ލިސާ ހޮސްޕިޓަލަށް ގެންދެވުނީ ސިކުނޑީގައި މައްސަލައެއް ހުންނާތީ ފަރުވާ ދިނުމަށެވެ. ހޮސްޕިޓަލަށް އެޑްމިޓް ކުރުމަށްފަހު މައިން ބަފައިންގެ ވެސް އަދި ރައްޓެއްސެއްގެ ވެސް އެއްވެސް އަޅައިލުމެއް ނުލިބެއެވެ. ޢާއިލާއިން ވަނީ އޭނާގެ ޚަރަދުތަކާއި ހަވާލުވެފައެވެ. ކެއުން ބުއިމާއި ބޭސްފަރުވާކުރުމުގެ ބިލްތައް ދައްކައެވެ. ނަމަވެސް ހަފްތާއަކު 2 ދުވަހު ޒިޔާރަތްކޮށްލުން ނޫން އެއްވެސް ކަމެއް ކޮށެއް ނުދެއެވެ. އެއްވެސް އަޅައިލުމެއް ނުލިބެއެވެ.
އުމުރުން 20 އަހަރުގެ ލިސާ އެކަމާ ޝަކުވާއެއް ނުކުރެއެވެ. އެކަން އެގޮތަށް މެދުވެރިވި ސަބަބު ވިސްނޭތީއެވެ. އޭނާގެ ބައްޔަކީ ދުވަސްވީ ބައްޔަކަށްވުމުން ފޫހިވީއެވެ. ގެއަށް ގެންދިއަ ނަމަވެސް އެނާގެ ކިބައިން އުނދަގޫވާނެ ކަމަށް ބަލައި ގެއަށް ގެންދަން ވެސް ބޭނުން ނުވީއެވެ. މިހުރިހައި ކަންކަމަށްވުރެ ބޮޑު މައްސަލައަކީ ލިސާގެ ދީނެވެ. ލިސާ ދެކެ ޢާއިލާއިން އެންމެ ބޮޑަށް ރުޅި އަންނަނީ އޭނާގެ ޢާއިލާގެ ދީން ކަމަށްވާ ކްރިސްޓިއަން ދީން ދޫކޮށް އިސްލާމް ދީނަށް ވަނުމުންނެވެ.
ލިސާގެ ބަލި ބޮޑުވާން ފެށީ ވެސް އޭނާ އާއިމެދު ފަރުވާކުޑަކުރަން ފެށުމުންނެވެ. ލިސާ އިސްލާމް ވުމުން ޢާއިލާ އިން ވަނީ އެކުގައި ބާކީކޮށްލައިފައވެ. ގެއިން ނެރެ އެއްލައި ނުލަނީވެސް އޭނާގެ ހުންނަ ބަލީގެ ގޮތުން ވަރަށް އަވަހަށް މަރުވެދާނެ ކަމަށް ބަލައިގެން ކަމަށްވެސް ވެދާނެ އެވެ.
މިހުރިހާ ކަމެއް ލިސާއަށް އެނގެއެވެ. އެއްވެސް މީހަކު ދުވަހަކު އޭނާ އާއި އަޅައިނުލި ނަމަވެސް ލިސާގެ އެއްވެސް މައްސަލައެއް ނެތެވެ. ލިސާ އެންމެ ގިނައިން ކިޔައި އުޅޭ އެއް ޛިކުރަނީ "ޙަސްބިﷲ، ވަނިޢްމަލްވަކީލް" އެވެ. "މިއަޅާގެ ހުރިހާ ކަމަކަށް އިނބަﷲ ފުދެއެވެ. މިއަޅާގެ ހުރިހާކަމެއް އިނބަ ﷲ އަށް ވަކީލްކޮށްފީމެވެ."
ﷲ ތަޢާލާއަށް ވަކީލުކުރުން މަތީގައި އޮއްވައި ހޮސްޕިޓަލުން ލިސާ އާއި ބައްދަލުވަނީ ކުވައިތުގެ ޒުވާނެކެވެ. އޭނާ ހޮސްޕިޓަލުގައި އުޅުނީ އޭނާގެ މަންމަ ބާއްވައިގެނެވެ. ދެމީހުންގެ މެދުގައި ވާހަކަ ދެކެވެމުން އައިސް ގާތް ގުޅުމެއް އުފެދުނެވެ. އެ ގުޅުމުގެ ތެރެއިން ލިސާއަށް ކިޔަވައިދޭން އޭނާ ހުށަހެޅިއެވެ. ލިސާ ވެސް އެކަން ޤަބޫލުކުރިއެވެ.
ލިސާގެ މައިން ބަފައިން ޒިޔާރަތް ކުރި ދުވަހަކު އޭނާއަށް ލިބިފައިވާ ފުރުޞަތުގެ ވާހަކަ ކިޔައިދީ އޭނާ އެކަމަށް ދޫކޮށް ދިނުމަށް މައިން ބަފައިންގެ ކިބައިން އެދުނެވެ. އަދި ލިސާގެ އެދުން ޤަބޫލުކޮށް މައިން ބަފައިންވެސް އެ ފުރުޞަތު ލިސާއަށް ދީ އަވަސް އަވަހަށް ލިސާގެ ކިބައިން އަތް ދޫކޮށްލިއެވެ. އެއަށްފަހު ލިސާ ކޮބައިތޯ ވެސް ބަލައެއް ނުލައެވެ.
އެއިގެ 10 އަހަރު ފަހެވެ. ލިސާގެ ބައްޕައަށް ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދިއަ ދުވަހެވެ. ޢާއިލާގެ އެންމެން އެކުގައިހެން ހޮސްޕިޓަލަށް ދިއައެވެ.
އިމަރޖެންސީ ރޫމުގައި ފަރުވާ ދިނުމަށްފަހު ނަރުސް ބުނީ ޕޭޝަންޓް މިހާރު ވަނީ އައިސީޔޫގައި ކަމަށާއި ކޮންސަލްޓިންގ ރޫމް 124 އަށް ގޮސް އިތުރު މައުލޫމާތު ނިޔުރޯ ސަރޖަންގެ ކިބައިން ހޯދުމަށެވެ. އެންމެން އެކުގައިހެން އަވަސް އަވަހަށް ގޮސް ބަލައިލިއިރު އެ ކޮޓަރީގައި ހަރުކޮށްފައިވާ ބޯޑުގައި ލިޔެފައި އޮތީ "ލިސާ ޢަބްދުލްޙަކީމް- ނިޔުރޯ ސަރޖަން" އެވެ.
ލިސާ އަކީ އިނގިރޭސިވިލާތުގައި ޢާންމު ނަމަކަށްވުމުން އެއްވެސް މީހަކަށް ނަމާއިމެދު ވިސްނާކަށްވެސް ނުއެނގުނެވެ. ހުއްދަ ލިބުމުން އެތެރެއަށް ވަނީ އެވެ. ކަމެއް ވެއްޖެކަން އިހްޞާޞް ކުރެވުނީ ބޮޑު ހުދު ކޯޓެއް ލައިގެން ކަރުގައި ކަށިގަނޑު އަޅުވައިގެން އިން ޑރ. ލިސާ ޢަބްދުލްޙަކީމް ފެނުމުންނެވެ. ޑޮކްޓަރުގެ ވަށައިގެން އިތުރު 3 ޑޮކްޓަރުން ތިބުމުން ޑޮކްޓަރުގެ ހައިބަތު އެނގިގެންދިއައެވެ. "ޔޫ ލިސާ! ލިސާ ތޯމަސް! މައި ޑޯޓަރ! މައި ސިސްޓަރ!" މިހެން ގޮސް ނަންތައް ހުސްކޮށް ކިޔަން ފެށިއެވެ.
ލިސާ ބޯޖަހައިލިއެވެ. ލިސާ ބުނީ އޭނާއަކީ ލިސާ ތޯމަސް ކަމަށާއި ނަމަވެސް އެއިގެ 10 އަހަރު ކުރިން ކަމަށެވެ. މިހާރު އޭނާއަކީ ލިސާ ޢަބްދުލްޙަކީމް ކަމަށެވެ.
ލިސާ ބުނީ ކަންބޮޑު ނުވުމަށާއި ކަންބޮޑުވުމަކުން ކުރާނެ އެއްވެސް ފައިދާއެއްވެސް ނެތް ކަމަށެވެ. ބައްޕަގެ ހާލު ސީރިއަސް ކަމަށާއި ނަމަވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށެވެ. ސިކުނޑިއަށް ގިނަ އަދަދެއްގެ ލޭ އެޅިފައިވާތީ ރަނގަޅުވި ނަމަވެސް އެކަމަށް މުއްދަތެއް ނަގާނެ ކަމަށެވެ.
އެހެން ޕޭޝަންޓުން ވަންނަން ޖެހެތީ އެންމެންނަށްވެސް ޖެހުނީ ކޮޓަރިން ނުކުންނާށެވެ. މާގިނަ އިތުރު ވާހަކަތަކެއް ދެއްކުމުގެ ފުރުޞަތެއް ނުލިބެއެވެ
ލިސާ ޑިޔުޓީ ނިންމާފައި ނުކުތް އިރުވެސް އެންމެން ބޭރުގައި ތިއްބެވެ. ލިސާ އާއި ވާހަކަ ދެއްކުމުގެ ބޭނުމުގައެވެ. ލިސާ ގޮސް މަންމަގެ ގައިގައި ވަރަށް ލޯބިން ބައްދައިލިއެވެ. "އޮޕަރޭޝަން ކުރާނީ މިރޭގެ ދަންވަރުގެ ވަގުތެއްގަ. ގަޑި ހަމަޖެއްސީމާ އަހަރެން އެނބުރި އަންނާނަން. އަހަރެން ﷲ އަށް ދުޢާ ކުރާނަން. މަންމަމެން ބޭނުން ފަރާތަކަށް މަންމަމެން ދުޢާކުރޭ." ބުނެފައި ލިސާ ނުކުމެގެން ދިއައީއެވެ.
މިހުންނަނީ ދުނިޔޭގައި ކަން ހިނގާ ގޮތެވެ. ހިނގަމުންދާ ގޮތެވެ. މިއަދު މުޅި ޢާއިލާ އެތިބީ މީގެ 10 އަހަރު ކުރިން އެއްވެސް ބޭނުމެއް ނެތިގެން ހޮސްޕިޓަލަކަށް އެއްލައިލި ލިސާއަށް ބޭނުންވެ ސަޖިދަ ޖަހާ ހިސާބުގައެވެ.
ލިސާ ކައިވެނިކޮށްގެން އުޅެނީ ހޮސްޕިޓަލުން ބައްދަލުވެ އޭނާއަށް ކިޔަވައިދޭނެ ކަމަށް ބުނެ ހޮސްޕިޓަލުން ގެންދިއަ ޢަބްދުލްޙަކީމް ޢާއިއެވެ. މިއަދު ދެމަފިރިންނަށް 2 ދަރިންވެސް ވަނީ ލިބިފައެވެ. ޢަބްދުލްޙަކީމް މަސައްކަތް ކުރަމުން ގެންދަނީ ލިސާ މަސައްކަތް ކުރާނެ ހޮސްޕިޓަލް ފެންވަރުގެ އަމިއްލަ ކްލިނިކެއް ހަދައި ދިނުމަށެވެ.
ކަންކަން މެދުވެރިވާނެއެވެ. ކެތްތެރިވާށެވެ. ކޮންމެ ކަމެއްވެސް މެދުވެރިވާނީ ރަނގަޅަކަށް ކަމުގައި ޔަޤީންކޮށްގެން އަބަދުވެސް ހުންނާށެވެ! ލިސާޢަށް ކަންކަން ފަހިކޮށް ދެއްވެވި ﷲ ތަޢާލާގެ ރަޙްމަތްފުޅު ހުސްވުމެއް ނެތްކަން ހިތުގެ އަޑިން ޔަޤީން ކުރާށެވެ!
ސިކުނޑީގެ މައްސަލަ ޖެހޭތީ ހޮސްޕިޓަލަށް އިރުއުރުކޮޅުން ގެންދަން ޖެހުނު ލިސާ މިއަދު އެހެރީ ސިކުނޑި އޮޕަރޭޝަންކޮށް ބޮޑެތި ބަލިތަކަށް ފަރުވާކުރާށެވެ! "ޙަސްބިﷲ، ވަނިޢްމަލްވަކީލް"ގެ ބާރު ނުފެނޭ ހެއްޔެވެ؟
ލިސާ އެދުވަހު އެހައި ނިކަމެތިވީ ﷲ ތަޢާލާގެ މަގުގައި ސާބިތުވުމުންނެވެ. ޢާއިލާއިން ބާކީކޮށް އެއްލައިލީ ހަމަ އެސަބަބަށްޓަކައެވެ. ކަންކަން ބަދަލުވެގެން މިދިއަ ގޮތް ނިކަން ބަލައިބަލާށެވެ! ވިސްނައި ފިކުރުކޮށް ބަލާށެވެ! ނުސިހޭނީ ކާކު ހެއްޔެވެ؟
- މިޞުރުގެ ނޫޙެއްގައި ޝާއޢުކޮށްފައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެއް!