"އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތްކޮށް، ޙުކުމްތަކަށް ގޮންޖަހައި، ފާޑުކިޔައި، ފުރައްސާރަކުރާ ކުރުން ހުއްޓުވިއްޖެ ނަމަ މިހާރު ދިމާވާ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ" ކަމަށް ޝައިޚް ޢަލީ ޒައިދު ވިދަޅުވުމުން ބައެއް މީހުން އަންގަނީ ފިލައި ތިބެ ފަތުވާ ނުދިނުމަށެވެ.
ރާއްޖޭގެ އެއްވެސް ދީނީ ޢިލްމުވެރިއަކީ ފިއްލަވައި ހުންނަވައިގެން ފަތުވާ ދެއްވާ ބޭފުޅެއް ނޫނެވެ. އެބޭފުޅުން ފަތުވާ ދެއްވަމުން ގެންދަވަނީ ހާމަކަން ބޮޑު ގޮތެއްގައި ފައުޅުގައެވެ.
ދެއްވާ ދަރުސްތަކުގައެވެ. އަމިއްލަފުޅު ނަމުގައި ހިންގަވާ ފޭސްބުކް ޕޭޖާއި ޓްވިޓަރ ފަދަ ވަސީލަތް ތަކުގައެވެ.
ވީމާ ފަތުވާ ދެއްވަވަނީ ފިއްލަވައި ތިއްބަވައިގެން ކަމަށް ބުނެވޭނެ އެއްވެސް ހަމަ އެއް ނެތެވެ. ކޮންމެ ހުކުރު ދުވަހަކު މުސްލިމުން ޢާންމުކޮށް ކިޔައި އުޅޭ ކަހަފް ސޫރަތުގެ ދެވަނަ އާޔަތް ބައްލަވާށެވެ. "(އެ ފޮތް ބާވައި ލެއްވެވީ) ސީދާ ވެގެންވާ ފޮތެއް ކަމުގައެވެ.
އެކަލާނގެ ޙަޟްރަތުން (ކާފިރުންނަށް) ހުރި ގަދަފަދަ ޢަޛާބެއްގެ ވާހަކައިން އިންޒާރު ކުރެއްވެވުމަށެވެ. އަދި ޞާލިޙް ޢަމަލުތައް ކުރާ މުއުމިނުންނަށް، ހެޔޮވެގެންވާ ދަރުމަ ހުރި ކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވެވުމަށެވެ." 4ވަނަ އާޔަތް ބައްލަވާށެވެ! "އަދި ﷲ، ދަރިކަލަކު ހިއްޕެވިކަމަށް ބުނާ މީހުންނަށް އިންޒާރުކުރެއްވެވުމަށްޓަކައެވެ."
ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ކަންކަން މީސްތަކުންނަށް ބަޔާންކޮށްދެއްވަވައި ނަޞޭޙަތް ދެއްވުމާއި އިންޒާރު ދެއްވުމުގެ މަސްއޫލިއްޔަތު މިއަދު އުފުއްލަވަން ތިއްބެވީ ދީނީ ޢިލްމުވެރިންނެވެ.
އެއީ އެބާފުޅުންގެ މަސްއޫލިއްޔަތެކެވެ. ވާޖިބެކެވެ. އެކަން ނުކުރައްވައިފިނަމަ ޤިޔާމަތް ދުވަހު ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. ބައަކު ދެކޮޅު ހެދުމަކީ ދީނީ ޢިލްމުވެރިން ފަސްޖެހިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ސަބަބެއް ނޫނެވެ. ކަހަފް ސޫރަތުގެ 6 ވަނަ އާޔަތް ބައްލަވާށެވެ.

"އެއުރެން މި ޤްރްއާނަށް އީމާން ނުވިނަމަ، އެއުރެން ކަލޭގެފާނަށް މޫނު އަނބުރާލައި ދިއަކަމުގެ މައްޗަށް ކަލޭގެފާނުގެ ނަފްސް ހަލާކުކޮށް ލައްވަވަނީތޯއެވެ؟
(އެބަހީ: އެހެން ނުހައްދަވާށެވެ!) މިހައި ސާފުކޮށް ކީރިތި ޤްރްއާނުން މިކަންކަން އެނގެން އޮތުމުން ފަތުވާ ނުދެއްވުމަށް ބައަކު ބުނާ ބުނުމަށް އެއްވެސް ޢިލްމުވެރިއަކު އިޖާބައެއް ނުދެއްވަވާނެއެވެ. އެބޭފުޅުންގެ މަސައްކަތްތައް ގެންދަވާނީ އަދި ގެންދަވަން ޖެހިވަޑައިގަންނަވާނީވެސް ބާރަށް ކުރިއަށެވެ.
ﷲ ތަޢާލާ އެކަމަށް އަމުރުފުޅު ކުރައްވަވާފައިވާތީ އެވެ. ޝައިޚް ޢަލީ ޒައިދުވެސް ދީނީ އެހެން ޢިލްމުވެރިން ވެސް އެ ދައްކަވަނީ ފަތުވާ ނުދެއްވަން އަންގާ މީހުންގެ ވާހަކައެވެ. އެމީހުން ހުއްޓުވަން ޖެހޭ ކަމުގެ ވާހަކައެވެ. ރާއްޖޭގައި އެފަދަ މީހުންނަށް ފުރުޞަތު ދެވިގެން ނުވާނެ ކަމުގެ ވާހަކައެވެ.