣައިރު މުޙްސަން (ކުރިން ކައިވެނީގެ ރަހަ ފެނިފައި ނުވާ މީހާ) ގެ ޙުކުމަކީ 100 އެތިފަހަރުން ހައްދުޖަހައި 1 އަހަރު ދުވަހަށް އަރުވައިލުމެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
(މިއީ ބައެއް މީހުން ރަޖަމް ކުރުމުގެ ޙުކުމް ކީރިތި ޤްރްއާނުގައި ނެތް ކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ޝައްކުތައް އުފައްދަމުން ގެންދާތީ މިއަދުނޫހުގެ ކިޔުންތެރިންގެ ތެރެއިން ގިނަ ބައެއްގެ އެދުމަށް މިއަދުނޫހުގެ އަހުލުވެރިންނަށް ކަމުގެ ޞައްޙަ މައުލޫމާތު ގެނެސް ދިނުމަށް ޝާއިޢުކުރި ލިޔުމެކެވެ. ލިޔުންކޮޅު ލިޔެދެއްވި ކަމަށްޓަކައި މިއަދުނޫހުގެ ކިޔުންތެރިންގެ ފަރާތުންނާއި މިއަދުނޫހުން ޝައިޚް ޝަފީޢު ޢަބްދުﷲ އަށާއި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފަށް ޝުކުރު ދަންނަވަމެވެ.)