ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ތިބާ ވުޟޫ ކުރާ ގުނަވަންތަކަށް ޤިޔާމަތްދުވަހު ނޫރެއް ލިބިގެންވެއެވެ. އަދި އެ ނޫރުގެ ސަބަބުން ތިމަން ރަސޫލާގެ އުންމަތުގެ މީހުން ވަކިކުރަން އެނގޭނެއެވެ."
ވީމާ ދުނިޔޭގައި ތިބާ ވުޟޫ ކުރަން ފެންލާ ގުނަވަންތަކަށް ޤިޔާމަތް ދުވަހު ލިބޭ އަލިގަދަ ނޫރެއްގެ ސަބަބުން އެދުވަހު ހުންނާނީ އަލިގަދަ ބައްތިތަކެއް ފަދައިން ދިއްލިފައެވެ. އެއީ އަނދިރިކަން ގަދަވެގެންވާ ދުވަހެވެ. އަނދިރިކަން ގަދަވެގެންވާ އެދުވަހު ތިބާގެ ހަށިގަނޑު ވިދުވަން ބޭނުންނަމަ އަގުބޮޑުހައި ތަކެތި ގަނެގެން ގުނަވަންތަކުގައި އުނގުޅަންވީއެއް ނޫނެވެ! ކުރަންޖެހޭ ކަމަކީ ގިނަގިނައިން ވީހައި ފުރިހަމައަށް ވުޟޫކުރަންވީއެވެ.
ވުޟޫ ކުރުމަކީ ހަމަ ފެން އުނގުޅައިލުމުން ކުރެވޭނެ ކަމެއް ނޫނެވެ. ފެން ޖައްސަން ޖެހޭ ގުނަވަންތަކުގައި ވީޙައި ފުރިހަމައަށް ފެން ޖައްސަން ޖެހޭނެއެވެ. އަތާއި ފައަށް ފެންލާއިރު ދެއިނގިލި ދެމެދުގައި އިނގިލި ހިންގައި ފެންލެވުނުކަން ޔަޤީންކުރަންވާނެއެވެ.
މިއަދު ތިބާ ވަރަށް ދޮވެފައި ފަރިވެދާނެއެވެ. އުނގުޅާ އަގުބޮޑު ކިރިމިތަކުން އަދި އެއަށްވުރެވެސް ޗާލޫވެދާނެއެވެ. ނަމަވެސް ތިބާ ދުނިޔޭގައި ފުރިހަމައަށް ވުޟޫކޮށް، ވުޟޫކޮށްގެން ކުރަންޖެހޭ ކަންކަން ނުކުރާނަމަ ޤިޔާމަތް ދުވަހު ތިބާގެ ކިބައިގައި އެއްވެސް އަލިކަމެއް ނުހުންނާނެއެވެ. ވީއިރު ތިބާއަށް ﷲ ތަޢާލާ ދެއްވެވި ރީތިކަމުން ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟
ނިކަން ވިސްނައިބަލާށެވެ! ކަޅު ބަބުރަކު ފެނިއްޖެ ނަމަ އެއްބައަކު މިދެކެނީ އެއީ ނަޖިހެއް ކަމުގައެވެ. ނަމަވެސް ޤިޔާމަތް ދުވަހު ދޮން ރީތި މީހުންނަށްވުރެ ކަޅުބަބުރުންގެ މަތިވެރިކަން މާބޮޑުވެދާނެއެވެ. އެހެނީ އެދުވަހު ހިސާބު ބައްލަވާނީ ގައިގެ ކުލައަށް ބައްލަވައިގެނެއް ނޫނެވެ. އެ ދުވަހު ދޮން މީހުން އެންމެ ދެރަވާނީ ދުނިޔޭގައި އެމީހުން އެހައި ރީތިކަމުން އެހައި ފަޚުރުވެރިވެގެން އުޅުނު ނަމަވެސް އެދުވަހު އެމީހުންގެ ގައިގައި އެއްވެސް ނޫރެއް ނެތުމުންނެވެ.
މިކަމުގެ މިސާލެއްވެސް ބުނެފާނަމެވެ. ބިލާލުގެފާނަކީ ކަޅު ބަބުރެކެވެ. އެކަމަކު އިސްރާ އާއި މިޢްރާޖުގެ ދަތުރުފުޅަށްފަހު ރަސޫލް (ޞޢވ) ޙަދީޘްކުރެއްވެވީ "އޭ ބިލާލްގެފާނެވެ! ތިމަން ރަސޫލާ (ޞޢވ) ސުވަރުގެއިން ތިބާގެ ފިޔަވަޅުފުޅުގެ އަޑުއެއްސެވީމެވެ." ކޮންފަދަ މަތިވެރި އުފަލެއްތޯއެވެ! ދިރިހުންނަވަނިކޮށް ބިލާލްގެފާނަށް އެ ލިބިވަޑައިގަތީ ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރެވެ.
- މުފްތީ މެންކުގެ ދަރުސަކުން