އިސްލާމް ދީނުގައި މައިންބަފައިންނަށް ކަމޭހިތުމަށް ބާރުއަޅާ މިންވަރު އެނގޭހެއްޔެވެ؟

ކިޔުމަށް ހޭދަވާނީ 2މ 21ސ
އިސްލާމް ދީނުގައި މައިންބަފައިންނަށް ކަމޭހިތުމަށް ބާރުއަޅާ މިންވަރު އެނގޭހެއްޔެވެ؟

މައިންބަފައިންނަށް ކަމޭހިތުމަކީ، އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅާ ކަމެކެވެ. އަދި މައިންބަފައިންނަށް ކަމޭ ހިތުމަކީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ވާޖިބު ކަމެކެވެ. މިކަމަކަށް ވަކި އުމުރެއް އަދި ވަކި ޖިންސެއް ނެތެވެ. ކުޑަ ކުއްޖަކަސް ބޮޑު މީހަކަސް، އަދި އަންހެނެކަސް ފިރިހެނެކަސް މައިންބަފައިންނަށް ކަމޭހިތަން ޖެހޭނެއެވެ. 

އަލްއިސްރާ ސޫރަތުގެ 23، 24 ވަނަ އާޔަތުގައި ﷲ ސުބުހާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގަ ވެއެވެ.

''އެ ކަލާނގެ ރަސްކަންފުޅަށް މެނުވީ، ތިޔަބައި މީހުން އަޅުކަން ނުކުރުމަށް، ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ، ނިޔާކުރައްވައި އެންގެވިއެވެ. އަދި މައިންބަފައިންނާ މެދު ހެޔޮކޮށް ކަންތައް ކުރުމަށްވެސް މެއެވެ. އެ ދެމީހުންކުރެ ކޮންމެ މީހަކު ނުވަތަ އެ ދެމީހުން ކުރެ އެކަކު ކަލޭގެ ގާތުގައިވާ ހާލު، މުސްކުޅިކަމާއި ހަމައަށް ފޯރައްޖެނަމަ އެ ދެ މީހުންނަށް ''އުފް'' ވެސް ނުބުނާށެވެ. (އެބަހީ ފޫހިވުމުގެ ނުވަތަ ހިތާނުވުމުގެ ކިތަންމެ ކުޑަބަހެއް ވިއަސް ނުބުނާށެވެ) އަދި އެ ދެ މީހުންނަށް އަޑުލައި ނުހަދާށެވެ. އަދި މާތް ދީލަތި ބަސް އެ ދެ މީހުންނަށް ބުނާށެވެ. * އޯގާތެރިވުމުގެ ސަބަބުން ނިކަމެތިވުމުގެ ފިޔަ، އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ. އަދި ބުނާށެވެ! ހައްދަވައި ބޮޑުކުރެއްވި ކަލާކޮ! ކުޑަކުޑަ ކުއްޖަކު ކަމުގައި ތިމަންނަވީ ދުވަހު ތިމަންނަގެ ހާލު ބަލައި ބޮޑުކުޅަފަދައިން، އެ ދެމީހުންނަށް ރަޙްމަތްލައްވާފާނދޭވެ '' 

މީގެ އިތުރުން، އަލްޢަންކަބޫތުގެ 8 ވަނަ އާޔަތުގެ މާނައިގަ ވަނީ، ''ތިމަންރަސްކަލާނގެ އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް އިޙްސާންތެރިވުމަށް ވަޞިއްޔަތްކުރައްވަވައި އަމުރުކުރެއްވީމެވެ.'' މިހެންނެވެ. 

މީހަކު ﷲ ގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑު އެންމެ ހެޔޮކޮށް ހިތަން ޙައްޤުވަނީ ކޮން ބަޔަކަށްތޯއެވެ؟ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''ތިބާގެ މަންމައެވެ.'' އެ މީހާ ދެންނެވިއެވެ. ''ދެން ކާކުތޯއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''ދެން ވެސް ތިބާގެ މަންމައެވެ.'' އެ މީހާ ދެންނެވިއެވެ. ''ދެން ކާކުތޯއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''ދެން ވެސް ތިބާގެ މަންމައެވެ.'' އެ މީހާ ދެންނެވިއެވެ. ''ދެން ކާކުތޯއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''ދެން ތިބާގެ ބައްޕަ" އެވެ. 

މައިންބަފައިންނަށް ކަމޭ ހިތުމަކީ މުސްލިމަކަށް ކުރެވޭނެ އެންމެ ހެޔޮކަން ބޮޑު އެއް ކަމެވެ. ﷲ އަށް އަޅުކަން ކުރުމަށް އަމުރުކުރެއްވުމަށް ފަހު، މިއާއި ވިދިގެން މައިންބަފައިންނަށް ކަމޭ ހިތުމަށް ޤުރުއާނުގައި އަންގަވާފައި ވެއެވެ. ވީއިރު މައިންބަފައިންނަށް ކަމޭހިތާ ބަޔަކަށް އަހަރެމެން ވާންޖެހެއެވެ.

 

ލިޔުނީ: ޒިދާން މުހައްމަދު

 

މިއަދު އޮންލައިން