ރުކޫޢް ސުޖޫދުން ވައްކަން ކުރުން ކަމަށް ބުނެވެނީ ރުކޫޢުގައިވެސް އަދި ސަޖިދައިގައި ވެސް މަޑުކޮށް ނުލައި އަވަސް އަވަހަށް ރުކޫޢު ކުރުމަށާއި ސަޖިދަ ކުރުމަށެވެ. ރުކޫޢުގައި ވެސް މަޑުކޮށްލަން ވާނެއެވެ. ސަޖިދައިގައި ވެސް މަޑުކޮށްލަން ވާނެ އެވެ. މަޑުކޮށް ނުލައި ކުރުމަކީ ނަމާދުގައި ހުއްދަ ކަމެއް ނޫނެވެ.
- ޝައިޚް ޢަޒްމަތު ޖަމީލް
ނަމާދުން ވައްކަން ކުރުން ކަމަށް ބުނެވެނީ ދެއްކުންތެރިކަމުގެ ގޮތުން ނަމާދުކުރުމަށެވެ. ދެއްކުންތެރިކަމުގައި ކުރާ ނަމާދު ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. ދެއްކުންތެރި ކޮންމެ އަމަލަކީ ފާފައެކެވެ.
- ޝައިޚް އިބްރާހީމް ފަރީދު
(މިތަފްޞީލް ހާމަކުރީ ޝައިޚް މުޙައްމަދު އަނީލް "ނަމާދުގައި ރުކޫޢާ ސަޖިދަ ފުރިހަމަކުރާށެވެ! ފަހެ ވަގުންގެ ތެރެއިން އެންމެ ނުބައި ވަގުންނަކީ އެބައިމީހުންގެ ނަމާދުން ވައްކަންކުރާ މީހުން ކަމަށާއި، އެއީ އެމީހުންގެ ރުކޫޢާ ސަޖިދަ ފުރިހަމަ ނުކުރާ މީހުން" ކަމަށް ޙަދީޘްގައި ބަޔާންވެގެންވާ ކަމަށް ވިދާޅުވުމާއި ގުޅިގެން މިއަދުނޫހުގެ ބައެއް ކިޔުންތެރިން އިތުރު ތަފްޞީލަށް އެދިފައިވާތީއެވެ.)